National hepatitis program eh rasmeekoh raajjey gai fashaifi
image
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ހެލްތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ނެޝަނަލް ހެޕަޓައިޓިސް ޕްރޮގްރާމެއް ރަސްމީކޮށް ރާއްޖޭގައި ފަށައިފި

ނެޝަނަލް ހެޕަޓައިޓިސް ޕްރޮގްރާމެއް ރަސްމީކޮށް ރާއްޖޭގައި މިއަދު ފަށައިފި އެވެ.
ވައިރަލް ހެޕަޓައިޓިސް އަކީ ހެޕަޓައިޓިސްގެ އެކި ބާވަތްތަކުގެ ވައިރަސްގެ ސަބަބުން ފުރަމޭ ނުވަތަ ލިވާ އަށް ޖެހޭ ބައްޔެކެވެ. އެ ބަލީގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 1.34 މިލިއަން މީހުން މަރުވެ އެވެ.

ހެޕެޓައިޓިސް ބީ 2019 ފާހަގަކުރުމަށް ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފްލާގައި މި ޕްރޮގްރާމު ރަސްމީކޮށް ވަނީ އިއުލާނުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން އަންނަނީ ގައުމީ ފެންވަރުގައި މި ބަލި ފެތުރޭ ގޮތްތަކާއި މި ބަލި ފެތުރިފައިވާ މިންވަރު ބަލައި ދިރާސާކުރަމުން ކަމަށެވެ. އަދި މިދިރާސާތަކުގެ އަލީގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން މިބަލި ކޮންޓްރޯލުކޮށް، ބަލި ދެނެގަނެ، ބައްޔަށް ދެވޭ ފަރުވާ އާއި ފަރުވާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހެޕަޓައިޓިސް އަށް މަސައްކަތް ކުރުމަށް ނެޝަނަލް ހެޕަޓައިޓިސް ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނާ، މިއަދު ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތްތާންގައި ހެޕްޓައިޓިސް އަށް ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި އަކަމަށް ތައްޔާރު ކުރެވިފައިވާ ނެޝަނަލް ސްޓްރެޓީޖިކް ޕްލޭންއާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިބަލިތަކުން ރައްކާތެރިވުމަށާއި އަދި މިބަލިތަކަށް ފަރުވާކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހެޕަޓައިޓިސް ބީގެ ވެކްސިން ދެވޭ ކުދިންގެ ނިސަބަތް ވަނީ 98.5 އިންސައްތަގައި ދެމެހެއްޓިފަ އެވެ.

މީގެއިތުރުން އެމިބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް މާބަނޑު މީހުން ސްކްރީން ކުރެވި މައިންގެ ފަރާތުން ދަރީންނަށް ވާރުތަ ކުރާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރެވެ އެވެ. އަދި ހަމަ އެއާއެކު މިބަލި ދެނެގަންނާނެ ގޮތްތަކާއި ވެކްސިންގެ ހިދުމަތް ސިއްހީ ހިދުމަތްދޭ މަރުކަޒުންތަކުން ލިބެން ހުރެ އެވެ. އަދި ރާއްޖޭގައި ހެޕަޓައިޓިސް ބީ އަދި ސީއަށް ފަރުވާ ހޯދަމުންދާ ބޭފުޅުންނަށް އާސަންދައިގެ ދަށުން ހެޕަޓައިޓިސް ބީ އަދި ސީ އަށް ބޭނުންވާ ބޭސް ލުއިފަސޭހަ ކަމާ އެކު މިއަދުން ފެށިގެން އެސްޓީއޯގެ މައި ފާމަސީން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

ހެޕަޓައިޓިސް ވައިރަހުގެ 5 ވައްތަރެއް ފާހަގަކުރެވިފައިވެ އެވެ. އެއީ ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ އަދި އީ އެވެ. މިވައިރަހުގެ ސަބަބުން ފުރަމެޔަށް ޖެހޭ ބަލިތައް ދިގު މުއްދަތަކަށް ދެމިހުރެ އެވެ. އަދި ފުރާނައަށް ނުރައްކާތެރިވާ ފަހަރުވެސް އާދެ އެވެ. މިބަލިޖެހިފައިވާ ކަން ނޭނގި ކިތަންމެ ގިނަ އަހަރުތަކެއް ވެސް ހިނގައިދާނެ އެވެ. އެހެންކަމުން މިބައްޔަކީ ކޮންޓްރޯލުކުރަން އެހާ ފަސޭހަ ބައްޔެއް ނޫނެވެ. ހެޕަޓައިޓިސްގެ ސަބަބުން 82 އިންސައްތަ މީހުންނަށް ފުރަމޭގެ ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ.

ދުނިޔޭގައި 325 މިލިއަން މީހުންނަށް ހެޕަޓައިޓިސްގެ އަސަރުކޮށްފައިވެ އެވެ. ހެޕަޓައިޓިސް ވައިރަސް ފެތުރެނީ ސާފުތާހިރު ނޫން ފެނުގެ ސަބަބުންނާއި، އިންޖެކްޝަން ޖެހުމުގެ ސަބަބުން ގައިން ނިކުންނަ ލޭގެ ސަބަބުންނާއި، ޖިންސީ ގުޅުމުންނާއި މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވުމުގެ ސަބަބުންނެވެ.

ރައްކާތެރި ނޫން ގޮތުގައި ބޭނުން ކުރެވޭ ސިރިންޖުގެ ސަބަބުން ގާތްގަނޑަކަށް ދެ މިލިއަނެއް ހާ މީހުން ހެޕަޓައިޓިސް ބީ އާއި ހެޕަޓައިޓިސް ސީ އަށް ފާހަގަކުރެވިފައިވެ އެވެ. މިބަލި ފެތުރުމަށް ގިނަގޮތްތަކެއް ހުރި ކަމުގައިވީ ނަމަވެސް މި ބަލިން ރައްކާތެރިވުމަށްވެސް ވަނީ ގޮތްތަކެއް ހޯދިފަ އެވެ.

ހެޕަޓައިޓިސް އޭ، ބީ އަދި އީ އަށް ވެކްސިން ހޯދިފައިވާއިރު ހެޕަޓައިޓިސް ޑީ ޖެހުމުގެ ނުރައްކާ ބޮޑީ ކުރިންވެސް ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހުންނަށެވެ. ހެޕަޓައިޓިސް ބީ ޖެހިފައި ނުވާ މީހެއްނަމަ ހެޕަޓައިޓިސް ބީއަށް ހާއްސަ ކުރެވިފައިވާ ވެކްސިން ބޭނުން ކުރެވިދާނެ އެވެ.

ހެޕަޓައިޓިސް އޭ އާއި އީ އާންމުކޮށް ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ބޮޑުކަމުދާ ތަކެތީގެ އަސަރުކޮށްފައިވާ ފެނާއި ކާނާ ބޭނުން ކުރުމުގެ ސަބަބުންނެވެ. ހެޕަޓައިޓިސް ބީ އާއި ސީ އަދި ޑީ ޖެހެނީ އެވައިރަހުގެ އަސަރުކޮށްފައިވާ ލެއިން ނުވަތަ ޖިންސީ ގުޅުމުގެ ސަބަބުންނެވެ.

މައިމީހާގެ ފަރާތުން އާންމުކޮށް ޖެހެނީ ހެޕަޓައިޓިސް ބީ އެވެ. ނަމަވެސް ވަރަށް މަދުން ނަމަވެސް ހެޕަޓައިޓިސް ސީ ޖެހެ އެވެ. ދުނިޔޭގެ 86 އިންސައްތަ ތުއްތު ކުދިންނަށް މިހާރު ވަނީ ހެޕަޓައިޓިސް ބީގެ ވެކްސިން ދެވި އެ ނުރައްކަލުން ސަލާމަތް ކުރެވިފަ އެވެ. ކުއްޖާ ވިހާތާ 24 ގަޑިއިރު ތެރޭގައި ވެކްސިން ޖެހުމާއި ވައިރަހުގެ އަސަރު ފެތުރިގެން ދިޔަ ނުދިނުމަކީ އެންމެ މުހިއްމު ދެ ކަންތަކެވެ.

ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ އާއި "ވޯލްޑް ހެޕަޓައިޓިސް އެލަޔަންސް" އިން ދުނިޔޭގެ ހެޕަޓައިޓިސް ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ 28 ޖުލައި އެވެ.

މިދުވަސް ފާހަގަކުރަނީ ހެޕަޓައިޓިސް ބީ ވައިރަސް ހޯދައި އެބައްޔަށް ވެކްސިން (އެޗްބީވީ) ހޯދި ނޯބަލް ޕްރައިޒް ހޯދާފައިވާ ޕްރޮފެސަރު ބެރަކް ސެމުޔަލް ބްލަމްބާގްގެ އުފަން ދުވަހުގަ އެވެ. މިއަހަރުގެ ހެޕަޓައިޓިސް ދުވަހުގެ ޝިއާރަކީ "އިންވެސްޓް އިން ހެޕަޓައިޓިސް"މިއެވެ. މިޝިޔާރުގެ ދަށުން ހެޕަޓައިޓިސްއިން ރާއްކާތެރިވުމަށްޓަކައި ނަގަން ޖެހޭ ފިޔަވަޅުތައް ނެގުމަށް ސަމާލުކަން ދިނުމަށް ގޮވާލަ އެވެ.
ހިޔާލު