Faresmaathoda gai juzaamu bali fethurey habarakee dhogeh kamah bunefi
image
0 ކޮމެންޓް
 

ފަރެސްމާތޮޑާގައި ޖުޒާމު ބަލި ފެތުރޭ ހަބަރަކީ ދޮގެއް ކަމަށް ބުނެފި

ގދ. ފަރެސްމާތޮޑާގައި ޖުޒާމު ބަލި ފެތުރެމުންދާ ކަމަށް ބުނެ އެރަށު ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނަކީ އޮޅިގެން ކުރެވުނު އިއުލާނެއް ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
މިމަހުގެ 17 ގައި އެރަށު ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނީ 1960 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި އެރަށުގައި ވެސް ފެތުރެމުންދިޔަ ޖުޒާމު ބަލި މިހާރު އެރަށުގައި ފެތުރެމުންދާ ކަމަށެވެ. އަދި އެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުން އެރަށުގައި އެބައުޅޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެކަމަކު އެކަމާ ގުޅިގެން ސީއެންއެމުން ފަރެސްމާތޮޑާ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ސޮބާހްއާ ސުވާލުކުރުމުން ވިދާޅުވީ އެއީ ދޮގު ހަބަރެއް ކަމަށެވެ. އަދި އެބަލި ރިޕޯޓު ކުރުމަކީ އެ ބައްޔަށް މީހަކު ފަރުވާ ކުރުން ނޫން ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވެސް ސޮބާހް ވިދާޅުވި އެވެ.

އެގޮތުން އެއްވެސް މީހަކަށް އެ ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވާނެތޯ ސުވާލު ކުރުމުން ވެސް އެކަމާ ގޮޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށްވެސް ސޮބާހް ވިދާޅުވި އެވެ.

އެރަށު ސިއްހީ މަރުކަޒުން ކުރި އިއުލާނުގައި ވަނީ ޖުޒާމު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ އެބަލި ކޮންޓްރޯލުކުރުމަށްޓަކައި ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ ހޯދުން ކަމަށް ވެސް ބުނެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޓީމެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި އެރަށަށް ގޮސް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަމަށް ވެސް އިއުލާނުގައި ބުނެ އެވެ، އެހެންވެ އެ ބައްޔަށް މީހުން ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް އަލުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ސިއްހީ މަރުކަޒުގައި ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭގައި ވެއެވެ.

އެ ބަލި ރާއްޖޭގައި ފެތުރެމުންދާ ކަމަށް ފެތުރޭ އަޑުތަކާ ގުޅިގެން އަދި އެޗްޕީއޭގެ ބަހެއް ނުލިބެ އެވެ. މި ބައްޔަކީ ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ.
ހިޔާލު