Gina dhuvahu hidhumaiy kohdhin muvahzzafunnah BML in Awad eh dheefi
image
ރޭ ބޭއްވި ހަފްލާގެ ތެރެއިން---ފޮޓޯ:ބީއެމްއެލް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ގިނަ ދުވަހު ހިދުމަތް ކޮށްދިން މުވައްޒަފުންނަށް ބީއެމްއެލްއިން އެވޯޑެއް ދީފި

ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި އެ ހާއްސަ ހަފްލާގައި ބީއެމްއެލްއަށް 15އަހަރާއި 20އަހަރާއި، 25އަަހަރުގެ އިތުރުން 30އަހަރާއި 35 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ. އެ އެވޯޑު މުވައްޒަފުންނަށް ހަވާލު ކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޓިމް ސޯޔާ އެވެ.

ޖުމްލަ 30 މުވައްޒަފަކަށް އެ އެވޯޑު ލިބިގެން ދިޔައިރު، 35 އަހަރު ބޭންކަށް ހިދުމަތްކޮށްދީފައިވާ އެ ބޭންކުގެ ، ހެޑް އޮފް ރިކަވަރީސް ފާތިމަތު ރަޝީދާ އަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.

މީގެ އިތުރުން ބީއެމްއެލްއަށް 30 އަހަރު ހިދުމަތް ކޮށްދީފައިވާ ސީނިއާ އޮފިސަރު، އިންޓަނޭޝަނަލް ބޭންކިން އަމްސޫދާ ނައީމާއި ކަސްޓަމާ ސާވިސް ޑެޕިއުޓީ މެނޭޖަރު އާމިނަތު ނަސީމާއި މެނޭޖަރު، ޗެކް ޕްރޮސެސިން އައިޝަތު ސަދްނާގެ އިތުރުން އަދި ވޭމަންޑޫ ބްރާންޗުގެ މެނޭޖަރު އަބްދު ﷲ ޝަމީމް އަށްވެސް ހާއްސަ އެވޯޑެއް ދީފައިވާ ކަަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކަށް ވޭތުވެދިޔަ އަހަރުތަކުގައި އެބޭފުޅުން ކޮށްދެއްވައިފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގައި ހީވާގިކަމާއެކު ދިގު މުއްދަތަކަށް މަސައްކަތްކުރާ މުވައްޒަފުން ދެމެހެއްޓި، މުވައްޒަފުންގެ އަގުވަޒަން ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ފަހުރެއް. ތިޔަ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން. މުވައްޒަފުން ނަމޫނާ އެއްގެ ގޮތުގައި ބަލަނީ ވެސް ހަމަ ތިޔަ ބޭފުޅުން. ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށްޓަކައި ޝުކުރު ދަންނަވަން." ބީއެމްއެލްގެ އާ ސީއީއޯ ޓިމް ސޯޔާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ.

ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ދޭ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަ ބްރޭންޑް އެވޯޑް" މިއަހަރު ކުރީކޮޅު ބީއެމްއެލްއިން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދާފައެވެ.
ބީއެމްއެލް
ހިޔާލު