Miaharu Juzaam bali jehunee raajjein 3 meehakah: HPA
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މި އަހަރު ޖުޒާމް ބަލި ޖެހުނީ ރާއްޖެއިން ތިން މީހަކަށް: އެޗްޕީއޭ

މި އަހަރު މިހާތަނަށް ޖުޒާމް ބަލި ޖެހުނީ ރާއްޖެއިން ތިން މީހަކަށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ގދ. ފަރެސްމާތޮޑާގައި ޖުޒާމު ބަލި ފެތުރެމުންދާ ކަމަށް ބުނެ އެރަށު ސިއްހީ މަރުކަޒުން ކުރި އިއުލާނަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ އިއުލާނަކީ އޮޅިގެން ކުރެވުނު އިއުލާނެއް ކަމަށް އެރަށު ސިއްހީ މަރުކަޒުން ފަހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއިން އެވްރެޖުކޮށް ފެނިފައިވަނީ އަހަރަކު ތިނަކާއި ހަތަކާ ދޭތެރޭ ބަލިމީހުންނެވެ. މިއަހަހަރު މިހާތަނަށް ފެނިފައިވަނީ ލެޕްރަސީ ޖެހިފައިވާ ތިން މީހުން ކަމަށް އެޗްޕީއޭ އިން ވަލީ ބުނެފައެވެ.

އޭގެ އިތުރުން 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ލެޕްރަސީ މުޅިން އެއްކޮށް ނައްތާލުމަށްޓަކައި މިއަހަރު ޖޫންމަހު ފެށިފައިވާ "ޒީރޯ ލެޕްރަސީ" މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ލެޕްރަސީ އަށް ސްކްރީން ކުރަން ވަނީ ފެށިފައެވެ.

އެގޮތުން ފަރެސްމާތޮޑާގައި ވެސް ސްކްރީނިން ޕްރޮގްރާމް ވަނީ ފެށިފައި ކަމަށާއި އެ ގޮތަށް ސްކްރީން ކުރުމުގެ ބޭނުމަކީ އާބާދީގައި ބަލި ހުރި މީހަކު ވޭތޯ ދެނެގަނެ ފަރުވާ އަވަހަށް ފެށުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުން ސްކްރީނިންގް ޕޮރޮގްރާމަށް ރަށުގެ ވީހާވެސް ގިނަ މީހުން ގެނައުމަށް ބާރުއަޅުއްވައި ރައްޔިތުންނަށް އަންގަވުން ގެންދާ ކަމަށެވެ.

ޖުޒާމު ބައްޔަކީ މިހާރުވެސް ރާއްޖޭގައި މަދުން ނަމަވެސް ފެންނަމުންދާ ބައްޔެކެވެ. އެހެންނަމަވެސް، އެ ބަލި ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް މަދުކުރެވިފައިވާ ކަމަށް 1997 ގައި ފާހަގަ ކުރައްވާފައިވެއެވެ.

ލެޕްރަސީ އަކީ ބަލި ހުރިކަން ދެނެގަނެ އަވަހަށް ފަރުވާ ފެށި ގަވައިދުން ބޭސް ބޭނުން ކުރުމުން އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެކެވެ. ލެޕްރަސީގެ ކޮންމެ ބަލި މީހަކީވެސް، ބަލި ދެނެގަނެވުމާއެކު ކަމާ ބެހޭ ޑޮކްޓަރުންނާއި އެ އޭޖެންސީގެ ހާއްސަ ބެލުމުގެ ދަށުން ފަރުވާ ފެށި، އަދި މުޅިން ރަނގަޅުވަންދެން ބަލިމީހާގެ ހާލަތު ބެލެހެއްޓެމުންދާ މީހެކެވެ.

އޭގެ އިތުރުން ބަލިމީހާގެ އާއިލާ އަށާއި ގާތް މީހުންނަށް ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް އޮޅުންފިލުވައިދިނުމާއެކު، ބަލިމީހާ ދިރިއުޅޭ ރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން ގާތުން މޮނިޓާ ކުރެވެމުން ދާނެއެވެ.
ހިޔާލު