Kuda iru ufedhunu shaugaai eku kuriyah dhiya Naufa, Kaamiyaabu viyafaari veriyakah!
image
ނައުފާގެ މަސައްކަތެއް
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ކުޑައިރު އުފެދުނު ޝައުގާ އެކު ކުރިއަށްދިޔަ ނައުފާ، ކާމިޔާބު ވިޔަފާރިވެރިއަކަށް!

ޒަމާންތައް ބަދަލުވަމުން އައިސް ޓެކްނޮލޮޖީ މިވަނީ ހަޔާތުގެ ބޮޑު ދައުރެއް އަދާ ކުރާ އެއްޗަކަށް ވެފަ އެވެ. ދިރިއުޅުމާއި ޓެކްނޮލޮޖީ އާއި ގުޅިލާމެހިފާވާއިރު ކޮންމެ ދާއިރާއަކަށް ބެލި ކަމުގައިވިޔަސް އޭގެ މުހިއްމުކަން ވަރަށް ރަނގަޅަށް ފެނިގެން އެބަދެ އެވެ.
ޓެކްނޮލޮޖީ ދާއިރާ އަށް ބަލާއިރު އެ ދާއިރާއަކީވެސް ފުޅާ ދާއިރާއެއްގައި އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެފައި އޮތް ދާއިރާއެކެވެ.

މީގެތެރޭގައި އައިޓީ ގްރެފިކް ޑިޒައިނިން އާއި އިލަސްޓްރޭޝަން، ޓެކްނީޝިއަންސް އާއި ތަފާތު މަސައްކަތްތައް ހިމެނެ އެވެ. މި ދާއިރާގައި އާންމުކޮށް މަސައްކަތް ކޮށް އުޅެނީ ފިރިހެނުން ކަމުގައި ހީވެފައި އޮތް ނަމަވެސް މިހާރު އަންހެނުންވެސް ދަނީ މި ދާއިރާގައި ފިޔަ ޖަހަމުންނެވެ.

މާލެ އަށް އުފަން އުމުރުން 27 އަހަރުގެ ނައުފާ ޒަކީ އަކީ ކުޑައިރުއްސުރެ ކުރެހުމަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. ކުޑަ އިރުގައި ކުރެހުމަށް އުފެދުނު ޝައުގުވެރިކަމާއެކު އެ ދާއިރާ އިން އިތުރަށް ކުރިއަށް ގޮސްފައިވާ ނައުފާ އަކީ ގްރެފިކް ޑިޒައިނިންގެ ދާއިރާއިން އާމްދަނީ ހޯދަމުން އަންނަ ކާމިޔާބު ވިޔަފާރިވެރިއެކެވެ.

"ކުޑައިރުއްސުރެ ވަރަށް ކުރަހާ ހިތްވޭ. މަންމަ ހުންނާނެ ވާހަކަ ފޮތްތައް ހޯދައިދީފަ. އެ އެ އެއްޗެހި ތަކުގެ މަތީގައި އޮއިލް ލީމަ ހުންނާނެ ވަރަށް ރީއްޗަށް އަރާފަ. އެ އެއްޗެހި ޓްރޭސް ކުރާ ހަނދާންވޭ" ކުޑަ އިރުއްސުރެ ކުރެހުމަށް ޝައުގުވެރިކަން ހުންނަ ވާހަކަ ކިޔައިދެމުން ނައުފާ ބުންޏެވެ.ނައުފާ އަކީ ގްރޭޑް ހަޔެއް، ހަތެއް ގައި އުޅުނު އިރުވެސް ޕްރެކްޓިކަލް އާޓްސް މާއްދާއިން ރަނގަޅު ނަތީޖާ ތަކެއް ހޯދަމުން އައި ދަރިވަރެކެވެ.

"ގްރޭޑް ހަޔެއް ހަތެއްގައި އުޅުނު އިރު ޕްރެކްޓިކަލް މާކްސް. އެ މާއްދާ އިން ވަރަށް ހިތްހަމަޖެހޭ މާކްސް ތަކެއް ލިބުނު. އެއް ފަަހަރު ލިބުނު ހަމަ ފުލް މާކްސް ވެސް" ނައުފާ ބުންޏެވެ.

ސްކޫލް ދައުރުގައިވެސް ކުރެހުމުން ވިދަމުން ދިޔަ ނައުފާ ގްރެފިކް ޑިޒައިނިން އަށް ހިތްޖެހެން ފެށީ ސާނަވީ ތައުލީމް ފެށުނު ހިސާބުންނެވެ. އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ކޮމްޕިއުޓިން ނެގި ހިސާބުން އެ ދާއިރާއިން ކުރިއަށް ދާން ފަސޭހަވި އެވެ.ސްކޫލް ދައުރުގައި ކުރެހުމުން ހޯދުނު ފޮނި ކާމިޔާބީތަކަކާ އެކު ގްރެފިކް ޑިޒައިނިން ކޯސް ހެދުމަށްފަހު މަސައްކަތުގެ މައިދާނަށް އެންމެ ފުރަތަމަވެސް ނުކުތީ ޑިޖިޓަލް އާޓިސްޓެއްގެ ގޮތުގަ އެވެ.

ނައުފާ ބުނީ ޑިޖިޓަލް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމި ނިންމުމަކީ މި ދާއިރާގައި ގިނަ އެއްޗެހި ތަކެއް ދަސްވެގެން ދިޔުމަށް ހުޅުވުނު ދޮރެއް ކަމަށެވެ.

އޭނާގެ ހަޔާތުގައި އައި އެންމެ މުހިއްމު ދުވަހަކީ އެންމެ ފުރަތަމަ ދަރިއަކު ލިބުނު ދުވަސްކަން ފާހަގަކޮށް ނައުފާ ބުނީ ވިޔަފާރިއެއް ހިންގަން ވިސްނުމަށް އައީވެސް އެހިސާބުން ކަމަށެވެ. ހާލަތު ތަންދިން ގޮތުން އޭރު ވަޒީފާ އަކަށް ދެވެން ނެތް ކަމަށާއި ވިސްނީ ގޭގައި އިނދެގެން މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމަށް ކަމަށް ނައުފާ ބުންޏެވެ.


ނައުފާ އޭނާގެ ދަރުފުޅާއި އެކު--

"ދަރިއަކު ލިބުނު ހިސާބުން ހިތަށް އެރީ މި މަސައްކަތް ހުއްޓައެއް ނުލާނަމޭ. ހާލަތު ތަންދިން ގޮތުން ވަޒީފާއަކަށް ދެވޭކަށް ނެތް އެ ދުވަސްކޮޅު. ދެން ވިސްނީ ގޭގައި އިނދެގެން މަސައްކަތް ކުރެވޭނެ ގޮތެއް. " ނައުފާ ބުންޏެވެ.

އޮންލައިން މެދުވެރިކޮށް ވިޔަފާރިތައް ހިންގަމުން އަންނަ ޒަމާނަކަށް ވުމުން ނައުފާ ވެސް ފެށީ އޮންލައިންކޮށް ވިޔަފާރިއެއް ފަށާއި މި ދާއިރާއިން ކުރިއަށްދާށެެވެ.

"އާޓްވޯލްސް"ގެ ނަމުގައި އެ ވިޔަފާރި ހިންގަމުން އަަންނަ އިރު ނައުފާ ބުނީ ފެށިގެން އައި ދުވަސްކޮޅު ޕޭޖަށް ފޮލޯވާސް ހޯދަން ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ. ނަމަވެސް ރައްޓެހިންނާއި އާއިލާ މީހުންގެ ފުރިހަމަ އެއްބާރުލުމާއެކު މިހާރުު ވިޔަފާރި އިތުުރަށް ފުޅާވެ ކުރިއަރަމުންދާ ކަމަށް ނައުފާ ބުންޏެވެ.

View this post on Instagram

#illustration #digitalart #womanillustration

A post shared by ArtWall (@artwallmv) onމިފަދަ މަސައްކަތެއް ކުރިއަށް ދާނީ އާއިލާ މީހުންގެ އެއްބާރުމާއި ހިތްވަރާއި އެކީގައި ކަން ޔަގީނެވެ. އެގޮތުން މިދާއިރާ އިން ކުރިއަށްދާން އެންމެ ބޮޑު ހިތްވަރަކާއި އެހީއެއް ލިބުނީ މަންމަ އާއި ފިރިމީހާގެ ފަރާތުން ކަމަށްވެސް ނައުފާ ބުންޏެވެ.

"ހުރިހާ އެންމެންވެސް ބުނާނެ ވަރަށް ރީއްޗޭ ޑިޒައިން ކުރާ އެއްޗެހި، ނައުފާ އަށް ތިކަން ވާނެ އޭ. މަންމަ އަބަދުވެސް ބުނާނެ ނައުފާ އަށް ތިކަން ކުރަން އެނގޭތީ ވަރަށް ޕްރައުޑް ވެޔޭ. ކުރަހާލާ ގަޑީގައި ފިރިމީހާ ކައިރީވެސް އަހާލަން ކޮން ކުލައެއް ލީމަހޭ ރަނގަޅުވާނީ. މި ކިހިހނެއް އިނީމަހޭ ރަނގަޅުވާނީ، ވަރަށް ގިނަ މީހުންގެ އެހީތެރިކަން ލިބޭ" ނައުފާ ބުންޏެވެ.

"އާޓްވޯލްސް"ގެ ނަމުގައި ނައުފާ ވިޔަފާރިއެއް ހިންގަމުން ގެންދާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. ކުރެހުމުގެ ދުނިޔެއަށް ނައުފާގެ ޝައުގުވެރިކަން ހުރި މިންވަރު ވަރަށް ފުރިހަމަ އަށް ފެނިގެން ދިޔަ އެވެ. ނައުފާ ދެކެނީ ގްރެފިކް ޑިޒައިނިންގެ މަސައްކަތަކީ ރަނގަޅު ގޮތުގައި ކޮށްފިނަމަ ހިތްހަމަޖެހޭ ފަދަ އާމްދަނީ އެއް ލިބޭނެ މަސައްކަތެއް ކަމަށެވެ.
މީހުން
ހިޔާލު

ސައި

އަންހެނުންނަށް ނުކުރެވޭނެ ކަމެއް ނޯންނާނެ. ތިޔަ ދައްކައިދޭ މިސާލައް ޝުކުރިއްޔާ!