VAAHAKA: Dhin Ufaa Loabin
image
ފުނަމާ
2 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

(22 ވަނަ ބައި)
"މުސްކާންގެ ދެލޮލުގެ އެސްފިޔަތައް ކޮޕީ ޕޭސްޓްކޮށްލާފައި އޮތްހެން ހީވަނީ.." މުސްކާން ބުނެލިއެވެ. ކަޅުކަން ގަދަ އެސްފިޔައިގެ ކުލައާއި ބައްޓަންވެސް މުސްކާން ފާހަގަކޮށްފިއެވެ. ދުރުމީހަކާއިމެދު ކަންކުރެވޭ ގޮތްތަކަށްވުރެން މާބޮޑަށްވެސް ބާރުގަދަ އިޙްސާސްތަކެއް ކުރެވެނީއެވެ. ޑޮކްޓަރ އުއްމީދުކުރައްވަނީ ގިނައިރުތަކެއްނުވެ، ފާތިމާގެ ޙާލު މަޑުމަޑުން ރަގަޅުވާން ފަށާނެކަމަށެވެ. އޭނާއާއި ވާހަކަދައްކައި ނުލެވެނީސް މުސްކާން ހިތްހަމައެއް ނުޖެހޭނެއެވެ.

"އެތައް ދުވަހެއްވަންދެން، އޭނާއަށްވަނީ މެދުނުކެނޑި އަނިޔާކޮށްފައި.. ޑޮކްޓަރ މިހާރުއެވަނީ ޕޮލިހުންނަށްވެސް ރިޕޯޓްކޮށްފައި.. ފާތިމާއަށް އިންސާފުލިބެންޖެހޭނެ.. ރަޙްމަތްނެތް ވަކިތަކަކުން، އޭނާގެ ހަށިގަނޑު ނޮޅައިގެން ކައިފައި އެއޮތީ.. ހާދަހައި އަނިޔާވެރިބައެކޭ.. މި މަރުކަޒަށް ފާތިމާ ގެނެވުނުފަހުން އަދި ހަފްތާއެއްވެސް ނުވާކަމަށް، އެތަނުން އެބައޮތް މައުލޫމާތުދީފައި.. އެހެންވީމައި އެހެންބަޔަކު ކުރި އަނިޔާތަކެއްގެ ސަބަބުން ފާތިމާ އެދިޔައީ ވޭންތަކެއް ބަރުދާސްތުކުރަމުން.. ޖިސްމާނީގޮތުން ވަރަށް ބޮޑެތި ޒަޚަމްތަކެއް ދީފައިހުރީ.. ގަބޫލުކުރަންވެސް ދަތި! އެކަމަކު މިއީ ހަޤީގަތް" މުސްކާންގެ ލޮލުން އެންމެ ކަރުނައެއްވެސް ވިދާނުލައެވެ. ނާއުއްމީދުން ފުރިފައިވާ އަސަރުތަކެކެވެ. ބޮލަށްބަރުވެ ސިކުނޑިއަށް އުނދަގޫތަކެއްވެފައިވާކަން ޔަގީނެވެ.

ފަސޭހައިން ރޮވޭ މާމަ ދަރިފުޅުގެ މޫނަށް ބަލަން، މުރުޝިދާއަށް ހުރެވުނު ސަބަބަބީވެސް އެއީއެވެ. އެންމެ ކަރުނައެއްވެސް ނުވެއްޓުނީތީއެވެ. މުސްކާންގެ ހިތާއި ސިކުނޑީގައި އެވަގުތު އެވަނީ ރުޅި ނުވަތަ ނަފުރަތާއި ބަދަލުހިފުމުގެ ރޫޙްކަމެއް ވަކިކުރާން މުރުޝިދާއަށް ދަތިވިއެވެ. މުސްކާންއާއި ގާތަށް މުރުޝިދާ ޖެހިލިއެވެ.

"ދަރިފުޅު ރުޅިއައިސްފައިތަ؟ ކީއްކުރަން ޕޮލިހުންނަށް ރިޕޯޓްކުރަނީ؟ ސަލާމަތްވެސް ނުވެވޭނެ.. މިއީ އިންޑިޔާ! ދިވެހިރާއްޖެއެއްނޫން.. ހެޔޮނުވާނެ ޒަމީލް! މުސްކާންއަށް ވިސްނައިދީބަލަ!" މުރުޝިދާ ހިތްހަމަނުޖެހުނެވެ. އަޑުހަރުކޮށްބުނަން ބޭނުންވިޔަސް، ރުޅިގަނޑު ހިންދާލަން މަސައްކަތްކުރަމުން، ކޮލުދަތްތަކަށް އިންތިހާއަށް ބާރުލެވުނެވެ. ފުންނޭވާއެއް ދޫކޮށްލާފައި ޒަމީލްއާއި ގާތަށް މުރުޝިދާ ޖެހިލިއެވެ.

"މާމަ ބޭނުމެއްނޫން، ތިކަހަލަ ކަމެއްގެ ތެރެއަށް ދަރިފުޅު ވަންނާކަށް.. ބައްޕަ ކުޑަކޮށްވެސް ޤަބޫލެއްނުވާނެ.. ޒަމީލް އެއްޗެކޭ ނުބުނެ ތިހުންނަނީ ކީއްވެތަ؟" މުރުޝިދާ ބޭނުންވީ ހަމައެވަގުތުވެސް މުސްކާން ގޮވައިގެން އެތަނުން ނިކުންނާށެވެ. ޒަމީލް ހިމޭނުން ހުރުންވެސް މުރުޝިދާއަށް ކަމަކު ނުދިޔައެވެ.

"ބޮލުން ނައްޓުވައިލާފައި، ރެކެންޖެހޭ ކަންކަން ދުނިޔޭގައި ހުންނާނެ މާމާ.. އެކަމަކު މިކަހަލަ ކަންކަމަކީ އެންމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް.. އޭނާއަށް އެހީވެގެން އަހަރުމެންނަށް އޮތީ ކޮންފަދަ މަންފާއެއްކަމެއްވެސް ނޭގޭނުން؟ އަމިއްލަ ޤައުމަށްނުވިޔަސް، އަދި ބަލަދުއަރާ މީހަކަށްނުވިޔަސް، ރައްޓެއްސަކަށްނުވިޔަސް، ނުވަތަ އެއްދީނެއްގެ މީހަކަށްނުވިޔަސް، އަނިޔާއެއްގެ މައްޗަށް އިންސާނާ ދޫކޮށްލުމަށް އަހަރުމެންގެ ތެރެއިން ހަމަބުއްދިހުރި އެކަކުވެސް އެއްބަސްވާނެކަމަކަށް ގަބޫލެއްނުކުރެވޭ.. އެއީ އަޅާލާނެ އެއްވެސް މީހަކު ނެތް ވަރަށް ބޮޑު ނިކަމެއްޗެއް.. ފާތިމާގެ ނަމުގެ ފަހަތައް އޭނާގެ ބައްޕަގެ ނަންވެސް ހިމަނާފައިނުވޭ.. މާމާ! އަހަރެންގެ ސިކުނޑިއަށް އުނދަގޫވަނީ އޭނާ ދޫކޮށްލާފައި ދާން.. ފުލުހުންނަށް ރިޕޯޓްކުރުމަކީ ބިރުވެރިކަމެއްނޫން.. ނާންމާން ކަމެއްވެސް ނޫން.. އެ ގައުމެއްގައި އޮންނަ އުސޫލަކުން ކަންކަން ކުރުމަށް އަހަރުމެންވެސް ދަސްކުރަންވާނެ.. އަހަރެން ކުށެއް ނުކުރަން.. މާމައާއި ކާފަވެސް ކުށެއްނުކުރޭ.. ދެން ކޮންކަމަކާ ބިރުގަންނަނީ؟ އެމީހުން ބޭނުންވާ މައުލޫމާތެއް އަހަރުމެން ދިނީމައި ނިމުނީ.. ތިން މީހުންގެ ޞައްޙަ ޕާސްޕޯޓް އަތުގައި އެބައޮތް.. ދެން ކޮބާ މައްސަލައަކީ؟ މާމަ ހިތްހަމަޖައްސާލަބަލަ.. ހުރިހައި ކަމެއްވެސް ވާނީ ރަގަޅަށް.. ކޮންމެ ކަމަކަށްވެސް ﷲ ސަބަބެއް މެދުވެރިކުރައްވާނެ.. އެކަން ދެނެގަންނަށް މާގިނަ ވަގުތުތަކެއް ބޭކާރުކުރާނެކަމެއް ނެތެއްނުން.. އަނިޔާވެރިންނަށް ހައްޤު އަދަބުދޭނީ އެކަންކަމަށް ކަނޑައަޅާފައި ތިބޭ ފަރާތްތަކުން.. އިންޝާﷲ ފާތިމާއަށް އިންސާފު ލިބޭނެ" މުސްކާންގެ އަޑުގައި ހިތްވަރާއި ޢަޒުމު އެބަހުއްޓެވެ. މުރުޝިދާ ބިރުގަތީވެސް މުސްކާންގެ ވާހަކަދެއްކުމުގެ ރާގުގައި ހުރި ޔަގީންކަމުގެ ސަބަބުންނެވެ. އެ އަންހެންމީހާގެ ހާލަތަށް މުސްކާން އެވަރުގެ ހަމްދަރުދީއެއް އުފެދުނު ސަބަބެއް މުރުޝިދާއަށް ނުވިސްނިގެންނެވެ.

އެހެންމީހުންގެ ހިތާމަތަކުގައި ބައިވެރިވުމަކީ މުސްކާންއަށްލިބޭ ހިތްވަރެއްކަން މުރުޝިދާއަށްވެސް އެނގެއެވެ. އެކަމަކު މިފަދަ ގޮތަކަށް ކަންކަން ދިމާވެދާނެކަމަށް ހީވެސް ނުކުރެވުނީއެވެ. ނަމަވެސް ހިތް ރުއްސާލައިގެން ހުރުން ނޫން ގޮތެއް ނެތެވެ.

ގިނައިރެއްނުވެ ފުލުހުން އައިސް ބަޔާން ނަގައިފިއެވެ. ކުރަންޖެހޭ ހުރިހައި ސުވާލެއް މުސްކާންއާއިވެސް ކުރިމަތިކުރިއެވެ. ސާބިތުކަމާއެކު ޖަވާބުދިނެވެ. ބޭނުންޖެހިއްޖެނަމަ، އަދިވެސް ބައްދަލުކޮށްލާން ޖެހިދާނެކަމަށްބުނެ، ފުލުހުން އެނބުރިދިޔައީ ފާތިމާއަށް އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހައިކަމެއް ވީއެންމެ އަވަހަކަށް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. މުސްކާންގެ މަސައްކަތަށް ތަޢުރީފުކުރިއެވެ. މުޖުޠަމައުތަކުގެ މައްސަލަތަކުގައި ހިތްވަރާއެކު މަސައްކަތްކޮށް، ކާމިޔާބުގެ އައްސޭރިއަށް ވާޞިލްވެވޭނެ ގޮތްތައް މުސްކާންއަށް ބުނެދިނެވެ. މުރުޝިދާއަށް ޖެހުނީ، މުސްކާންގެ ފަޅިއަށްއަރައި، ހަތިޔާރު ބަހައްޓާށެވެ.

"ހިތާއި ދެކޮޅަށްވެސް މިޖެހުނީ މި ހޮސްޕިޓަލުގައި ތިބެން" ހިތްހަމަނުޖެހިފައި މުރުޝިދާ ބުނެލިގޮތުން މުސްކާން ހިނިއައެވެ.

"ފޮށިތަންމަތިވެސް މިތަނަށް ގެނެސްދޭންވީދޯ" މުރުޝިދާއާއި ދިމާކޮށްލުމުގެގޮތުން ޒަމީލް ބުނެލިއެވެ. މާމައާއި ކާފައާއެކު މުސްކާން ހިނިތުންވެ ވަގުތުކޮޅެއް ހޭދަކޮށްލަން އެހީތެރިވެދިނީ ޒަމީލްގެ މަޖާމިޒާޖެވެ.

***
ޢަސްރުގެ ފިނިކަން އިޙްސާސް ނުވަނީސް، އުޑުމަތި ބަނަކުރާންފަށައިފިއެވެ. ކަޅުވިލާތަކުން އުދަރެސް ބައްދާލީ ކުޑަވަގުތުކޮޅެއްގެތެރޭގައެވެ. އުދުހެމުންދިޔަ ދޫނި ސޫފާސުފީވެސް އެސޮރުމެންގެ މަންޒިލްތަކަށް ދިއުމަށް އުދުހެން ފަށައިފިއެވެ. އިރުވައިމޫސުމުގެ ހިތްގައިމުކަން ނުލިބެނީސް، ދޮންދޫނިތައް އެސޮރުމެންގެ މޫސުން ފެށީވެސް މާ އަވަހަށެވެ. ހެލްމެޓް އަޅައިގެން އިނަސް މޫނުމަތީގައި ޖައްސާލާ ދޮންދޫނިތަކުގެ ސަބަބުން، ސިއްސައިގެން ދާ ފަހަރުތައް މަދެއްނޫނެވެ. ގަދަ ވަޔާއެކު ބިންދާލާ ރާޅުތަކުގެ ލޮނުގަނޑު ބްރިޖްމަތީގައިވެސް ފެތުރެން ފަށައިފިއެވެ.

ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ޔަނާލް އެދަނީ ހުޅުމާލެއަށެވެ. ވިއްސާރައިގައި ނުޖެހި ސަލާމަތްވާން ބޭނުމެވެ. މޫސުމަށް ސަމާލުކަން ނުދެވުނީތީ ވިއްސާރަކޯޓް މަތީންވެސް ހަނދާން ނުވީއެވެ. ޔަނާލްގެ ހުޅުމާލޭގައި ހުރި ގޭގައި، ކުއްޔަށް ދޫކޮށްފައިހުރި އެޕާޓްމެންޓްގައި ދިރިއުޅޭ މީހުން އެތަނުގައި ހިންގާ ބައެއް ނޭދެވޭ އަމަލުތަކުގެ ސަބަބުން އަވަށްޓެރިންގެ ޝަކުވާ އައުމާގުޅިގެން ޔަނާލް ބޭނުންވީ އެކަން ބަލާށެވެ. އެންމެ ރަގަޅުގޮތަކީ އަމިއްލައަށް ގޮސް އެކަން ބެލުމަށްފަހު އެމީހުން ނެރެން ޖެހިއްޖެއްޔާ ނެރުން ނުވަތަ ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކުރުން ކަމަށްވާތީ ކުއްލިޔަކަށް ހުޅުމާލެއަށް ދާންޖެހުނީއެވެ.

***
ޓީމްގެ ކުދިންގެ ތެރެއިން ބައެއްކުދީން ހޮސްޕިޓަލަށްއައެވެ. ޗުއްޓީ ދުވަހަކަށްވާތީ ބައެއްކުދީން އެހެން ދިމަދިމާލަށް ދިޔައީއެވެ. މުސްކާންއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެކުދިންގެ ހެޔޮދުޢާއެވެ. މާދަމާގެ މަސައްކަތުން މުސްކާންއަށް ލުއި ދިންކަންއެއީ މުސްކާންއަށް ލިބުނު ބޮޑު އުފަލެކެވެ. ފާތިމާ ގާތުގައި ގިނަވަގުތު ހޭދަކުރާން ބޭނުންވާތީއެވެ. އެކަނިވެރި ވަގުތުތަކަކަށްފަހު މާމައާއި ކާފަ އަދި ރައްޓެހިންނާއި ދިމާވުމުން ވަރަށް މަޖާވާހަކަތައްވެސް ދެކެވުނެވެ. ބަލިމީހަކު އޮތްނަމަވެސް ބާރަށް ހުނުމާއި، އެއްކުއްޖަކު އަނެއްކުއްޖަކަށްކުރެވިފައިހުރި މަޖާކަންކަމުގެ ވާހަކަ އެކުދިން ދެއްކިއެވެ. ބަލިމީހާއަށް އެންމެ ބޭނުންވަނީ އަޅާލުމާއި އޯގާތެރިކަން ކަމަށްވެފައި އެފަދަ މީހުންނަށް އެހެންމީހުންގެ ފަރާތުން ލިބެންޖެހޭ ސަމާލުކަން އިޙްސާސްކޮށްދިނުމުގެ މުހިއްމުކަން މުސްކާންއަށް އެނގެއެވެ.

"އިރުއޮއްސި އަނދިރި ވުމުގެކުރީން ހުރިހާ އެންމެންވެސް ހޮޓަލަށްދާންވާނެ.. މާމައާއި ކާފަވެސް ގޮވައިގެން ދާތި އިނގޭ.. މުސްކާން ނެތަސް، މާމައާއި ކާފަ ބަލައިދެއްޗޭ!" މުސްކާންގެ ވިސްނުން ހާމަކޮށްލިއެވެ. ރައްކާތެރި ގޮތަކީ އަނދިރިވުމުގެކުރީން ހޮޓަލަށް ދެވޭވަރަށް ދުއްވާއެއްޗަކަށް އެރުންކަން މުސްކާންއަށް ގަބޫލުކުރެވެއެވެ. މާމައާއި ކާފަގެ ރުހުމުގައި ފޮނުވާ ނުލެވޭނެކަން އެނގޭތީ އެކުދިންނާއި ހަވާލުކޮށް އެކަންވެސް ހަމަޖައްސާލިއެވެ. މުރުޝިދާ ބޮޑާހާކަންފެށުމުން، ޒަމީލްވެސް ބޭނުންވީ ހޮސްޕިޓަލުގައި މަޑުކުރާށެވެ.

"ނޫނޭ ކާފާ! މާމައާއި ކާފަ ބަލިވެއްޖިއްޔާ މުސްކާން ވަރަށް ދެރަވާނެ.. އޮށޯވެލަން އަދި ނިދާލަންވެސް ފަސޭހައަކަށްދޯ ޕްރައިވެޓް ރޫމްއެއް މިނެގީ.. މިހާރު ނުޖެހޭނެނުން، ބޭރު ގޮނޑީގައި އިށީންދެގެން އިނދެ އުނަގަނޑަށް ތަދުކުރާކަށް.. މާމަ ހިތްހަމަ ޖައްސާލަބަލަ! މުސްކާންއަށް މިހާރު މިތަނުގައި އެއްވެސް ކަމެއް ދައްޗެއްނުވޭ.. ހެނދުނު މާމަ އަންނަންވާނެ.. މާދަމާވެސް ހެނދުނު ސައިބޯންވާއިރަށް މިތަނަށް އާދޭ.. މުސްކާންއަށްވެސް ސައިބޯން އެއްޗެހި ގެނެސްދެއްޗޭ.. މިއަދުވެސް ހާދަހައި މީރުކޮށް ސައިބޮއެލެވުނޭ" މަޖާ ރާގެއްގައި މުސްކާން ބުނެލިއެވެ.

"ދަރިފުޅުވެސް ހޮޓަލަސްގޮސް، ނިދާލާފައި ހެނދުނު މިތަނަށް އަންނާންވީނުން.. ބަލިމީހާ ގާތުގައި ނަރުހުން ތިބޭނެނުން! ނޫނީވިއްޔާ، އޭނާގެ ބަލަދުވެރިޔަކަށް އެތަނުން މީހަކު ގެނުވަބަލަ! މުސްކާން ނުޖެހޭނެ މިހުރިހާ ބުރައެއް އުފުލާކަށް" ބޮޑާހާކާ ރާގުގައި މުރުޝިދާ ބުނެލިއެވެ. މުސްކާންގެ ރައްޓެހިކުދީންވެސް ހޭންފެށީ މާމައާއި މާމަގެ ލޯބި ދަރިފުޅާ ދެމެދު އޮންނަ ގާތްގުޅުން އެކުދިންނަށްވެސް ކަމުދާތީއެވެ.

"މާމާ.. މާމަ ރުޅިއައީމަ ކަމަކުނުދޭ.. މާމަ އަބަދުވެސް ހެވިލާފައި ހުރެބަލަ.. އޭރުން ހާދަހައި ލޯތްބޭ! މުސްކާން ނެތަސް އަހަރުމެން މާމައާއި ކާފަ ބަލާނަން.. ދެން އަނެއްކޮޅުން މުސްކާންއާއި ދޭތެރޭގައި މާބޮޑަށް ފިކުރުކުރާނެކަމެއްނެތް.. ހީވަނީ މިހާރު މި އޭރިޔާގައި މިއުޅޭ ހުރިހައި ނަރުހުންނާއިވެސް ރަހްމަތްތެރިކަން އުފައްދާލައިފިހެން.. މި ރޫމްގެ މައުލޫމާތު އަހާލާއިރަށް ބުނެފި މުސްކާންގެ ފްރެންޑްސް ދޯއޭ.." މަޖާ ރާގެއްގައި ހަސްނާ ބުނެލިއެވެ.
ތެދެކެވެ. މުސްކާންއާއި އެއްފަހަރު ބައްދަލުވެއްޖެ މީހަކު އޭނާއާއި ހިތްހެޔޮކުރާނެއެވެ. ހޮސްޕިޓަލަކީ މުސްކާންއަށް ބީރައްޓެހިތަނަކަށް މިހާރަކު ނުވެއެވެ. ފާތިމާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމްއަށް ވަންނަ ކޮންމެ ނަރުހަކާއި މުސްކާންއާއި އެކުވެރިކަން އުފެދެއެވެ. އެކުދިންނަށް މުސްކާންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ފެންނާތީއެވެ.

"ދަރިފުޅާ.. މިއީ ދަރިފުޅުގެ ބައްޕަ ކާފަ އަންނަންފެށީމައި ދަރިފުޅަށް ސިއްރުން ދީފައި ހުރި އެއްޗެއް.. އެއްވެސް އިމަރޖެންސީއެއް ދިމާވެއްޖެނަމަ، މި ފައިސާގެ ބޭނުންކުރަން ބައްޕަބުނީ.. ކާފައަށް ހީވަނީ މިއީ މީގެ ވަގުތުހެން.. އެހެންވެ، ރޭގައި މާރުކޮށްލާފައި މިހިރީ! މިފައިސާ ވަރަށް ރައްކާތެރިކަމާއެކު ދަރިފުޅުގެ އަތުގައި ބަހަށްޓާ.. އެއްވެސް މީހަކަށް ފައިސާ ނުދައްކާތި! މީހަކަށް ފެންނަގޮތަށް، ދަބަހުގެ ތެރެއިންވެސް ފައިސާ ނުނަގާތި! މިވަގުތަށް މީގެން ފުދޭނެހެން ކާފައަށް ހީވަނީ.. ބައްޕަބުނި ދަރިފުޅަށް ކާޑުން ބޭނުންކުރެވޭގޮތަށް ފައިސާ ހަމަޖައްސާފައި ހުންނާނެވާހަކަ.. މީގެން ނުފުދިއްޖެއްޔާ އޭގެންވެސް ބޭނުންކޮށްލާ.. މިއަށް ވަރަށް ބޮޑަށް ރައްކާތެރިވާތި!" މުސްކާންގެ ބުރަކަށީގައި ފިރުމާލަމުން ޒަމީލް ވާހަދެއްކިއެވެ. ޝުކުރު އަދާކުރަމުން ކާފަ ގައިގައި މުސްކާން ބައްދާލިއެވެ.

***
ސެންޓްރަލް ޕާކްއާއި އަރާހަމަނުވެވެނީސް ކެރިގަނޑު އޮއްސާލައިފިއެވެ. ހިޔާވާން ވަންނާނެ ވަކިތަނެއްވެސް ޔަނާލްގެ ހިތަކަށްނައެވެ. ވަށައިގެން ބަލައިލެވުނީ އެހެން ވެހިކަލެއް ޔަނާލް ހުރަސްކޮށް ދުއްވާފައި އަންނަ މަންޒަރެއް ނުފެނުނީތީއެވެ. އެކިދިމަދިމާއަށް ސައިކަލްތައް ހުއްޓާފައި ހިޔާވެވެން އޮތް ގޮތަކަށް ހިޔާވުމަށް ކޮންމެ މީހަކުވެސް އަވަސްވެގެން އުޅުނު މަންޒަރު ފެނުނެވެ. ހަދަންވީ ގޮތެއް ޔަނާލްއަށް ނުވިސްނުނެވެ. ވެހެންފެށީ ވަރަށް ބޯކޮށެވެ. ރަގަޅަށް ނުނިދި ހުރީތީވެ، ބޮލުގައިވެސް ވަރަށް ރިއްސައެވެ. ވާރެއާއި ތެމިއްޖެނަމަ ރޯގާވެސް ޖެހިދާނެކަމަށް ސިކުނޑި ވިސްނައިދިނެވެ. މަޑުކޮށްފިނަމަ، އިޙްމާލެއްގެ ޒިންމާ ބޮލުގައި އަޅާންޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް ވަގުތު ފާއިތުނުވަނީސް، އެމަންޒަރު ދެކެންވެސް ބޭނުމެވެ. ސައިކަލް ހުއްޓައިގެން އިރުކޮޅަކު އިނުމަށްފަހު ކުރިއަށް ދުއްވާލިއެވެ. ވާރޭގެ ސަބަބުން ލިބެމުންދިޔަ ފިނިކަމަށްވެސް ފަރުވާލެއް ނުބަހައްޓައެވެ.

***
ފެންވަރު ރަގަޅު ނޫނަސް، ދެ އެނދު ހުރުމުން މުސްކާންއަށް ފުދެއެވެ. ވަރުބަލިކަން ފިލުވާލެވޭނެ ގޮތެއް ލިބުނީއެވެ. ފާޚާނާގެ ނުތާހިރުކަމަކީ މުސްކާންއަށް ވަރަށް އުނދަގޫވި ކަމެކެވެ. މަސައްކަތު މީހަކަށް ވަކީން ފައިސާދީގެން އޭނާ ލައްވާ އެކަމަށް ބޭނުންވާ އެއްޗެހިގަނެގެން ފާޚާނާވެސް ނިކަން ރަގަޅަށް ސާފުކޮށްލައިފިއެވެ. މިވަގުތަށް އެކޮޓަރި މުސްކާންއަށް ފުދެއެވެ. އިތުރުކަމަކާމެދު ވިސްނޭނީ ފާތިމާ ރަގަޅަށް ހޭއަރައި ވާހަކަ ދައްކާން ފެށުމުންނެވެ.
ވަރަށް މަޑުންމަޑުން ފާތިމާއާއި މުސްކާން ކައިރިވެލިއެވެ. ފެންނަފެނުމަށް އޭނާ އެއޮތީ ވަރަށް ގަދައަށް ނިދާލާފައެވެ. ނޭފަތާއި އަނގަޔާއެކު އަޅާފައިވާ މާސްކުގެ ސަބަބުން އޭނާގެ މޫނުގެ ސިފަތައް ވަކިކުރާން ފަސޭހައެއްނުވިއެވެ. ބޮލުގެ އިސްތަށިގަނޑުގައިވެސް އޮތީ ތުނިތުނި އުރައެއް ލައްވާފައެވެ. ނިދިފައި އޮތް އިރުވެސް ލޮލުގެ އެސްފިޔަތައް ހިތްގައިމެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑުގައި ހުދު ބެޑްޝީޓެއް އަޅާފައި އޮތަސް، އަތް އޮތީ ބެޑްޝީޓުން ބޭރަށެވެ. އައިވީ ގުޅާފައި އޮތުމުން އަތުގެ ނާރުތައް ފުއްޕާލާފައިވެއެވެ.

ވަރަށް ލޯތްބާއެކު އެއަތުގައި މުސްކާން ފިރުމާލިއެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ނުހަނު އޯގާތެރިކަމާއެކުއެވެ. މުސްކާންގެ ސަމާލުކަން ހުއްޓުނީ ފާތިމާގެ ނިޔަފަތިތަކަށެވެ. އެކިވަރުވަރަށް ދިގުވެ، ނިޔަފަތިތައް އިރައިގެން ގޮސްފައިވެސް އެބަހުއްޓެވެ. މުސްކާންގެ ބެކްޕެކްއަށް ބަލައިލުމަށްފަހު، ދިޔައީ ދަބަސްކައިރިއަށެވެ. ނިޔަފަތި ކަނޑާދަތި ނަގައިގެން އައިސް، ދެއަތުގެ ނިޔަފަތި ކަނޑާލާފައި ވަރަށް މަޑުމަޑުން ނިޔަފައިތައް އޮމާންވެސް ކޮށްލިއެވެ. ތެތްޓިޝޫއަކުން ނިޔަފަތިތައް ފޮހެލިއެވެ. ލުއި ހިނިތުންވުމަކާއެކު، ވަރަށް ރަގަޅަށް މުސްކާން ބަލައިލިއެވެ. އިނގިލިތަކުގައި ފިރުމާލާފައެވެ.

ފާހަގަކުރެވުނީ އާދަޔާ ޚިލާފު އޮފްކަމެއް ނިޔަފަތީން ފާހަގަވިކަމެވެ. ބައްޓަންވެސް ރީއްޗެވެ. ކަނާއަތުގެ ފަސް އިނގިއްޔަށް ވަކިވަކީން ބަލައިލިއެވެ. ހަރަކާތްތައް ކުއްލިޔަކަށް އަވަސްކޮށްލާފައި، އެއްފަހަރު މުސްކާންގެ އިނގިލިތަކަށް އަނެއްފަހަރު ފާތިމާގެ އިނގިލިތަކަށް ބަލަންފެށިއެވެ. ކުއްލިޔަކަށް ފާތިމާ ގެނައި ހަރަކާތެއްގައި މުސްކާންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިފިއެވެ. އަތް ތުރުތުރު އަޅުވާލާފައެވެ. ހަމައެވަގުތު ކޮޓަރިތެރޭގައި އެކިއެކި އަޑުތައް އިވެންފެށިއެވެ. ގުޅާފައިވާ މެޝިންތަކުން، ބުނެދެނީ ކޯންޗެއްކަމެއް މުސްކާންއަކަށް ނޭގުނެވެ. ބިރުގަތެވެ. އެހީއަކަށް އެދޭނެ އެކަކުވެސް ކޮޓަރިތެރޭގައި ނެތެވެ. ތުރުތުރުއަޅާ އަޑަކުން ނަރުހުންނަށް މުސްކާން ގޮވާންފެށިއެވެ. އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ފާތިމާގެ އަތް ދޫކޮށްލާފައި މުސްކާން ދުއްވައިގަތީ ބޭރަށެވެ. އެހެން ގޮތެއް ނެތީއެވެ.

***
ސައިކަލް ބަހައްޓާފައިހުރީ ގޭ ދޮރުމަތީގައެވެ. ޔަނާލް ބަލަހައްޓައިގެން ހުރީ ގޭގެ ނަންބޯޑަށެވެ. ދެލޮލުން ފައިބަނީ ކަރުނަކަމެއް ނުވަތަ ވެހެމުންދިޔަ ކެރީގެ ވާރޭފެންކަމެއް ފާހަގައެއްނުވެއެވެ. ފެންތިކިތައް ކިތަންމެ ފިންޏަސް، ހޫނުކަމެއް ކޯތާފަތް އެބަ އިޙްސާސްކުރެއެވެ. ނޭފަތްފޮޅާލާފައި ޔަނާލްގެ އިސްތަށިގަނޑުން ފެން ފޮޅާލިއެވެ. އަނެއްކާވެސް ބަލައިލީ ނަންބޯޑަށެވެ. "ނިމާ މަންޒިލް" އުނދަގުލުން ކިޔާލިއެވެ. ދެވަނަ ފަހަރުވެސް ކިޔާލިއެވެ. ނަމަވެސް މިފަހަރު ގޮވާލެވުނީ "ނިމާ" އެވެ.

***
"ނައު ޝީ އިޒް ފައިން.." ޑޮކްޓަރ ބުނެލިއެވެ. ބިރުން ފިއްކެނޑިފައި އިން މުސްކާންއަށް މާނޭވާއެއް ދޫކޮށްލެވުނެވެ. ފަރުވާދީ ނިމުމާއެކު ޑޮކްޓަރވެސް ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ގުޅާފައިވާ ހުރިހާ މެޝިންތަކެއް ނައްޓާލައިފިއެވެ. އައިވީ ފިޔަވާ އެހެން އެއްވެސް އުނދަގުލެއް މިވަގުތު ނެތެވެ.

"މުސްކާން.. މުސްކާން.." ޑޮކްޓަރގެ ދެފައިގައި މީހަކު ހިފެހެއްޓިހެން ހީވިއެވެ. ކުއްލިޔަކަށް ފަހަތް ބަލައިލިއެވެ. ހައިރާންވެ އަންތަރީސްވެފައެވެ. ހިނދުކޮޅެއްގެ ތެރޭގައި މުސްކާން ހުރީ ފާތިމާގެ އެނދާއި ދާދި ގާތުގައެވެ.

"އިޓްސް ޔޯ ނޭމް.. ރައިޓް؟" ޑޮކްޓަރވެސް ކޮށްލީ ސުވާލެކެވެ. ޑޮކްޓަރ މުސްކާންއަށް އިޝާރާތްކޮށްލީ ފާތިމާއާއި ވާހަކަދެއްކުމަށެވެ. އެންމެންގެ މޫނުމަތީންވެސް ފެންނަމުންދިޔައީ ހައިރާންކަމެވެ.

"ޔެސް ފާތިމާ! އައިއެމް މުސްކާން" ފާތިމާއަށް އިނގިރޭސި ކޮންމެވެސް ވަރަކަށް އެނގިދާނެކަމުގެ އުއްމީދުގައި މުސްކާން މަސައްކަތްކޮށްލިއެވެ. ފާތިމާއާއިބެހޭ މަދު މައުލޫމާތެއްނޫނީ މުސްކާންއަށްވެސް ލިބިފައި ނެތެވެ.

"އަހަރެން މިއީ ދިވެއްސެއް" ދިވެހި ބަހުން ފާތިމާ ބުނެލިއެވެ. މުސްކާންގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ.

(ނުނިމޭ)
ހިޔާލު

ނިމާ

އަހަރެންގެ ދަރިފުޅާ

ހިރިޔާ

ވަރަށް ގިނަ ވާހަކަ ކިޔާފިން. ނިމުނު ތަންކޮޅުން ހީބިހި ނަގައިފި. ލޮލުން ކަރުނަ ހިލިއްޖެ. ވަރަށް ފުތިހަމަ ވަރަށް ރީތި، އިންތިޒާރު ދިގު ނުކުރުވާ އަވަސް ކޮއްލަދީ. ފުނަމާ އަށް ޝުކުރު.