Anna aharah 39.6 Billion rufiyaage budget eh hushahalhanee
image
ފިނޭންސް މިނިސްޓްރީ
0 ކޮމެންޓް
 

އަންނަ އަހަރަށް 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުކުން އެނގިއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓް ލަފާކޮށް ފިނޭންސް މިނިސްޓްރީން އާންމުކުރި "2020-2022 ފިސްކަލް ސްޓްރެޓެޖީ" ގައިވާ ގޮތުން އަންނަ އަހަރަށް ވަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފަ އެވެ.

މި ބަޖެޓުގެ ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ ކަމަށް ވާއިރު ބަޖެޓުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.5 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން އަލަށް ފަށާ މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާ "ފިސްކަލް ސްޕޭސް"ވެސް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

މިއަހަރު ހަރަދު ކުރަމުންދާ ބަޖެޓަށް ވުރެ 9.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެއް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅަން ތައްޔާރުވަމުން އަންނައިރު މި ބަޖެޓާ ގުޅޭ ތަފްސީލްތައް ފިނޭންސް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

މިއަހަރަށް ކަނޑައަޅާފައިވާ 30 ބިލިއަން ރުފިޔާގެ ބަޖެޓަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓެކެވެ. އޭގެ ފަހުން އާ ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓް ބަޖެޓެއް މިއަހަރު ފާސްކޮށްފަ އެވެ. މީގެއިތުރަށް މިހާތަނަށް ވަނީ މިއަހަރުގެ ބަޖެޓުން 20.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ހިޔާލު