Mi hafthaagai Addu in Tourism ah Bin dhookuranee
image
އައްޑޫ ސިޓީ-- ފޮޓޯ: ނަޖް
0 ކޮމެންޓް
 

މި ހަފުތާގައި އައްޑޫން ޓޫރިޒަމަށް ބިން ދޫކުރަނީ

އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިންތައް ބޭނުންވާ ފަރާތްތަކަށް އަންނަ ބުރާސްފަތި ދުވަހު އެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
އެންމެ ފުރަތަމަ އައްޑޫ ސިޓީ ކައުންސިލުން އެކަމަށް އެދި މި މަހުގެ 20 އިން އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލި ނަމަވެސް އެކަމަށް ވާން ޖެހޭ ތައްޔާރީތައް ނުވެވުމުގެ ސަބަބުން ބިޑް ވިއްކުން ލަސްކުރީ އެވެ.

އެގޮތުން މިހާރު ބިޑް ވިއްކަން ހުޅުވާލަން ނިންމާފައި ވަނީ މި މަހުގެ 31 އިން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ ދިވެހިންނަށް ވެސް އަދި ބިދޭސީންނަށް ވެސް ހުޅުވާލާފަ އެވެ. އެގޮތުން ދިވެއްސެއް ނަމަ ބިޑް ޑޮކިއުމެންޓެއް 2000 ރުފިޔާއެއް ވިއްކަން ހަމަޖެހިފައި ވާއިރު ބިދޭސީންނަށް ވިއްކަން ހަމަޖެހިފައި ވަނީ 300 އެމެރިކާ ޑޮލަރަށެވެ.

ގެސްޓް ހައުސް ހިންގަން އައްޑޫން 5000 އަކަފޫޓުގެ ބިން ދޫކުރަން ނިންމާފައި ވާއިރު ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ދޫކުރަން ނިންމާފައި ވަނީ 10000 އަކަފޫޓުގެ ބިމެވެ.

އައްޑޫގައި 4000 އެނދު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ދޫކުރަން ނިންމާފައި ވާއިރު އެތަނުގައި ތަރައްގީ ކުރާ ގެސްޓް ހައުސްގެ ވިޔަފާރިތަކަށް ހާއްސަކޮށް ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވެސް ނިންމާފައި ވެއެވެ.
ހިޔާލު