Qavaidhah vanumah dhiya bidheyseenge 90 insahtha akee Passport neiy meehun: Economic Ministry
image
ރާއްޖެގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
0 ކޮމެންޓް
 

ގަވައިދަށް ވަންނަން އެދޭ ބިދޭސީންގެ 90 ޕަސަންޓް މީހުންގެ އަތުގައި ޕާސްޕޯޓް ނެތް

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ބައިވެރިވުމަށް ދިޔަ ބިދޭސީންގެ 90 އިންސައްތަ ބިދޭސީންގެ އަތުގައި ޕާސްޕޯޓް ނެތް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ގައުމީ ސަލަމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމީހުންގެ އަތުގައި ލީގަލް ޑޮކިއުމަންޓް ނެތުން ކަމަށެވެ.

ނާޒިމާ އިތުރަށް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެމީހުންގެ އަތުގައި ޓްރެވަލް ޑޮކިއުމަންޓެއް ނެތުމުން އެމީހުން ރާއްޖޭން ބޭރުކޮށްލެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

މީގެއިތުރުން ނާޒިމާ ވިދާޅުވީ ވީހާވެސް އަވަހަށް އެމީހުންނަށް ޕާސްޕޯޓް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ހައި ކޮމިޝަންތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ޕާސްޕޯޓް ހަމަޖައްސައިދޭން ތިން މަހާއި ހަމަހާ ދެމެދުގެ ދިގު މުއްދަތެއް ނަގާފާނެ ކަމަށް ބަންގްލަދޭޝް ހައި ކޮމިޝަނުން ބުނި ކަމަށްވެސް ވިދާޅުވި އެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ރެގިއުލަރައިޒޭޝަން ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވާއިރު މިހާތަނަށް އެ ޕްރޮގްރާމުގެ ދަށުން ވަނީ 14،000 އެޕޮއިންޓްމަންޓް ދޫކޮށްފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ގަނޫނީ އިމުގެ ތެރެއަށް ބިދޭސީން ވެއްދުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމުގައި ބައިވެރިނުވެ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ހިޔާލު