Vote gadi jehunu iru report ivvaafa nuvaathee fandiyaarunge vote ah neyhunu
image
ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު (ވ) ގައި އަދި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ވޯޓު ގަޑި ޖެހުނުއިރު ރިޕޯޓް އިއްވާފައި ނުވާތީ ފަނޑިޔާރުންނަށް ރުހުންދޭން ވޯޓަށް ނޭހުނު

ރައްޔިތުންގެ މަޖިލީހުގެ ވޯޓު ގަޑި ޖެހުނު އިރު ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމާ ގުޅޭ މައްސަލައިގެ ރިޕޯޓް ނީއްވި އޮތުމުން އެ ވޯޓަށް ނާހައި މަޖިލީހުގެ ވޯޓު ގަޑި ނިންމާލައިފި އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމާ ގުޅޭ މައްސަލައިގައި ވޯޓަށް އެހުން މިއަދުގެ މަޖިލީހުގައި ތާވަލުކުރި އެވެ. އެހެން ނަމަވެސް އެ ވޯޓަށް އަހާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމިޓީތަކުގެ ރިޕޯޓްތަކާ ގުޅޭ މަސައްކަތް އާއްމުކޮށް ކުރިއަށް ގެންދަނީ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާއި 1:30 އާއި ދެމެދު ކަމަށެވެ. ފަނޑިޔާރުންގެ ވޯޓަށް އެހުން މިއަދުގެ ޖަލްސާގެ 9.4 ގައި އޮތް އިރު މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދު ނިންމުނީ 9.3 އަކާއި ހަމައަށް ހުރި މަސައްކަތްތައް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ތަރުތީބު ދޫކޮށް ރިޕޯޓްތަކަށް ނޭހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ހަޤީގަތުގައި އަޅުގަނޑުވެސް މިވޯޓަށް ދާން އެދެން. އެހެންނަމަވެސް ގަވާއިދު މިހާރު އޮތްގޮތުން އަޅުގަނޑަކަށް ނެތް ބުރުއޮޅުވާލާފައި ދެވޭކަށް" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދުގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް ރުހުންދިނުމުގެ މައްސަލައިގައި ވޯޓަށް ދެން އެހޭނީ ދެން ބާއްވާ ޖަލްސާއެއްގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ރުހުން ދިނުމަށް އެދިވަޑައިގެން މި ދެ ބޭފުޅުންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހު އޮތް ޖަލްސާއަށް ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފަ އެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވަނީ ކޮމިޓީގެ ރިޕޯޓްގައި ނިންމުމެއް ނެތުމަކީ ރިޕޯޓް ފުރިހަމަ ނުވުން ކަމަށް ބައްލަވާ މި ރިޕޯޓް އަލުން ކޮމިޓީއަށް ފޮނުވާފަ އެވެ. އެކަމަކު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންނާ އިންޓަވިއު ކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ބެލުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރެއްވުމުން ރައީސް ނަޝީދު ފަހުން ވަނީ އެމަނިކުފާނުގެ ނިންމެވުން ބަދަލުކުރައްވައި އެ ރިޕޯޓް އެޖެންޑާ ކުރުމަށް ނިންމަވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. ދިޔާނާއާއި މަހާޒަކީ އެ ކޮމިޝަނުން އައްޔަން ކުރުމަށް ލަފާ ދީފައިވާ ދެ ބޭފުޅުންނެެވެ.

މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފަ އެވެ. މީގެތެރޭގައި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވެސް ހިމެނެ އެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ގާނޫނުއަސާސީގެ 148 ވަނަ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ ބޭފުޅުން ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށްވެސް މިމާއްދާގައި ބުނެފައިވެ އެވެ.
ހިޔާލު

މުޝިލް

ޖާބިރު އަތުން މި ފަހަރުވެސް ލާރިގަނޑެއް ދުއްވާލީދޯ