Hibalhidhoo massalaigai rishvathah demand kurane minister thah noonee fandiyaaruntha?
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: ސީއެންއެމް
3 ކޮމެންޓް
 

ހިބަޅިދޫ މައްސަލައިގާ ރިޝްވަތަށް ޑިމާންޑް ކުރަނީ މިނިސްޓަރު ތަ ނޫނީ ފަނޑިޔާރުންތަ؟

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކުރި ބ. ހިބަޅިދޫގެ މައްސަލަ ކޯޓުން، ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުތަކެއް މިވަނީ ފެންމަތިވެފަ އެވެ. ހުސްވި ހަފުތާތެރޭ މި މައްސަލަ ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ދައުލަތުން ވަކާލާތުކުރި ގޮތަށް މައްސަލަ ނިމިފައިވަނިކޮށް، ދައުލަތުގެ ނިންމުމާ ފުށުއަރާ ގޮތަކަށް އަލީ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން މައްސަލައިގެ އިތުރު ކުރިތަކެއް މިވަނީ ފަޅާފަ އެވެ.

މި މައްސަލަ ފެށިގެން އައިގޮތަށް ބަލާއިރު މިއީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، 2014 ވަނަ އަހަރު ބިޒްނާސް މޯލްޑިވްސްއަށް ދޫކުރި ރަށެއްގެ މައްސަލަ އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން ނާއިބު ރައީސްކަމަށް އަދީބު ބަދަލުވިއިރުވެސް މި ރަށް އޮތީ ބިޒްނާސް މޯލްޑިވްސްއަށް ދޫކޮށްފަ އެވެ. މިއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ބޮޑެތި ޚިޔާނާތްތަކެއް ހިންގި ދުވަސްވަރެވެ. މި ރަށުގެ އެގްރީމެންޓް ރައީސް ޔާމީންގެ ސަރުކާރުން ބާތިލުކުރީ 2016 ވަނަ އަހަރު އެވެ.

އެގްރީމަންޓް ބާތިލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ކުރެވެމުންދާ މަނީ ލޯންޑަރިންގެ މައްސަލައިގާ، ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދެއްވި ކަމަށް ޝަރީއަތުގައި ވިދާޅުވެފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. 26 ޖޫން 2016 ގައި މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވާ ފޮނުއްވި ސިޓީއަކުން އެގްރީމެންޓް ބާތިލުކުރިކަން އެންގިތާ ހަފުތާއެއްވެސް ނުވަނީސް ޓޫރިޒަމްގެ ގާނޫނަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން އިސްލާހުތަކެއްވެސް ގެނަ އެވެ. މި އިސްލާހުތައް ރައީސް ޔާމީން ތަސްދީގު ކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ އެކު ބިޒަނާސް މޯލްޑިވްސްގެ ފަރާތުން ރަށް އަލުން އަނބުރާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބެއްލެވީ ގާޒީ މުހައްމަދު ޙަލީމް އެވެ. މައްސަލަ ހުށަހެޅިތާ ހައެއްކަ މަސް ތެރޭ މައްސަލައިގެ ހުކުމްކޮށްފައިވަނީ އެ ރަށުގެ އެގްރީމަންޓް ބާތިލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، ހުކުމް ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަށް އަނބުރާ ބިޒްނާސް މޯލްޑިވްސްއާ ހަވާލުކުރުމަށެވެ. މި ހުކުމް ނެރުމާ ހަމައަށް މިކަމުގައި ޖާއިޒު ނޫން ކަމެއް ހިނގާފައިވާ ކަމަކަށް މައްސަލައިގެ ޚަސްމުން ކަމަށްވާ ދައުލަތަކުންވެސް އަދި ބިޒްނާސް މޯލްޑިވްސްގެ ފަރާތުންވެސް ބުނެފައެއް ނުވެ އެވެ.

ސިވިލް ކޯޓުގެ މި ހުކުމާ އެކު ދައުލަތުން މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އިސްތިއުނާފު ކުރެވުނު މި މައްސަލައިގެ އަޑު އެހުން ހައިކޯޓުގައި ފުރަތަމަ ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި މައްސަލައިގެ ރިޔާސަތުގައި އިންނެވީ ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަދި ފަހުން ރިޝްވަތުގެ މައްސަލައިގާ މަގާމުން ވަކިކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، އެތައް ދުވަހެއްވީއިރު ވެސް ހުކުމެއް ނުކުރެ އެވެ. މި މައްސަލަ ވަކިގޮތަކަށް ނިންމަން ރިޝްވަތުގެ ހުށަހެޅުންތަކެއް ބިޒްނާސް މޯލްޑިވްސްއަށް ލިބުނު ކަމަށް ބުނާ ދުވަސްވަރަކީ މިއީ އެވެ. މިކަމާ ގުޅޭ ގޮތުން ބިޒްނާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުގައި ނުދަންނަ ނަންބަރުތަކުން ގުޅައި، އޭނާއާ އެއްކޮޅަށް މައްސަލަ ނިންމަން ބޭނުންވާނަމަ ފަނޑިޔާރުން ފައިސާ ބޭނުންވާ ކަމަށް ބުނަމުންދިޔަ ކަމަށެވެ. ފަނޑިޔާރުންގެ ފަރާތުން ކަމަށް ބުނެ ބަޔަކު ބައްދަލުކުރަން އައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އެ ހުށަހެޅުންތަކަށް އޭނާ އިންކާރު ކުރެއްވި ކަމަށްވެސް ސިޓީގައިވެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. ޓޫރިޒަމް މިނިސްޓްރީއަކީ މި މައްސަލައިގެ ޚަސްމަކަށްވާއިރު ދައުލަތުން އިސްތިއުނާފުކުރި ސަބަބުތަކާ ތައާރުޒުވާ ގޮތަށް ނަމަވެސް، އަލީ ވަހީދު ވިދާޅުވެފައިވަނީ ކޯޓަށް މިވެނި ވަރެއް ދެއްކުމަށް އަންގައި އެ ނުދެއްކުމުން ވިޔަފާރިވެރިން މާޔޫސްކޮށްލާ ނިޒާމު ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ހިބަޅިދޫ މައްސަލައިގައި ހައްގުތަކެއް ގެއްލިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވުމުން ސުވާލު އުފެދޭ ހިސާބަކީވެސް މިއީ އެވެ. ދައުލަތުން ވަކާލާތުކުރި ގޮތަށް މައްސަލަ ނިމުމުން ދައުލަތުން ވަކާލާތު ކުރި ކަންކަމާ ދެކޮޅަށް ބާރު ލިބޭ ފަދަ ތުހުމަތުތަކެއް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވުމެވެ.

ދައުލަތުން ވަކާލާތު ކުރި ގޮތަށް ދައުލަތުގެ ހައްގެއް ޝަރީއަތް މެދުވެރިކޮށް ދައުލަތަށް ލިބުމުން އެކަމާ ދެކޮޅަށް ވަކާލާތު ކުރި މައްސަލައިގެ އަނެއް ޚަސްމާ އެއްކޮޅަށް ދައުލަތުގެ ވަޒީރު ވާހަކަ ދެއްކެވުމަކީ ސީރިއަސް މައްސަލަ އެކެވެ. މީގެ އިތުރުން ދައުލަތުން އެދުނު ގޮތަށް ދައުލަތާއި އެއްކޮޅަށް މި މައްސަލަ ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، މައްސަލަ ސަރުކާރަށް ހުށަހަޅައިގެން ހައްލު ހޯދަން އުޅޭ ކަމަށް ބުނުމުން މިއުޅެނީ ކޮން ހައްލެއް ހޯދަންތޯވެސް ސުވާލު އުފެދެ އެވެ. އަދި މައްސަލައިގެ ކުރިތައް ފަޅައިގެން މިހާރު ގޮސްފައިވާ ހިސާބުން މި ރަށް ވަކި ފަރާތަކަށް ދޭން ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭނުންފުޅުވަނީތޯ ނުވަތަ މި މައްސަލައިގާ ރިޝްވަތަށް އަސްލު ޑިމާންޑް ކުރަނީ ފަނޑިޔާރުންތޯ ނުވަތަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުތޯވެސް ސުވާލު އުފެދެ އެވެ.
ހިޔާލު

ނަސީރު

ރިޝްވަތައް މުޅިގައުމުގަ ތިބި ސަރުކާރުގެ ގިނަ ވެރީން ޑިމާންޑުކުރޭ.. ކެފޭތަކުންނާއި ރެސް ޓޯރެން ޓު ރިސޯ ޓު އަދި ބޭރުގައުމުތަކުން ދިމާކޮއް ރިޝްވަތު ދިނުމައް އެދޭ. އެއީ ސަރުކާރުގެ އެކިއެކި ޕުރޮޖެކްޓުތަކާއި މުދާގަންނަން ކަންޑައަޅާފަ ހުންނަ ބަޖެ ޓުތައް އެކި ފަރާތްތަކައް ޗެނެލްކޮއްދީ ބިޑުތައއ ކާމިޔާބު ކޮއްދިނުމުގެ އަގު. ރާއްޖޭގައި ހިއުމަން ރިސޯސް ޑިޕާރޓުމަން ޓުގެ އޮފިސާ ލެވެލް ކުދީންވެސް ރިޝްވަތުނަގާ އެކި އެކި މީހުން އަތުން ވަޒީފާ ހޯދަދޭނެކަމުގެ ޔަގީންކަން ދިނުމައްފަހު. އެމްޑީއިންތައް ރިޝްވަތުނަގާ ޕާލިމެންޓު މެމްބަރުންގެ މުހުތާދު ފުއްދައި ދިނުމުގައި. އަދި ޕާލިމެން ޓު މެމްބަރުން އެމްޑީއިން އަތުން ރީޝްވަތު ނަގާ ކުންފުނިތަކުގެ އެމްޑީ މަގާމައަ އަންނަން. މި ހުރިހާކަމެއް ހުއް ޓުވޭނީ ރަނގަޅު ވެރިޔަކު ވެރިކަމައް އަހަރެމެންނައް ގެނެވުނު ޒަމާނަކުން.

ކިޔު5

ހިނި އަންނަނީ.. ތުހުމަތު ވަކި ބައެއްގެ ބޮލުގަ އަޅުވާފަ ދައުލަތުގެ މުދާގަނޑު އެހެން ދިމާލަކަށް ފުރުލާލުމުގެ މަސައްކަތެއްނޫންބާ؟!

ރިޔާޒު

އަލީވަހީދު އަކީ ޑުރީމް މިނިސްޓަރ، ލެޓްސްގޯ ރިޔާޒު އަތުން މަންފާ ހޯދަމުންދާމީހެއް. މޮހޯގެ 0 ހިއްސާ ކޯޓުމެދުވެރިކޮއް ހޯދާފަ ރައް ލިބޭއިރައް މޮހޯއައް ށެއާދޭން ރާވާފަ އޮތީ..