Noomadi massalaiga emme fahun Muizzu rayyithunge majileehah javaabudhaaree vaan jehijje!
image
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު--
0 ކޮމެންޓް
 

ނޫމަޑި މައްސަލާގައި އެންމެ ފަހުން މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހިއްޖެ

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސް އާއެކު ހަދާފައި އޮތް އެއްބަސްވުމެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލް ކުރީ ދޮގު ހަދައިގެން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާބިޓްރޭޝަނުގައި ބަޔާން ދެއްވުމުން ދައުލަތުން 55 މިލިއަން އެމެރިކާ ޑޮލަރު ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭން ޖެހުނު މައްސަލާގައި މުއިއްޒު ރަައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ މައްސަލާގައި މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން ޖެހެނީ އަންނަ ހޯމަ ދުވަހު އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި އާއެކު ހެދި އެއްބަސްވުން ބާތިލު ކުރިއިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓުގެ ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މި މަހުގެ ކުރީކޮޅު ވަނީ ބުނެފަ އެވެ.

ނޫމަޑިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން އެމެރިކާ ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދުމަށް އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި އެވެ.

ނަމަވެސް ނޫމަޑި އާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް އާބިޓްރޭޝަނުން ބޭރުގައި ހައްލުކޮށް ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓެލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އޮގަސްޓް 25، 2019 ގައި ވަނީ ސޮއިކޮށްފަ އެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގަ އެވެ.

އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާން

އެ ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށްދާ އާބިޓްރޭޝަނަށް ދިން ބަޔާނެއްގައި މުއިއްޒު ވިދާޅުވީ 2015 ވަނަ އަހަރު އެ އެއްބަސްވުން ބާތިލް ކުރީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެގެން ނޫން ކަމަށާއި، އެކަން ކުރީ ސީދާ ރައީސް ޔާމީނުގެ އެންގުމަށް ކަމަށެވެ.

"މިނިސްޓަރު ކަމުގައި ހުރި އިރު އެ އެއްބަސްވުން ބާތިލް ކުރަން ނިންމި ނިންމުން ދިފާއި ކުރި ނަމަވެސް މިހާރު މިއޮތީ ދިމާ އިދިކޮޅަށް. މިހާރު މުއިއްޒު މި ބުނަނީ އަމިއްލަ ސަރުކާރުން، އަމިއްލަ އަށް ބެލެހެއްޓި ވުޒާރާ އިން އެކަން ކުރީ ގޯސްކޮށް ކަމަށް. އެއްބަސްވުން ބާތިލް ކުރި އެ ކުންފުނިން އެއްވެސް ކަމެއް އެއްބަސްވުމާ ހިލާފަށް ކޮށްފައި ނުވަނިކޮށް ދޮގު ހަދައި، އޮޅުވާލައިގެން ކަމަށް،" އެ ކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ސީއެންއެމް އަށް ވިދާޅުވި އެވެ.

މުއިއްޒުގެ ވަޒީރު ކަމުގައި ނޫމަޑީގެ އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުނިން ސިންގަޕޫރު އާބިޓްރޭޝަނަށް އެ މައްސަލަ ވެއްދީ 2017 ވަނަ އަހަރު އެވެ. އޭރު އެ ކުންފުންޏާ ދެކޮޅަށް ހުންނެވި މުއިއްޒުގެ ރާގު ބަދަލުވެ، އެ ކުންފުންޏާ އެއްކޮޅަށް ހެކިބަސް ދިނީ އެ ކުންފުނީގެ އިސް ވަޒީފާއެއްގެ އިތުރުން އެހެނިހެން ބައެއް މަންފާތައް ދިނުމަށް އެއްބަސްވުމުން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި، ބާތިލް ކުރީ އެ ކުންފުންޏާ އެކު ރަށްރަށުގައި 1،100 ހައުސިން ޔުނިޓް އެޅުމަށް އެކުލަވާލި އެއްބަސްވުމެކެވެ. ނޫމަޑިއާ އެކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް އޮތީ 500 ހައުސިން ޔުނިޓްގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އެ މަސައްކަތުގެ ބަދަލެއްގެ ގޮތުން ރިސޯޓް ތަރައްގީ ކުރާނެ ރަށެއް ދީފައި އޮތް ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން އެ ރަށް ވެސް އޮތީ އަތުލާފަ އެވެ.

އެ މައްސަލާގައި މިއަދާ ހަމައަށް ވެސް މުއިއްޒު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އެއްބަސްވުންތައް އުވާލުމުން ވެފައިވާ ގެއްލުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެއްބަސްވުންތައް އުވާލުމުން ވެފައިވާ ގެއްލުމުގެ ވާހަކަ މިދިޔަ ޖުލައި މަހު ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެގްރީމަންޓުތައް އުވާލުމުން ކޯޓުން ނިންމި މައްސަލަތަކުގައި މިހާތަނަށް 882 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަދި 216 މިލިއަން ރުފިޔާގެ މައްސަލަ އޮތީ ނުނިމި އެވެ.

އަދި އާބިޓްރޭޝަނުން ނިންމި މައްސަލަތައް 17.89 މިލިއަން ޑޮލަރު މިހާތަނަށް ދައްކަން ޖެހޭއިރު އަދިވެސް 350 މިލިއަން ޑޮލަރުގެ މައްސަލަ ބާކީ އެބަ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުން ނަމަ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކުރީގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދިވެހި ދައުލަތުން ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޭން މަޖުބޫރުވުން އެކަށީގެންވެ އެވެ.

"މިއިން ގިނަ އެއްޗިއްސަކީ ލޯޔަރުން އަޅުގަނޑުމެންނަށް އެ ލަފާ ދެނީ ސަރުކާރަށް ގެއްލޭނެ އެއްޗިއްސޭ. ވިން ނުކުރެވޭނެ އެއްޗިއްސޭ. އެ ހިސާބުގައި ހުރީ،" ރައީސް ސޯލިހުގެ ކަންބޮޑުވުން ރައްޔިތުންނާ އިއްޔެ ހިއްސާ ކުރެއްވި އެވެ.

އެމަނިކުފަނު ވިދާޅުވީ އިންސާފު ހޯދާ ދޭނެ ކަމަށް ވީ ވައުދުގެ ތެރެއިން އެއްބަސްވުންތައް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހިފައި ވާއިރު ވަރަށް މުހިއްމު ކަމަކާ މެދު ވިސްނަންޖެހިވަޑައިގަންނަވަ އެވެ.

"މިކަން ކުރި ބަޔަކާ ދޭތެރޭ ކިހިނެއްތޯ ހަދާނީ. ހަމަ ކޯޓުތަކަށް ގޮސްގެން ވެސް، އާބިޓްރޭޝަނަށް ގޮސްގެން ވެސް، ވަރަށް ސާފުކޮށް އެކަން ކުރި މީހުން އެބަ ބުނޭ، ތިމަންނަމެން އެކަން ކުރީ، ގާނޫނާ ހިލާފަށޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ފާހަގަކުރެއްވީ ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސާއެކު ހަދާފައި އޮތް އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލް ކުރީ ދޮގު ހަދައިގެން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބަސްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ފައިސާތަކެއް ދޭން ޖެހިދާނެ ކަމަށް ބެލެވޭ މައްސަލަ އެވެ.

"ނޫމަޑި މައްސަލާގައި ވެސް ސިންގަޕޯ އާބިޓްރޭޝަން، ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކަމަށް ވަނީ ތިމަންނަމެން އެ އެގްރީމެންޓު އުވާލީ ގާނޫނާ ހިލާފަށޭ، އުސޫލުން ބޭރުންނޭ. އޭގެ ބަދަލުގައި އެމީހުން އެ ކްލެއިމް ކުރަނީ 350 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވި އެވެ.

"ވަކީލުން އަޅުގަނޑުމެންނަށް ލަފާ އެދެނީ ސަރުކާރަށް މި ވިން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތޭ، ދެން އޭގަ މި ދާން ޖެހެނީ އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް. ދާއިރުގައި އަޅުގަނޑމުން ވަކި ބަޔަކަށް އެހީވީ ކަމަށް، ވަކި ބަޔަކަށް ލާރިތަކެއް ދިނީ ކަމަށް މި ނިންމަނީ. އެކަމަކު މިއީ އެއް ނޫން އަސްލު އިނގޭތޯ. ކަންކަން ވަމުންދާ ގޮތް އަޅުގަނޑު މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.
ހިޔާލު