fandiyaaru Adam Mohamad ge vakeelehge gothugai Dr. Jameel balainugai
image
ފޮޓޯ: ސަން
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ޖަމީލް ބަލައިނުގަތް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައިގައި ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު ޖަމީލް އަހުމަދު ބަލައިނުގަތުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ތަހުގީގު މީގެ ކުރިން ބޭއްވުމަށް ނިންމާފައި އޮތީ އާދީއްތަ ދުވަހު އެވެ. އެތަހުގީގު މިއަދަށް ފަސްކޮށްފައި އޮތްއިރު ރިޔާސަތުގައި އިންނެވީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އެވެ.

ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން މަސްތޫރު ވިދާޅުވީ، ޑރ. ޖަމީލަކީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފަނޑިޔާރު އާދަމް މުހައްމަދު ބައްލަވަމުން ގެންދަވާ ދުސްތޫރީ މައްސަލައެއްގައި އެއް ހަސްމު ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އިންނެވުމުން އެ ކަމަކީ މަސްލަހަތު ފުށުއަރާކަމެއްކަމަށެވެ. އެހެންކަމުން މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހުރުމުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ބަލައި ނުގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޖަމީލުގެ އިތުރުން ޖުޑިޝަލް އެކެޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު ވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ތަހުގީގަށް ވަޑައިގެން އިންނެވި އެވެ.

މަސްތޫރު ވިދާޅުވީ ދުސްތޫރީ މައްސަލަ ބަލަމުންދަނިކޮށް މައްސަލަ ފުށުއަރާ ގޮތަށް މައްސަލައިގެ ޚަސްމަކު ވަކީލެއްގެ ގޮތުގައި ހުށަހެޅުމަކީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާނޭ ކަމެއް ކަމަށް ޖޭއެސްސީގެ ތަހުގީގު ޓީމަށް ފެންނަ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ވެސް ސުލޫކީ ވަކި މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވަކީލެއްގެ ހާޒިރުގައި ތަހުގީގު ކުރިއަށް ގެންދިއުމަށް ފަނޑިޔާރު އާދަމް މުހައްމަދު އެދިވަޑައިގެންފައިވާތީ އެފުރުސަތުދީ މާދަމާ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާކަން ވެސް މަސްތޫރު ފާހަގަކުރެއްވި އެވެ. އެހެން ވިދާޅުވުމަށްފަހު ސުލޫކީ މައްސަލަ ބެންޗުގައި ތިއްބެވި ޖޭއެސްސީގެ މެންބަރުން ވަނީ މައްސަލަ ބައްލަވާ ހޯލުން ނިކުމެވަޑައިގެންފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލެއްވިކަން މަސްތޫރު އިއުލާންކުރެއްވުމުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަނީ އަތްޕުޅު ހިއްލަވާ ވާހަކަ ދައްކަވަން މަސައްކަތް ކުރައްވާފަ އެވެ. އަދި ޖޭއެސްސީގެ މެންބަރުން އަމަލުކުރެއްވި ގޮތުން ނުރުހުން ފާޅުކުރައްވާފަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަވެސް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެ މައްސަލަ ސާބިތުވެ ފަނޑިޔާރު ދިދީ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ދީދީގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވީ ޑރ. ޖަމީލް އެވެ.
ހިޔާލު