Supreme court ge fandiyaaru kamah Mahaaz ayyan kuran majileehun ruhun dheefi
image
ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ | ފޮޓޯ: ސޯޝަލް މީޑިއާ
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މަހާޒު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މަހާޒްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ މަހާޒަށް ރުހުން ދިނުމަށް ތްރީލައިންވިޕް ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަނައިބު ފާތުމަތު ދިޔާނާ ސައީދުގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހު އޮތް ޖަލްސާއަށް ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި އެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވަނީ ކޮމިޓީގެ ރިޕޯޓްގައި ނިންމުމެއް ނެތުމަކީ ރިޕޯޓް ފުރިހަމަ ނުވުން ކަމަށް ބައްލަވާ މި ރިޕޯޓް އަލުން ކޮމިޓީއަށް ފޮނުވާފަ އެވެ. އެކަމަކު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންނާ އިންޓަވިއު ކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ބެލުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރެއްވުމުން ރައީސް ނަޝީދު ފަހުން ވަނީ އެމަނިކުފާނުގެ ނިންމެވުން ބަދަލުކުރައްވައި އެ ރިޕޯޓް އެޖެންޑާ ކުރުމަށް ނިންމަވާފަ އެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް ވެސް މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރި އެވެ. އެ ދުވަހުގެ ޖަލްސާގެ ވަގުތު ހަމަވިއިރު ކޮމިޓީގެ ރިޕޯޓް ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އާދިއްތަ ދުވަހުގެ ޖަލްސާގައި މިމައްސަލައިގައި ވޯޓަށް އަހާފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. ދިޔާނާއާއި މަހާޒަކީ އެ ކޮމިޝަނުން އައްޔަން ކުރުމަށް ލަފާ ދީފައިވާ ދެ ބޭފުޅުންނެެވެ.

މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފަ އެވެ. މީގެތެރޭގައި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވެސް ހިމެނެ އެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ގާނޫނުއަސާސީގެ 148 ވަނަ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ ބޭފުޅުން ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށްވެސް މިމާއްދާގައި ބުނެފައިވެ އެވެ.
ހިޔާލު

ލލ

ސިޔާސީ މަޤާމު ތަކަކީ ސިޔާސީ ވުމުން ލިބެން ފަސޭހަ އެއްޗެއް ! ކޮންމެސް ގޮތަކުން ސިޔާަސީ ވެގެން ނޫނީ ސިޔާސީ މަޤާމެއް ނުލިބޭނެ !