Income tax negumah sarukaarun gengulhey siyaasathah badhalu gennanjehey!
image
7 ކޮމެންޓް
 

އިންކަމް ޓެކްސް ނެގުމަށް ގެންގުޅޭ ސިޔާސަތަށް ބަދަލު ގެންނަންޖެހޭ!

މިހާރުވެސް ރައްޔިތުން އުޅެމުން އަންނަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެންނެވެ. މާލޭގެ ކުލިތައް މައްޗަށްދާއިރު މިކަން ހައްލުކުރާނެ ގޮތެއްވެސް ހައްލުކުރެވެނެ ގޮތެއްވެސް ނުފެނެ އެވެ. ތަކެތީގެ އަގުތައްވެސް އުފުލެނީ އިންތިހާއަށެވެ. އާއިލާ ބަލަހައްޓަން ޖެހެނީ ރެެއާއި ދުވާލު އެތައް މަސައްކަތްތަކެއް ކޮށްގެންނެވެ. މިވަރުން ނުވެގެން އާއްމު ރައްޔިތު މީހާ ދައުލަތް ހިންގުމަށްޓަކައި ޖީއެސްޓީ ދައްކަ އެވެ. އެހެންކަމުން ގަންނަ މަދު އެއްޗެއް ނޫނިއްޔާ އެހެން ހުރިހާ އެއްޗަކުން ހަ ޕަސެންޓު ޓެކްސް ދައްކަމުން އަންނަ ރައްޔިތު މީހާގެ އަތުން އިތުރު ޓެކްސްއެއް ނެގުމަކީ އިތުރު ބުރައެކެވެ. އެކަމަކު އިންކަމް ޓެކްސް ނެގުމުގެ އަޑުގަދަ ވެފައިވާ މިދުވަސްވަރު އަނެއްކާވެސް މެދު ފަންތީގެ ރައްޔިތުންގެ އަތުން މި ޓެކްސް ނަގާފާނެ ކަމަށް މިދަނީ ބެލެވެމުންނެވެ.
އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ތިން ގިންތިއަކުންނެވެ. އެގޮތުން 40،000 ރުފިޔާ އާއި 60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 8 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި 60،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 10 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައްޔިތުން އަބަދުވެސް ބުނަމުން އަންނަނީ އިންކަމް ޓެކްސް ވިޔަފާރިވެރިންގެ އަތުން ނެގުމަށެވެ. ނަމަވެސް އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށަހެޅިއިރު މެދު ފަންތީގެ އާއްމު ރައްޔިތުންގެ އަތުން އިންކަމް ޓެކްސް ނަގާ ގޮތަށް އޮތުމަކީ ރައްޔިތުންވެސް ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. 40،000 ރުފިޔާ އާމްދަނީގެ ގޮތުގައި ނުލިބޭނީ މަދު މީހަކަށެވެ. ސަބަބަކީ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ކަންކަން ފަރަގު ޖެއްސޭވަރު ވަނީ މި ދެންނެވި އަދަދަށް ކިރިޔާ އާމްދަނީ ލިބިގެންނެވެ.

މިކަމާ ގުޅޭގޮތުން އަމިއްލަ އޮފީހެއްގައި މަސައްކަތް ކުރާ އިސްމާއީލް ޝާފިއު 29 "ސީއެންއެމް"އާ ވާހަކަދައްކަމުން ބުނީ އޭނާއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ އޮފީހުގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށެވެ. އެތަނުން އޭނާއަށް ލިބެނީ 25،000 ރުފިޔާ ކަމަށާއި އެވަރުން އަނބިދަރިންނަށް ހަރަދުކުރާނެ ވަރު ނުވާތީ އަމިއްލަ ބައެއް މަސައްކަތް ކުރާ ކަމަށެވެ. އެހެންކަމުން އޭނާ ބުނީ ރަށްޓެހި ދެ މީހެއްގެ ވިޔަފާރީގެ ހިސާބުތައް ބަލަހައްޓައި ދީގެން އޭނާއަށް މަހެއްގެ މައްޗަށް ޖުމްލަ 45،000 ރުފިޔާ ލިބޭ ކަމަށެވެ. ނަމަވެސް އެވަރުން ގޭގެ ކުއްޔާއި ކަރަންޓާއި ފެނާއި ކެއުން ބުއިމުގެ ހަރަދު ނިންމާލެވެނީ ކިރިޔާ ކަމަށެވެ.

"ދެން މިސާލަކަށް ސަރުކާރުން އެބުނާ އަގަށްވުރެ މައްޗަށް އަހަރެންގެ ސެލަރީ ނުވަތަ މަހެއްގެ އިންކަމް އެބަ އަރާ، މިވަރުން އަހަރެންވީ ސަރުކާރަށް އަދި އިންކަމް ޓެކްސްގެ ގޮތުގައި މަހަކު ވަކި ވަރެއް ދައްކަން. ކިހިނެއް އަހަރެމެން ރައްޔިތުން ދިރިއުޅެނީ. މިއުޅެނީ ފަހަށް ރައްކާ ކޮށްލަން 500 ރުފިޔާވެސް ނެތިގެން. ދެ ކުދިން އެބަތިބި. އެކުދިންނަށް ލާނެ އަންނައުނު ގަނޑެއްހާވެސް ނުގަނެދީ ދައުލަތް ހިންގަން އަހަރެމެން އަނެއްކާ އިތުރު ޓެކްސްއެއް ދައްކަން ދިނުމަކީ އިންސާފެއް ނޫން. މިހާރުވެސް އަހަރެމެން ރައްޔިތުން ޓެކްސް އެބަ ދައްކަން، ނުދައްކާ ކަމަކަށް ނުވާނެ،" ޝާފިއު ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިންކަމް ޓެކްސް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ނަގާ ކަމަށާއ ނަމަވެސް އެ ފަދަ ޓެކުހެއް ނަގާއިރު ނުވަތަ މަޖިލީހަށް އެފަދަ ބިލެއް ހުށަހަޅާއިރު ގައުމުގެ އިގްތިސޯދީ ހާލަތާއި މެދު ވެސް ވިސްނާލަން ޖެހޭ ކަމަށެވެ. ޓެކްސްގެ ނިޒާމު ވަށާޖެހޭ ނިޒާމަކަށް ހެދުމަށް ޓެކްސް ބިލެއް މަޖިލީހަށް ހުށަހަޅައިގެން ހަމައެކަނި ނުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބުރަ މަސައްކަތް ކޮށްގެން ރައްޔިތުން ހޯދާ އާމްދަނީ ކޮޅުން ގައުމު ހިންގަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"މުޅި ދިވެހިރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެމުން މި ދަނީ މާލެ ނުވަތަ މާލެ ސަރަހައްދުގައި. ގާތްގަނޑަކަށް މުޅި އާބާދީގެ ތިން ބައިކުޅަ ދެބައި މި ސަރަހައްދުގައި ދިރިއުޅެމުންދާއިރުގައި މި ސަރަހައްދުގައި މިދެންނެވިހެން އާއިލާއަކަށް މި ދިރިއުޅެވެނީ ގިއް ކިޔާފައި މަސައްކަތްކޮށްގެން 40 އަށް ވުރެ މަތިން އާމްދަނީ ލިބިގެން. އެހެންނޫނިއްޔާ 40 ހާހުން ދަށުން އާމްދަނީއެއް ލިބިގެން ރައްޔިތަކަށް ދިރިއުޅެވޭނެ އެއްވެސް މަގެއް ނެތް. މިއަދު ގޯތިގެދޮރުގެ ރެންޓު ނުވަތަ ކުލީގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. ކުއްޔަށް 30 ނުވަތަ 25 ހާސް ރުފިޔާ ދައްކާފައި، ކާލާނެ އެތިކޮޅެއް ނެތި ތިބެގެން އަޅުގަނޑުމެން ކިހިނެއް މި ބުނާ ޓެކްސެއް ދައްކައިގެން ދިރިއުޅުން ދިރިއުޅޭނީ؟ ކިހިނެއް ކުދިންނަށް ކިޔަވައިދޭނީ،" ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޝިޔާމް ވިދާޅުވީ މިއީ އާމްދަނީ ހޯދާނެ ގޮތް ސަރުކާރަށް ނޭނގޭތީ ސަރުކާރުން އަމަލުކުރާ ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމެއްގެ މިސްރާބު ރަނގަޅު ކުރުމަށްޓަކައި އިންކަމް ޓެކްސް ފަދަ ޓެކުހަކީ މުހިއްމު އެއްޗެއް ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ހާލަތު އޮތީ އިންކަމް ޓެކްސް ނަގާ ހިސާބުގައިތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވެސް އިންކަމް ޓެކްސް ނެގުމުގެ މަފްހޫމެއްގެ ގޮތުގައި އޮންނަނީ ދައުލަތުގައި އިޖުތިމާއީ ރައްކާތެރިކަމާއި، އިޖުތިމާއީ އަދާލަތު ގާއިމުކުރުން ކަމަށެވެ. އެއީ ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުން ރައްޔިތުންނަށް، ނޫނީ ވަކިވަކި ފަރުދުންނަށް ފޯރުކޮށްދީފައިވާ ފުރުސަތުތަކުގެ ތެރެއިން އާމްދަނީއާއި މަންފާ ހޯދާފައިވާ ފަރާތްތަކުގެ އަތުން އެއްޗެއް ނަގައި، ފޯރުންތެރިކަން ނެތް މީހުންނަށް އޭގެ ކޮންމެވެސް މަންފާއެއް ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރެވިފައިވާ ނިޒާމެއްގެ ގޮތުގަ އެވެ.

އިންކަމް ޓެކްސް ނެގުމަށް އެމްޑީޕީގެ މެންބަރުން ފުރިހަމައަށް ތާއީދެވެ. އެހެންނަމަވެސް އެ މެންބަރުންގެ ކަންބޮޑުވުމަކީ ވެސް ހަމަ އާއްމު ރައްޔިތު މީހާގެ ކަންބޮޑުވުމެވެ. އެޖެންޑާ 19ގައި އިންކަމް ޓެކްސް ނަގާނެ ކަމަށް ބުނެފައިވާ އަދަަދަކީ 60،000 ރުފިޔާއިން މައްޗެވެ. އެހެންކަމުން ބިލުގައި 40،000 ރުފިޔާއިން މައްޗަށް އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަކީ އެ މެންބަރުން ވެސް ކަންބޮޑުވާ ކަމެކެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މި ބިލަކީ ކޮންމެހެންވެސް މި ރާއްޖޭގައި އޮންނަންޖެހޭ، އަދި ގާނޫނަކަށް ހަދަންޖެހެ ބިލެއް ކަމަށެވެ. އިންކަމް ޓެކްސްގެ ބިލް ވާންޖެހޭނީ ރައްޔިތުންނަށް މަންފާ ހާސިލްކުރާނެ ބިލަކަށް ކަމަށްވެސް ވިދާޅުވި އެވެ.

"މިބިލް ފަރުމާކުރެވިފައިވާ ގޮތުން ޓެކްސް ނެގެން މި ފެށެނީ 40000 އިން މަތީން؛ މަހަކު އާމްދަނީގެ ގޮތުގައި 40000 އަށް ވުރެ މަތީން ލިބިފައިވާ ފަރާތްތަކުގެ އަތުން 8 ޕަސެންޓު. އެހެންނަމަވެސް، އަޅުގަނޑުމެން އެޖެންޑާ 19 ގައި ރައްޔިތުން ކައިރިއަށް ގޮސް ވައުދުވި އަދަދެއް ނޫން މި އަދަދަކީ. އަޅުގަނޑުމެން ވައުދުވީ 60000 އިން މަތިން ލިބޭ ފަރާތްތަކުގެ އަތުން %5.3 ނަގާނެ ކަމަށް. އަދި އަޅުގަނޑު މި ބިލު މިހާރު ފަރުމާކުރެވިފައި އޮތް ގޮތުން ވަރަށް ކަންބޮޑުވާ އެއް ކަމެއް އެއީ،" މީކާއީލް ވިދާޅުވިއެވެ.

ކޮންމެއަކަސް އެމްޑީޕީން ވައުދުވީ ބިލްގައި މިހާރު ހުރި ގޮތަށް އިންކަމް ޓެކްސް ނަގާކަށް ނޫނެވެ. މިހާރު އިންކަމް ޓެކްސް ބިލު ފަރުމާ ކުރެވިފައި މި އޮތް ގޮތުން ރާއްޖޭގެ އާބާދީގެ ތެރެއިން މަސައްކަތު މާހައުލުގައި އުޅޭ ގިނަ ރައްޔިތުންތަކެއްގެ އަތުން އިންކަމް ޓެކްސް ނެގުމުގެ ފުރުސަތު އެބައޮތެވެ. މިއީ ރައްޔިތުންނަށް އުފުލަން ޖެހޭނެ އިތުރު ބުރައެކެވެ. ރައްޔިތުން ބޭނުން ވަނީ ތަރައްގީ އެވެ. އެ ތަރައްގީ ގެނައުމުގައި އެހީތެރެވެދިނުމުގެ ގޮތުން ޓެކްސް ދައުލަތަށް ދައްކަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އިތުރު ތަރައްގީއެއް ގެނައުމަށް އަނެއްކާ ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ ރައްޔިތުން ގަބޫލުކުރާނެ ސިޔާސަތެއް ނޫނެވެ.
ހިޔާލު

ޢަނީ

ލާރިއެއް ލިބޭގޮތް ހަދާބަލަ

މަރީ

އަސްލު މާލޭގައި ކުއްޔައުޅޭ މީހުންނަށް ސަރުކާރުން ސަބްސިޑީސް އެއްދީފާ އިންކަމް ޓެކުސް ނެގުން ރަގަޅުވާނެ.

މޫސަ

ވަރަށް ރަނގަޅު ރިޕޯޓެއް. އާއްމު ރައްޔިތުންގެ ހިޔާލުތައް ގެނެސްދޭންޖެހޭ.
ކުރަންމިއުޅޭނީ ކޮން ކަމެއްކަން އިބޫފައިސަލް ރައްޔިތުންނަށް ކިޔައިދޭންޖެހޭ

މިހައްމާ

ރަންބިސްއަޅާ ކުކުޅު މަރުނުވާނެތަ؟ އިންވެސްޓަރު އަތުން ޑަބަލްޓެކްސް، ވިތުހޯލްޑިންޓެކްސް؟ އެންމެ ކުޑަ މުސާރަ؟

ސިރާޖު

މި ލިޔުމަކީ މަހުޖަނުން ފައިސާ ދީގެން ލިޔެފައޮތް ދޮގު މައުލޫމާތު ވަރަށް ގިނަ ލިޔުމެއް.

މުހުސިން

އަޅުގަނޑު ނުދަންނަން އަޅުގަނޑުމެން ޖީލުގެ ހައެއްކަ މީހުން ނޫނީ 40000 ވުރެ މަތިން ލިބޭ...އެީ ފްލައިޓް އިންޖިނޭރަކާއި ދެތިން ވިޔަފާރިވެރިން .. ރާއްޖޭގެ ގިނަ ބަޔަކަށް ސާޅީސް ހާހެއް ނުލިބޭ ...ސިވިލް ސާވިސްގެ ގިނަ މީހުންނަށް ލިބެނީ 10000 ދަށް.

މަށަކީ ޔުނިވާސިޓީއެއްގެ ލެކްޗަރަރ އެއް.. ލިބެނީ 18000 .

40000 އަކީ ހަމަ ރަގަޅު ހިސާބެއް ، ޓެކްސް ނަގަން ފަށަން..

އަސްލު ހަގީގަތް

އަހަންނަށް ޔަޤީން މާލޭގައި އަނބި ދަރިން ގޮވައިގެން 2 ކޮޓަރީގެ އެޕާރޓްމަންޓެއްގައި އުޅޭ މީހަކު ކުއްޔަށް އެވްރެޖްކޮށް ދައްކަންޖެހޭނީ 15000-18000 ދެމެދުގެ އަދަދެއް. އަހަންނަކީވެސް މާލޭގައި ކުލި ދީގެން އުޅޭ މީހެއް. ދާ ޚަރަދުތައްވެސް ވަރަށް ރަނގަޅަށް އިނގޭ. ކަރަންޓް ބިލް އަދި ފެން ބިލަށް އެންމެ ގިނަވެގެންވެސް އަރާނީ 5000 ރުފިޔާ. އެވެސް ނުބަލައި އުޅެންޏާމު. ދެން ކެއުމަށް ޚަރަދުވާނެކަމަށް ބަލަމާ އެންމެ ފެންވަރު ރަނގަޅުކޮށްނަމަ 10000 ރުފިޔާ. ދެން ދެ ކުދިންގެ ބައްޕައެއްނަމަ އެކުދިންގެ ޚަރަދަށް ކޮންމެ މަހަކު 10000 ރުފިޔާ ދާނެކަމަށް ބަލަމާ. މިހުރިހާ ޚަރަދެއް އެއްކޮށްލީމާ އަރަނީ 43000 ރުފިޔާ. އިންކަމް ޓެކްސް ނަގަން ނިންމާފައި އޮތީ 40000 ހުން މަތީގެ އާމްދަނީޔަށް. އަހަރެން މިބުނި އަދަދުތަކަކީ އެންމެ މަތީ ފެންވަރުގައި އުޅޭނަމަ ދާ ޚަރަދުތައް. ގިނަފަހަރު މީގެ ދެބައިކުޅަ އެއްބައި ދާނީ ޚަރަދަށް ބަލަންޏާ. 45000 ރުފިޔާ އާމްދަނީޔަށް ލިބޭ މީހަކު މަހެއްގެ މައްޗަށް އިންކަމް ޓެކްސްއަށް ދައްކަންޖެހޭނީ އެންމެ 400 ރުފިޔާ. މިއީ އާމްދަނީގެ އެންމެ 0.89 ޕަސެންޓް. ހަމަގައިމުވެސް ކޮފީތަކަށް މަހެއްގެ މައްޗަށް 2000 ރުފިޔާ ދާނެކަން ޔަޤީން. އަދި ކޮބާ ސިނގިރޭޓާއި ފުޅިޔާއި ދަޅުގެ ޚަރަދުތައް. މި ޚަރަދުތައް މަދުކޮށްލައިފިނަމަ 40000 ރުފިޔާގެ އާމްދަނީ ލިބޭ މީހަކު އިންކަމް ޓެކްސް ދައްކާފައި ދެކޮޅު ޖައްސާކަށް އުނދަގުލެއް ނުވާނެ. ޓެކްސް ނަގަން ފެށީމަ އިނގޭނީ މި ޓެކްސްގައި ހުރި މައްސަލަތައްވެސް. ފުރަތަމަ ފަހަރަކު ހުރިހާ ކަމެއް ފުރިހަމަޔެއް ނުވާނެ.