6 mas dhuvas thereygai 401 cycle vagah nagaafaivey: fuluhun
image
ވަގަށް ނަގާފައިވާ ސައިކަލުތަކެއް---ފޮޓޯ:ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހަ މަސްދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނަގާފައިވޭ: ފުލުހުން

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ސައިކަލު ވަގަށް ނަގައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، މިކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ކުރި ސާވޭއަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނެގިކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.

އޭގެތެރެއިން މިހާތަނަށް ފެނިފައިވަނީ 264 ސައިކަލު ކަމަށް ފުލުހުން ބުނެއެވެ. ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 21,796,400 (އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ހަގީގަތުގައިވެސް މިއީ ދިވެހިންގެ އާބާދީގެ ނިސްބަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އެހެންކަމުން އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދެއް ދުއްވާ ފަރާތަކުން ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ." ފުލުހުން ބުންޏެވެ.

އެގޮތުން ވައްކަން ކުރާ ފަރާތްތަކުގެ ކިބައިން ތިމާގެ އުޅަނދު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، ސައިކަލު ޕާކު ކުރާއިރު އެކަހެރި ތަންތަނުގައި ޕާކު ނުކުރުމަށާއި، ހުންގާނު ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެއިތުރުން ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދު ތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

ސާވޭއިން ދައްކާގޮތުގައި 38 އިންސައްތަ މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލެވެ. އޭގެ އިތުރުން 90 އިންސައްތަ މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެހެންމެ ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯއާއި، ސައިކަލުގެ ޝަޓާލޮކް ކުރައްވާތޯ ބެލިބެލުމުން 35 އިންސައްތަ މީހުން އެކަންކަމަށް ސަމާލުކަން ދީފައިނުވާކަން ވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

ފުލުހުން ބުނީ ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހަންމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ސައިކަލު
ހިޔާލު