Keeper Imran Football kulhun huhtaalaifi
image
އިމްރާން މުހައްމަދު-- ފޮޓޯ: އިމްރާން/ފޭސްބުކް
0 ކޮމެންޓް
 

ވިހި އަހަރުގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރަށް ފަހު އިމްރާން ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ވިހި އަހަރުގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރަށް ފަހު ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރު އިމްރާން މުހައްމަދު، ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގައި 17 އަހަރު ކުޅުމަށް ފަހު އިމްރާން ގައުމީ ޓީމުން ރިޓަޔާ ކުރީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ޓީސީ ސްޕޯޓްސްގެ ގޯލު ބަލަހައްޓާފަ އެވެ.

އިމްރާން އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ ފުޓްބޯޅައިން ރިޓަޔާ ކުރަން ނިންމާފައިވާ ކަމަށާއި މިއީ އެ ފިޔަވަޅު ނަގަން އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް ދެކޭ ކަމަށެވެ.

އިމްރާން އިތުރަށް ބުނީ ގޯލްކީޕަރުންގެ ގޮތުގައި ޒުވާން ހުނަރުވެރިން ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އަދި އޭނާގެ ހެޔޮ ދުއާ އަބަދުވެސް ދިވެހި ފުޓްބޯޅަ އާއިލާއާއެކު އޮންނާނެ ކަމަށެވެ.

"ދިވެހި ފުޓްބޯޅާ އާ ހަރުފަތަކަށް ގެންދިއުމުގެ ތައުފީގު މާތްﷲ މިންވަރު ކުރައްވާށި. އާމީން،" އިމްރާނު ފޭސްބުކްގައި ކުރި ޕޯސްޓުގައި ވެއެވެ.

އޭގެ އިތުރުން އިމްރާން ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ، އުމުރުން 38 އަހަރުގެ އިމްރާނަށް ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ވަނީ ގައުމީ އިނާމުވެސް ލިބިފަ އެވެ.

އިމްރާން އޭނާގެ ފުޓްބޯޅަ ކެރިއަރު 1999 ވަނަ އަހަރު ފެށިއިރު އޭނާ ވަނީ އީގަލްސް އާއި ވިކްޓްރީ އަދި ނިއު ރޭޑިއަންޓުގެ އިތުރުން ވީބީ އައްޑޫ އެފްސީ އަދި ޓީސީއަށް ވެސް ކުޅެފަ އެވެ. އީގަލްސްއިން ފެށި ކްލަބް ކެރިއަރު ޓީސީން ނިންމާލީ މުސާރަ ނުލިބޭތީ ކޮންޓްރެކްޓް ސީޒަނުގެ މެދަކާ ހަމައިން އުވާލުމަށް ފަހު އެވެ.

ރާއްޖޭގެ އިތުރުން އިމްރާނަކީ ދެކުނު އޭޝިއާގައިވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ ވަނީ ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ވެސް ކުޅެފަ އެވެ.
ފުޓްބޯޅަ
ހިޔާލު