fandiyaaru Adam mohammed ge thahugeegu laskohffi
image
ފޮޓޯ: ސަން
0 ކޮމެންޓް
 

ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގު ފަސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ތަހުގީގު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަސްކޮށްފި އެވެ.
ޖޭއެސްސީއިން ބުނެފައިވަނީ، ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގު ފަސްކުރުމަށް ނިންމާފައިވަނީ، ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީކަމަށެވެ.

"ތަޙުޤީޤު އަޑުއެހުން ފަސްކުރެވިފައިވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީއެވެ. އެނބުރި ވަޑައިގެންނެވުމުން ކުރިއަށް ގެންދެވޭނެއެވެ." ޖޭއެސްސީން ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގުގެ 2 އަޑުއެހުމެއް މިހާތަނަށް ބާއްވާފައިވެއެވެ. ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގެނައުމުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ޖަމީލް ވަކީޅެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަން އަންގާފައެވެ. އެގޮތުން ޖޭއެސްސީން ބުނެފައިވަނީ، ޑރ. ޖަމީލަކީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފަނޑިޔާރު އާދަމް މުހައްމަދު ބައްލަވަމުން ގެންދަވާ ދުސްތޫރީ މައްސަލައެއްގައި އެއް ހަސްމު ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އިންނެވުމުން އެ ކަމަކީ މަސްލަހަތު ފުށުއަރާކަމެއްކަމަށެވެ. އެހެންކަމުން މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހުރުމުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ބަލައި ނުގަނެވޭނެ ކަމަށް ޖޭއެސްސީން އަންގާފައިވެއެވެ.

އެތަހުގީގުގެ އެންމެ ފަހުން ބޭއްވި އަޑިއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދު ވަޑައިގެންފައިވަނީ އެއްވެސް ވަކީލަކާއި ނުލައެވެ. އަޑުއެހުން ފެށުމާ އެކު އާދަމް މުހައްމަދު ވަނީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތަށް އާދަމް މުހައްމަދު އެދިވަޑައިގަތުމާ ގުޅިގެން މައްސަލަ ބައްލަވަމުން ގެންދަވާ ޖޭއެސްސީގެ މެންބަރުން ވަނީ ނޮވެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް އޭނާއަށް އެ ފުރުސަތު ދެއްވާފަ އެވެ. އަދި އެއީ ވަކީލަކު ހަމަޖައްސަން ދެވޭ ފަހު ފުރުސަތު ކަމަށާއި މިމުއްދަތުގެ ތެރޭގައި ވަކީލަކު ހަމަނުޖެހުނު ނަމަވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށްވެސް ސުލޫކީ މައްސަލަ ބައްލަވާ ޖޭއެސްސީގެ ކޮމިޓީގެ ބޭފުޅުން ވަނީ އަންގަވާފަ އެވެ.

ކޮމިޓީން މިގޮތަށް އެންގުމުން މިމުއްދަތުގެ ތެރޭގައި ވަކީލަކު ހަމަނުޖެހިދާނެ ކަމުގެ ރޫހެއްގައި ވާހަކަދައްކަވަމުން އާދަމް މުހައްމަދު ވިދާޅުވީ ވަކީލަކު ހޯދުމަށް އޭނާއަށް ކުރެވޭނީ މަސައްކަތް ކަމަށެވެ. ޑރ. ޖަމީލާ މެދު އަމަލުކުރެވުނު ގޮތުން މިމައްސަލައިގައި ބައިވެރިވުމަށް ބައެއް ވަކީލުން ބޭނުން ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އެގޮތަށް ވިދާޅުވުމުން މައްސަލަ ބައްލަވާ ކޮމިޓީގެ ރިޔާސަތުގައި އިންނެވި ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ އާދަމް މުހައްމަދު މަސައްކަތް ކުރައްވަނީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވަން ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.
ހިޔާލު