Shakuwa
image
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ޝަކުވާ

ޝަކުވާ (11 ވަނަ ބައި)
ނަމަވެސް ހައްޔާނަށް އިތުރަށް އެއްޗެކޭ ބުނެވުމުގެ ކުރިން ބަދިގެއިން ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުޅުވޭ އަޑު އިވުނެވެ. ނަވްޔާއާއި ހައްޔާނަށް އެއްފަހަރާ އެ ދިމާއަށް ބަލައިލެވުނުއިރު ނަވްޔާގެ ލޮލުގައި ވަނީ ސިހުމެވެ.

"ހައްޔާން." ޕްލީސް އަވަހަށް މިތަނުން ދޭ." ހައްޔާންގެ ބުރަކަށީގައި އަޅާ ކޮއްޕާލަމުން ނަވްޔާ އާދޭހާ އެކު ބުންޏެވެ.

މިހެން ބުނެފައި ނަވްޔާ ދުއްވައިގަތީ ބަދިގެ ދޮރާ ދިމާއަށެވެ. އެ ހިސާބަށް އަރާ ހަމަވި އިރު އަޒްކާ ނުކުންނަނީއެވެ. މާނޭވާލެވި ހާސްވެފަ ހުރި ނަވްޔާ ފެނުމުން އަޒްކާ ހައިރާންވިއެވެ. ކިހިނެއްވީތޯ އަހައިލެވުނީ ކަންބޮޑުވެފައި ހުރެއެވެ. ނަވްޔާ ހާސްވެފައި ފަހަތް ބަލައިލިއެވެ. ހައްޔާން ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

"މި..މި ބުޅަލެއް.."ނަވްޔާ އަޅައަޅައިގަނެފައި ބުންޏެވެ.

އެއާ އެކު އަޒްކާ ޕަކަޕަކަ އަޅާފައި ހީނގަތެވެ. ނަވްޔާ ބުޅާދެކެ ބިރުގަންނަކަން އަޒްކާއަށް އެނގެއެވެ. އަޒްކާއަށް ދޮގުހަދަން ޖެހުމުން ނަވްޔާއަށް އުނދަގޫވި ނަމަވެސް އެ ވަގުތު އެ ނޫން ގޮތެއްނެތެވެ. ހިތުގެ ހާލަތު ކިޔައިދެވޭހާ ހިތްވަރެއް ނަވްޔާގެ ނެތެވެ. ނަސީމާއްތަގެ ފަރާތުން ދިމާވާ އެއްވެސް ހިތްދަތިކަމެއްގެ ވާހަކަދެއްކުމަކީ އެއް އިރެއްގައި ވެސް ނަވްޔާ ކޮށްއުޅުނު ކަމެއް ނޫންވީމައާ އެކުއެވެ.

*********

މަގުމަތީގައި ހެދިފައިވި ފެންކޯރުތަކުން ނެއްޓެމުން ނަސީމާގެ ފަހަތުން ހިނގަމުން ދިޔަ އަޒްކާގެ މޫނުމަތީގައި ވަނީ ފޫހިކަމުގެ ކުލަވަރެވެ. އެހާވަރުން އަޒްކާ ގޮވައިގެން މަންމަގެ ރައްޓެހިންގެ ގޭގެއަށް ދިޔުމުގެ ބޭނުމެއް އަޒްކާއަކަށް ނުފެނެއެވެ. އަދި އެ ވެސް މިހާ ވިއްސާރަދުވަހަކުއެވެ. މަންމަ ދާހިތްވަންޏާ މަންމަ ދިޔައީމާ ނިމުނީ ނޫންހެއްޔެވެ؟

ހުޔޫންއާއި އަޒްކާއަކީ އެއްވެސް އިރެއްގައި މާ ރައްޓެހިކޮށް އުޅުނު ކުދިންނެއް ނޫނެވެ. ހުޔޫން، ނަވްޔާއަށް ޖެއްސުންކޮށް ގޯނާކުރާއިރު ނަވްޔާ ދިފާޢު ކުރަން ގިނަފަހަރު ހުންނަނީ އަޒްކާއެވެ. އެ ދެމެދުގައި ބަދަލުކުރެވިފައިވަނީ ބަހުގެ ހޫނު ހަމަލާތަކާއި ނުރުހުމުގެ ނަޒަރުތަކެވެ. މަންމަމެން ތިބޭ ތަންތަނުގައި ކޮންމެހެން ބުނަންވާ އެއްޗެއް ބުނިކަމުގައިވީ ނަމަވެސް އެ ދެމެދުގައި ރަހްމަތްތެރިކަމެއް ދުވަހަކު ވެސް ނުވެއެވެ. މާލެއިން އަންނަމުން ހުޔޫން ހަދިޔާ ގެންނަންވީ ސަބަބެއް އަޒްކާއަކަށް ނުވިސްނެނީ އެހެންވެއެވެ. ކޮންމެގޮތެއް ވިޔަސް މަންމަގެ ޒީލަގަދަ އަމުރުގެ ދަށުން އެގެއަށް ދިޔުން ނޫން ގޮތެއް އަޒްކާއަކަށް ނެތެވެ.

ފުން ނޭވާއެއް ލާފައި ނަސީމާގެ ފަހަތުން ހުޔޫންމެންގެ ގެއަށް އަޒްކާ ވަނެވެ. ރަށުގެ އެހެން ގިނަ ގޭގެއާ ތަފާތުކޮށް އެގޭ ވަށާފާރު ހުރީ އުސްކޮށް ރާނާ، ހުދުކުލަ ލާފައެވެ. ކުދިކުދި ފިޔާތޮށި ކުލައިގެ ޖަނަވަރީ މަލުގެ ވެލެއް ފާރުމަތިން ތިރިއަށް ފެތުރިފައިވާއިރު ނުހަނު ހިތްގައިމުކަމަށް ދައްކައެވެ. ގޯތިތެރޭގެ ދެފަރާތަށް ކަށިވެލިލާފައި މެދަށް ހިނގަން އޮންނަ މަގުގައި ގާ އަތުރާފައިވާއިރު ގަސްމުށިތަކުގައި މާ ގަސް އިންދާފައި ހުއްޓެވެ. އެއްފަރާތުގައި ޒަމާނީގޮތަކަށް ހަދާފައި ހުރި އުނދޯލިގެއެއް ގައި ހުމައިދާ އިނެވެ. އަޒްކާމެން ވަނުމުން ހުމެއިދާ ތެދުވެ، ފުޅާ ހިނިތުންވުމަކާ އެކު އައިސް އަޒްކާ ކިހިނެއްތޯ އަހައިލިއެވެ. ރަނގަޅުކަމުގައި ބުނެފައި އަޒްކާ އަދިވެސް ވަށައިގެން ބަލަމުން ދިޔައީ އެގޭގެ ފުރިހަމަކަމުން ހައިރާންވެފައި ހުރެއެވެ.

"ހުޔޫން ދޯ ތި ހޯދަނީ." ހުމެއިދާ ހިނިއައިސްފައި ބުންޏެވެ.

ބުނާނެ އެއްޗެއް ނޭނގުމުން އެއްބަސްބުމުގެ ގޮތުން އަޒްކާ ބޯ ޖަހައިލިއެވެ.

"ނަސީ، ހިނގާ ސައިބޯން ދާން. ހުޔޫން ވެސް އެބައުޅޭ އެފަރާތުގަ." އަޒްކާގެ އަތުގައި ހިފައިފައި ނަސީމާއަށް ބަލައިލަމުން ހުމެއިދާ ބުންޏެވެ.

ހިނިއައިސް ރަތްވެފައި ހުރެ އެ މީހުންގެ ފަހަތުން ނަސީމާ ވެސް ދިޔައެވެ. އެގޭގައި އަޒްކާ ރަންޏެއްހެން އުޅޭ މަންޒަރު ނަސީމާއަށް ފެންނަ ކަހަލައެވެ. އެތެރެއަށް ވަނުމާ އެކު ހުޔޫން އައިސް ވާހަކަދައްކަން ފެށިއިރު ހީވީ ދުވަސްވީ ރަހުމަތްތެރިއަކާ ގިނަދުވަސްތަކެއްގެ ފަހުން ބައްދަލުވީހެންނެވެ. ލޯ ހަނިކޮށްލާފައި ހުޔޫންއާ ދިމާއަށް އަޒްކާ ބަލައިލިއެވެ. ހުޔޫންގެ މޫނުމަތިން އެއްވެސް ކަހަލަ ދެއްކުންތެރިކަމެއް ފެނޭތޯ ކުރި މަސައްކަތް ބޭކާރުވުމުން ވިސްނުމަކަށް އަޒްކާ ގެނބުނެވެ. މާލޭގައި ހޭދަކުރި ދުވަސްތަކުން ހެޔޮ ބަދަލެއް ހުޔޫނަށް އައީ ކަންނޭގެއޭ އަޒްކާ ހިތަށްއެރިއެވެ.

ތަފާތު އެކިވައްތަރުގެ ހެދިކާއިން ފަޅުފިލުވައިދީފައި މޭޒުދޮށުގައި އިށީނދެ ހަތަރު މީހުން ސައިބޯން ފެށިތަނާ ހައްޔާނާއި އިމާޒު އެތަނަށް ވަނެވެ. އެމީހުންނަށް ނުދީ ސައިބޮނީހޭ ކިޔާފައި އިމާޒު ގޮވައިގެން ހައްޔާން ވެސް އިށީނެވެ. އަވަސްއަވަހަށް ތެދުވެ ދެ ޖޯޑަށް ހުޔޫން ސައި އެޅިއެވެ. އިމާޒަށް ސައިތަށި ކައިރިކޮށްދިން ވަގުތު ރަކި ހިނިތުންވުމަކާ އެކު އެސްފިޔަތައް ތިރިކޮށްލިތަން ހުމެއިދާއަށް ފެނުނެވެ. ހިތުން ރުހުމުން އެ ވަރުގެ ކަމެއް ވެސް ކޮށްނުދޭ ހުޔޫން އުޅުނު ގޮތުން ހުމައިދާ ވިސްނައިލިއެވެ. މީގެ ކުރިން އަޒްކާދެކެ ފޫހިވާ ވާހަކަ އަބަދުމެ ދައްކާފައި، މިހާރު ގުޅުން ބަދަހި ކުރަން މަސައްކަތް ކުރުމުގެ ފަހަތުގައިވާ ސިއްރަކީ މިއީ ހެއްޔެވެ؟ ހުމައިދާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ އަންހެންދަރިފުޅުގެ ހިތުގެ ޖަޒުބާތުތައް ދެނެގަނެވި އެ ކަމަށް އަމިއްލަ ހިތް ވެސް މަރުހަބާ ކިޔުމުންނެވެ.

ސައިބޮމުން ދިޔައިރު އެ ކުދިންގެ ދޭތެރޭގައި އެކިއެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. އިމާޒު އިނުމުން އަޒްކާގެ ވެސް ބީރައްޓެހިކަން ފިލައިފައިވެއެވެ. ނުވިތާކަށް އިރުއިރުކޮޅާ އަޒްކާއާއި ހުޔޫންއާ އިމާޒު ދިމާކޮށް ހަދާތީ ހުނުމުގެ އަޑުވެސް ދޭތެރެއަކުން އިވެމުންދިޔައެވެ. އަމިއްލަ ވާހަކައިގައި ތިބި ނަމަވެސް ނަސީމާއާއި ހުމެއިދާ މި މަންޒަރުތައް ފާހަގަ ނުވެއެއްނުދިޔައެވެ.

ސައިބޮއި ނިމިގެން އެންމެން ސިޓިންގްރޫމަށް ދިޔުމުން ނަސީމާ ގޮވައިގެން ހުމެއިދާ ގޭގެ އެއް ފަރާތުގައި ހައްދާފައިވާ ބަގީޗާ ދައްކައިލަން ގެންދިޔައެވެ. ކުދިންގެ މުސްތަޤްބަލު ބައްޓަންކުރާނެ ގޮތުގެ ތަދުބީރުތައް ކުރަން ތިބެފައި ދެ މީހުން ގެއަށް ވަންއިރު އިރުއޮއްސެނީއެވެ. އޭރު އިމާޒެއް ފެންނާކަށް ނެތެވެ. އަޒްކާގެ ގާތުގައި ހައްޔާން ކޮންމެވެސް ވާހަކަތަކެއް ދައްކަން ފެށުމުން އަޒްކާއަށް ހެވުނު މަންޒަރު ފެނިފައި ނަސީމާ ހެވިދިލުނެވެ. ހިތުގެ މުރާދާ އެއްގޮތަށް ކަންތައްތައް ފަހިވާނެކަމުގެ އުންމީދު ލިބި، ހިތްހަމަޖެހިފައި ހުރެގެން އިމާޒު ކޮބައިތޯ ނަސީމާ އަހައިލިއެވެ.

ގެއަށް ގޮސް އަވަސްއަވަހަށް ފުޓުބޯޅަ ޖާޒީ ލައިގެން އިމާޒު ކުޅެން ދާން ނުކުތެވެ. މިއަދު މާބޮޑަށް ލަސް ވެސް ވެއްޖެއެވެ. ހައްޔާންމެންގެ ގެއަށް ގޮސްފިނަމަ ކުޅެން ދާން ލަސްވާނެކަން ކުރިންވެސް އިމާޒަށް އެނގެއެވެ. އެކަމަކު ހައްޔާން ކުރުނުކުރުމުން ކުޑަގޮތެއް ހަދައިގެން އެ ގެއިން ނުކުންނާނީއޭ ހިތާ ދިޔައީއެވެ. ނަމަވެސް މޭޒުމަތީގައި އަތުރާފައި ހުރި ހުރިހާ ވައްތަރެއްގެ ހެދިކާއަކުން ރަހަނުބަލާ އިމާޒަށް ފޭބުނުކަމަކަށް ނުވިއެވެ. އެވަރަށް ކައިގެން މިއަދު ރަނގަޅަށް ކުޅެވޭނެ ބާވައޭ ވެސް އިމާޒު ހިތަށްއެރިއެވެ. ދެ ފިކުރެއްގައި ހުރެގެން ކުރިއަށް ދިޔަ އިމާޒަށް ތަންކޮޅެއް ދުރުން ހަރީރާމެންގެ ގެއިން ނަވްޔާ ނުކުތް ތަން ފެނުނެވެ.

ނަވްޔާ ހުރީ މަޑުރީނދޫކުލައިގެ ކުރުތާއަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. މައްޗަށް އައްސާފައިވާ އިސްތަށިގަނޑު އޮތީ އެއްފަރާތަކުން ކުރިމައްޗަށް ގެނެސްފައެވެ. ފެން ކޯރުހެދިފައި އޮތްމަގުގެ ހިކި ތަންތަންކޮޅުން ނުހަނު ބަލައިގެން ނަވްޔާ ހިނގަމުން އައިއިރު ހީވީ ފެންކޮޅެއްގެ ޖެހިދާނެތީ ބިރުން އުޅޭހެންނެވެ. އަތުގައި އޮތް ފުޓުބޯޅައަށް ބަލައިލާފައި މޮޅު ޚިޔާލެއް ކުރެވިގެން ލާނެތް ގޮތަކަށް އިމާޒު ހީނލިއެވެ.

ނަވްޔާ އަރާ ހަމަވުމާ އެކު އިމާޒު ގޮވައިލިއެވެ. އިސްދަށަށް ޖަހައިގެން ދިޔަ ނަވްޔާއަށް މަގުގެ އަނެއްފަރާތުގައި ހިނިއައިސްފައި ހުއްޓިގެން ހުރި އިމާޒު ފެނުމުން ހައިރާންވެފައި ބުމަ އަރުވައިލެވެނެވެ. ދެން އަނެއްކާ ވެސް ހިނގައިގަތީ އިމާޒު ގޮވީ ކިއްކުރަން ކަން އެނގުމުގެ އެއްވެސް ޝައުގެއް ނެތީތީއެވެ.

"ނަވްޔާ. ހިފާބަލަ." ނަވްޔާ ހިނގައިގަތުމުގެ ކުރިން އިމާޒު ބުންޏެވެ.

އަދި އަތުގައި އޮތް ބޯޅަ ގައިގެ ހުރިހާ ބާރެއްލާފައި ނަވްޔާއާ ދިމާއަށް އެއްލިއެވެ. ބޯޅަ ގޮސް ޖެހުނީ ފެންގަނޑުގެ ތެރެއަށެވެ. ކިލާފެންތައް ނަވްޔާގެ ހެދުމަށާއި ޖީންސަށް ބުރައިގެން ދިޔަ ވަގުތު ބޭއިޚްތިޔާރުގައި ނަވްޔާއަށް މޫނާދިމާއަށް އަތް ހުރަސްކޮށްލެވުނެވެ. އިމާޒު ހޭން ފެށުމުން އެއީ އިމާޒު ގަސްދުގައި ކުރިކަމެއް ކަން ނަވްޔާއަށް އެނގުނެވެ. ކިލާވެފައިވާ ހެދުމަށް ބަލައިލާފައި ނަވްޔާ ބޯޅަ ނެގިއެވެ. އޭރު ނަވްޔާގެ ދެ ލޮލުން ވިދުވަރެއް ފާޅުވެއެވެ. އަތުތެރޭގައި ބޯޅަ އަނބުރައިލުމާ އެކު، ބާވެ ހަލާކުވާން ކައިރިވެފައިވާ ބޯޅައަކުން މަންމައާ އެކު ކުޅެން އުޅުނު ދުވަސްތައް މަތިން ހަނދާންވިއެވެ. ހިތުގައިވާ އުދާސްތަކާއި ހިތްދަތިކަން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތުނެވެ. ލަސްލަހުން އެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.

އެ ހިނިތުންވުން ދެކިލާހިތުން މި ހުރިހާ ދުވަހު އިންތިޒާރު ކުރި ހިނިތުންވުން ފެނުމުން އާޝޯހުވެފައި އިމާޒު ހުއްޓެވެ. މުޅި ކާއިނާތު ވެސް ހިނިތުންވެލިހެން އިމާޒަށް ހީވިއެވެ. ހަނަފަސް ބަގީޗާއެއްގައި މާތައް ފަރިވެ ފޮޅުނީ ކަހަލައެވެ. އެ ހިނިތުންވުމުން އިމާޒުގެ ހިތުގެ އެންމެފުންމިނަށް އަސަރު ކުރުވައިފިއެވެ. އެހެން ހުރެފައި ނަވްޔާ ބޯޅަހިފައިގެން ދުއްވައިގަތުމުން އިމާޒަށް ހޭވެރިކަންވިއެވެ. ނަވްޔާގެ ފަހަތުން ދިޔަ އިމާޒު ހުއްޓުނީ ކުޅެން އުޅުނު ކުޑަކުދިންތަކަކަށް ނަވްޔާ އެ ބޯޅަ ދީފައި ހިނގައިގަތުމުންނެވެ. ނަވްޔާ ދާތަން ބަލަން ހިނިއައިސްފައި އިމާޒު ހުއްޓެވެ

ހެދުން ބަދަލުކޮށްލައި ހަދައިގެން ނަވްޔާ ކާގެއަށް ގޮސް ކާމޭޒުމަތީގައި ހުރި ތަށިތައް ނަގަން ފެށިއެވެ. ތަށިތައް ނަގާ ނިމުނުތަނާ ބަރުހެލި ފިޔަވަޅުތަކެއްގައި ޝަމްނާ އައިސް ވަނެވެ. ޝަމްނާ އެކަނި އައުމުން އިޔާދު ކޮބައިބާވައޭ ހިތަށްއެރި ނަމަވެސް ޝަމްނާ ބުނުމުން ނަވްޔާ ސައިހަދައި ދިނީ ހިމޭންކަމާ އެކުއެވެ. ޝަމްނާއަށް ވަކިން ކުޅިމަޑުކޮށް ހަދާފައި ހުރި ބޯކިބަލާއި މަސްރޮށި ގެނެސްދިނުމަށް ފަހު ކިރުތައްޓެއް ވެސް ހަދައިފައި ބެހެއްޓިއެވެ. އިސް ދަށަށް ޖަހައިގެން އިން ޝަމްނާގެ މޫނުމަތީގައި އެހެންޏާ ހުންނަ އުފާވެރިކަމާ ދިރުނެ ނެތްކަން ނަވްޔާއަށް ފާހަގަކުރެވުނެވެ.

ނަވްޔާ ސައި ހަދައިދީފައި ދިޔުމުން ޝަމްނާ ތަށިތައް ކައިރިކޮށްލިއެވެ. ޝުކުރުގެ ބަހެއް ބުނުމުގެ ބަދަލުގައި ނަވްޔާއާ ދިމާއަށް ބަލައިލަން ވެސް ޝަމްނާ ބޭނުން ނުވާ ކަހަލައެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނދެގެން ޝަމްނާ ލަސްލަހުން ކާންފެށިއެވެ. މިއަދު ވެސް އިޔާދު ހޭލި އިރު މެންދުރުވެއްޖެއެވެ. ތެދުވި ގޮތަށް ފެންވަރާ ކައިގެން ފިހާރައަށޭ ކިޔާފަ ދިޔައީ ޝަމްނާއާ މާގިނަ ވާހަކަދެއްކުމެއް ވެސް ނެތިއެވެ. ހަވީރު ސައިބޯން ނައިސްގެން ގުޅުމުން ވެސް ފިހާރައިގައި ބިޒީކޮށް އުޅޭތީއޭ ކިޔާފައި ފޯނު ކަނޑައިލީއެވެ. ޝަމްނާ ހުރީ ކައިގެންތޯ ވެސް އަހައިނުލިއެވެ.

ބަނޑުބޮޑުވުމުން އިޔާދު އަޅާލުން އިތުރުވާނެކަމަށް ކުރިން ޝަމްނާއަށް ހީކުރެވުނެވެ. ކާހިތްވަނީ ކޯޗެއްތޯ އޮޅުންފިލުވައި އެ އެއްޗެއް ހޯދާދޭނެ ކަމަށް ހީކުރެވުނެވެ. ލިބެން އުޅޭ ދަރިފުޅުގެ މުސްތަޤުބަލާ ދޭތެރޭ ކުލަ ހުވަފެންތައް ދެކޭނީ ދެމަފިރިން އެއްކޮށް ކަމަށް ވެސް ހީކުރެވުނެވެ. އަލަތު ދަރިފުޅަށް ބަލިވެއިނުމުން އަންހެންކުއްޖަކު ކުރާ ކިހާ ގިނަގުނަ އުންމީދުތަކެއް ވޭހެއްޔެވެ؟ ނަމަވެސް މިއަދު ޝަމްނާއަށް ކުރެވެމުންދަނީ އެ އުންމީދުތައް ފުރިހަމަނުވެ، ބިމުގެ ހިރަފުސްކޮޅެއް ހެން ވަޔަށް އަރައިގެންދާތަން ފެނުމުން ކުރެވޭ ހިތްދަތި އިހުސާސެވެ. ވަސީމާގެ ގޮތް އެނގުނު ނަމަވެސް މާމަދަރިއެއް ލިބޭތީ އެންމެކުޑަމިނުން އުފާވާނެ ކަމަށް ޝަމްނާ ހީކުރިއެވެ. ދޭތެރެއަކުން އައިސް ބޭބީގެ ވާހަކަ އަހައިލި ނަމަވެސް އަޒްކާ ވެސް އަބަދު އުޅެނީ ނަވްޔާގެ ފޫބުޑުންނެވެ.

ބަނޑުހައިވެފައި ހުރުމުން ނަވްޔާ ވެސް ސައިތައްޓެއް ހަދައިގެން އައިސް ބަދިގޭގައި ހުންނަ ކުޑަ މޭޒު ކައިރީގައި އިށީނެވެ. މިއަދު މެންދުރުގެ ފަހުން އަޒްކާގެ ޚަބަރެއް ވެސް ނުވެއޭ ހިތަށްއެރިތަނުން ވައިރޯޅިއެއް ހެން އަޒްކާ އައިސް ވަނެވެ. އަޒްކާ ފެނުމުން ހިނިތުންވެލާފައި ސައިބޯން އަންނަން ނަވްޔާ ބުންޏެވެ.

"މަންމައާ އެކު ހުޔޫންމެންގެ ގެއަށް ގޮސްފަ މިއައީ. އެ ގެއިން ސައިބޮއިފިން. ހުޔޫން މިހާރު ވަރަށް ތަފާތު. ހައްޔާނާ ވެސް ދިމާވި. އެނގޭތަ ހައްޔާން ބުނި އެއްޗެއް.؟" އަޒްކާ ހީވަނީ ހުރިހާ ވާހަކައެއް އެއްފަހަރާ ބުނަން ބޭނުންވެފައި ހުރިހެންނެވެ.

އަޒްކާގެ ގާތުގައި ހައްޔާން ދެއްކީ ކޮންވާހަކައެއް ބާވައޭ ހިތަށްއަރާފައި ނަވްޔާގެ ހިތް ތެޅެން ފެށިއެވެ.

(ނުނިމޭ)

ހިޔާލު