Rajjeyge fathuruverikan ishthihaaru kohdheyn Italy ge noosveringe team eh
image
ރާއްޖެ އިޝްތިހާރުކުރުމަށް އިޓަލީން އައި ނޫސްވެރިންގެ ޓީމު -- ފޮޓޯ: އެމްއެމްޕީއާރްސީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްދޭން އިޓަލީގެ ނޫސްވެރިންގެ ޓީމެއް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އިޓަލީގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ފާހަގަކުރެވޭ އިޓަލީގެ މީޑިއާ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
މިދަތުރަކީ ފުޅާދާއިރާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން 16 ވަނަ ދަތުރެވެ.

އިޓަލީގެ މީޑިއާ ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން މި މަހުގެ 10 ދުވަހުގެ ނިޔަލަށެވެ.

މިދަތުރުގައި މިޓީމް ރިސޯޓްތަކާއި ގެސްޓްހައުސް އަދި ލިވަބޯޑްގައި މަޑުކޮށް، އެތަންތަނުގެ ތަފާތު ހިދުމަތްތައް ތަޖުރިބާ ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިޓީމުގެ މީހުން ތިބުމަށް ހަމަޖެހިފައިވަނީ ގއ. އަތޮޅުގައި މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވި އޮންނަރަފްލްސް މޯލްޑިވްސް މެރަދޫ އާއި ސަން ސިޔާމް އިރުފުށީގެ އިތުރުން ބ. ފެހެންދޫ ވައިޓް ލެގޫން ގެސްޓް ހައުސް އަދި ވޮރޭޖްސް މޯލްޑިވްސްގެ ގަހާ ސަފާރީގަ އެވެ.

މިދަތުރުގައި ބައިވެރިވާ ޓީމްގައި ހިމެނެނީ ޖީކިއު އިޓާލިއާ، ވެނިޓީ ފެއާ، ޓޫރިސްޓާ، ވިއާގީ ކޮރިއެރޭ، އިލް ޖޯރްނާލޭ ފަދަ މަޝްހޫރު މަޖައްލާތަކަށް ލިޔާ ތަޖުރިބާކާރު ނޫސްވެރިންނާއި އިޓަލީގެ އެންމެ މަޝްހޫރު ޓްރެވަލް އިންފްލުއެންސަރުންގެ ތެރޭގައި ހިމެނޭ ރޮބާޓޯ ދި ރޯސާ އާއި ލޮރެންޒޯ ލިވެރާނީ އެވެ.

ރާއްޖޭގައި މިޓީމުން ކުރާ ތަޖުރިބާތައް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ މީހުން ޝާއިއު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔަކީ އިޓަލީގެ ރައްޔިތަކަށްވާއިރު، އެ ގައުމަކީ ރާއްޖޭ އަށް މިހާރު ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 97,375 ފަތުރުވެރިން ވަނީ އިޓަލީން ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންނަށް ވުރެ 31.7 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްޕީއާރްސީގެ އުއްމީދަކީ މިދަތުރު ތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ވެގެން ދިޔުމެވެ.

އެމްއެމްޕީއާރްސީން ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް އިޓަލީގެ ފަތުރުވެރިކަމުގެ މާކެޓަށް އަމާޒުކޮށްގެން ބޭއްވި އެންމެ ބޮޑު ފެއާ ކަމުގައިވާ ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގައި ބައިވެރިވެފަ އެވެ. އަދި އެއާ ވިދިގެން ރޯމް އާއި މިލާންގައި ވަނީ ރޯޑް ޝޯތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ހިޔާލު