Budget 2020: Male sarahahdhu gulhaalaa Bridge ah 411 million Rufiyaa
image
ގުޅިފަޅު
0 ކޮމެންޓް
 

ބަޖެޓު 2020: މާލެ ސަރަހައްދު ގުޅާލާ ބްރިޖަށް 411 މިލިއަން ރުފިޔާ

މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅާލުމަށް ހަދާ ބްރިޖުގެ މަސައްކަތް ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި 411 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދު އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް މިހާރު ކުރަމުންދާ ކަމަށެވެ.

"މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެ ބުރިޖެއްގެ މަސައްކަތް ފެށުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 411 މިލިއަން ރުފިޔާ ހިމެނިފައިވާނެ. މިހާރު މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް ދަނީ ކުރެވެމުން" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއުއަކީ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް މަޝްރޫއެވެ. ސަރުކާރުން މީގެކުރުން ލަފާކޮށްފައިވަނީ މިކަމަށް 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމްގައި ވަނީ މާލެ- ވިލިމާލެ އަދި ގުޅީފަޅު ބްރިޖަކުން ގުޅާލައި މަޝްރޫއު ފެށުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފަ އެވެ. މިކަމާ ގުޅޭ ދިރާސާތައް ކުރަމުންދާ ކަމަވެސްށް ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވިއިރު ޕާޓްނާޝިޕް ފޯރަމްގައި މިނިސްޓަރު ވަނީ ބްރިޖު އަޅަން ކުރިން ވެސް ސާވޭ ކޮށްފައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން އިރަކު ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"ކުރިން ވެސް އެބަހުރި ސާވޭ ކޮށްފައި. އެ ސާވޭތަކާއި އަޅުގަނޑުމެންގެ ޓެކްނިކަލް އެކްސްޕާޓުންނާއި ގުޅިގެން ކުރި މަސައްކަތުން ނެރެވިފައިވާ އަދަދެއް [488 މިލިއަން ޑޮލަރު] އަކީ،" ޕާޓްނާޝިޕް ފޯރަމްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ މިނިސްޓަރު އަމީރު އޭރު ވިދާޅުވިއެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ރާއްޖޭގެ ހުރިހާ އާބާދީތަކެއް ގުޅާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ގައުމީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް 150 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. މިނިޒާމުގެ ތެރެއިން ސްޕީޑް ރަނގަޅު ފެރީތައް ހިދުމަތަށް ނެރެ، ދަތުރުފަތުރުގެ ހިދުމަތް ރަނގަޅުކުރަން ބޭނުންވާ ބަނދަރުތަކާއި ޓާމިނަލް ހަދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓް މަޖިލިސް
ހިޔާލު