Budget 2020: 10,000 Flat elhumah 600 million rufiyaa kanda alhaifi
image
ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކެއް
0 ކޮމެންޓް
 

ބަޖެޓް 2020: 10000 ފްލެޓް އެޅުމަށް 600 މިލިއަން ރުފިޔާ ކަނޑައަޅައިފި

މިސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 20000 ފްލެޓްތަކުގެ ތެރެއިން އަންނަ އަހަރުގެ ތެރޭގައި 10000 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިމަޝްރޫއު ކުރިއަށްދާނީ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށްޓަކައި ސަރުކާރުން މިއަހަރުގެ ތެރޭގައި ތައާރަފުކުރި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަން ނިންމާފައިވާ 20،000 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 20،000 ސޯޝަލް ހައުސިން ޔުނިޓް ޕްރޮގްރާމަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ އަދި ތާހިރު ދިރިއުޅުމެއް ހޯދައިދޭނެ ބޮޑު މަޝްރޫއުއެއް ކަމަށެވެ.

"މި ދައުރުގެ ތެރޭގައި 20،000 ސޯޝަލް ހައުސިން ޔުނިޓު އަޅާ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެވޭނެ. ސަރުކާރުން ރާވާފައި ވަނީ މީގެތެރެއިން 10،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަންނަ އަހަރު ފަށަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރަށްރަށުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކަށް 359 މިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިމުމުން އެތަންތަނުގެ ކުއްޔަކީ 6000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކަށް ވާނެ ކަމަށްވެސް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ނިންމާފައިވަނީ ރަށްރަށުގައި ހުރި ފަޅުގެތަކާއި ގޯތިތަކުގައި ގެދޮރު އެޅުމުގެ ތަނަވަސްކަން ނެތް މީހުންނަށް ހެޔޮ އަގުގައި ލޯނު ދީގެން އެމީހުންނަށްވެސް ގެދޮރު އެޅުމުގެ ފުރުސަތު ދިނުމަށެވެ.
ބަޖެޓް މަޖިލިސް
ހިޔާލު