Budget 2020: Gulheefalhu Port Project ah 247 million Rufiyaa kanda alhairi
image
ގުޅީފަޅު
0 ކޮމެންޓް
 

މާލޭގެ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް 247 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފި

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކޮށް އެތަނުގައި ބައިނަލްއަގްވާމީ ފެންވަރުގެ ބަނދަރެއް ހެދުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަހަރުން އަހަރަށް ކުރިއަރާއިރު އަދި ރާއްޖެއަށް އެތެރެކުރާ މުދާ އަހަރުން އަހަރަށް އިތުރުވަމުންދިޔަ ނަމަވެސް މާލޭގެ ވިޔަފާރި ބަނދަރަށް ބޮޑު ބަދަލެއް ނާންނަތާ 30 އަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން މުދާ ބޭލުމަށާއި މުދާ ގުދަން ކުރުމަށާއި ވިޔަފާރި ކުރާ ތަންތަނަށް މުދާ ގެންދިޔުމުގައި ޒަމާނާ ނުކިއްސަރު ގޮންޖެހުންތަކެއް ވިޔަފާރިތަކަށް ދިމާވަމުން އަންނަކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ޕޯޓު ޕްރޮޖެކްޓަކީ ރާއްޖެއަށް މުދާ އިމްޕޯޓުކޮށް ގުދަންކޮށް ގެންގުޅުމުގެ ވައްޓަފާޅިއަށް ގެނެވޭނެ އިންގިލާބީ ބަދަލަކަށް ވާނެ ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް 247 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

"މިއަހަރުގެ ތެރޭގައި މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ. ގުޅީފަޅުގައި ތަރައްގީކުރެވޭ ބަނދަރު ވެގެންދާނީ އިންޓަނޭޝަނަލް ޝިޕިން ރޫޓުތަކުގައި ދަތުރުކުރާ ބޮޑެތި އާގުބޯޓުތަކަށްވެސް ބޭނުންކުރެވޭ ވަރުގެ ޕޯޓަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދަޅުވީ ގުޅިފަޅުގައި ހަދާ ބައިނަލްއަގްވާމީ ބަނދަރުގެ ސަބަބުން މިހާރު ރާއްޖެއަށް މުދާ ގެންނަން މެދުވެރިއެއްގެ ދައުރު އަދާކުރާ ފީލްޑާ ބޯޓު ފަހަރަށް ބަރޯސާވުން ނިމުމަކަށް އައިސް ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ހަރަދުތައް ކުޑަވާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ މުދާ އަރުވާ ބެލުމުގައި މިހާރު ހޭދަވާ މުއްދަތު މަދުވެގެން ފަސްގުނަ ކުޑަކުރުން ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގެ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު މި މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ކުންފުންޏަށެވެ. އެކުންފުންޏަށް މަޝްރޫއު ހަވާލުކުރީ 53 މިލިއަން ޑޮލަރު ނުވަތަ 817.26 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް ނިންމުމަށް އެ ކުންފުންޏާއި އެކު ސޮއިކޮށްފައިވާއިރު އެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މިމަޝްރޫއުގެ ދަށުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ އިތުރުން ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބިޑަކަށް ނުލައި މި މަސައްކަތް ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހާއި އޭސީސީން ގެންދަނީ މިކަމާ ގުޅޭ މައްސަލައެއް ބަލަމުންނެވެ.
ހިޔާލު