Noomadi mahsalaagai muizu kurehvi baehkankan engivadainugennevi!
image
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރާއްޖެއެމްވީ
0 ކޮމެންޓް
 

ނޫމަޑި މައްސަލާގައި މުއިއްޒު ކުރެއްވި ބައެއްކަންކަން އެނގިވަޑައިނުގެންނެވި!

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން ޑޮލަރުގެ ބަދަލުގެ ގޮތުގައި ދިން މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްގެން އޭނާއާ ކުރެއްވި ސުވާލުތަކާ ގުޅިގެން މުއިއްޒު ނޫމަޑި މައްސަލާގައި ހިންގި ބައެއް މުއާމަލާތައް އެނގިވަޑައިނުގަންނަވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމެޓީގައި މުއިއްޒު ފުރަތަމަ ހުއްޓުން އަރަައިވަޑައިގެން ކަންކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވީ، ކޮމެޓީ މެމްބަރު
ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް ކުރެއްވި ސުވާލުތަކާ ގުޅިގެންނެވެ. އަސްލަމުގެ އެ ސުވާލުތައް ކުރައްވަން ފެއްޓެވީ މުއިއްޒު ދެއްވި ބަޔާނުގެ ސަބަބުން ދައުލަތަށް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމާ ގުޅިގްނެވެ.

މުއިއްޒު އެހެން ވިދާޅުވުމުން، އަސްލަމް ވިދާޅުވީ އާބިޓަރޭޝަނަށް މުއިއްޒު ދެއްވި ބަޔާނުގެ ކޮޕީއެއް އޭނާއަށް ލިބިވަޑައިގެންނެވިތޯ އެވެ. ޖަވާބުގައި ކުރީގެ މިނިސްޓަރު ވިދާޅުވީ "އަޅުގަނޑުގެ އަތުގައި ނެތް" ކަމަށެވެ.

އަސްލަމުގެ ވާހަކަތަކަށް ފަހު ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ބައެއް ސުވާލުތަކަށް މުއިއްޒަށް ޖަވާބު ނުދެއްވި އެވެ. ކޮމެޓީގައި މިއަދު މުއިއްޒު ހެއްދެވިގޮތުން މި ސަރުކާރުގެ ބައެއް ބޭފުޅުން މުއިއްޒުގެ މައްޗަށް ކުރައްވާ ތުހުމަތަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބެ އެވެ. މިސަރުކާރުގެ ބައެއް ވެރިން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރައްވަނީ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް މުއިއްޒު ބަޔާން ދެއްވި ކަމަށާއި އެކަމުގެ ސަބަބުން ދައުލަަތަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެކަމަށެވެ.

އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާން ހަވާލުކުރެއްވީ ކާކުތޯ އިލްޔާސް ސުވާލުކުރެއްވުމާއެކު މުއިއްޒު ވިދާޅުވީ އެއީ ދަންނަ މީހެއް ނޫން ކަމަށެވެ. އެ ޖަވާބާ ގުޅިގެން އިލްޔާސް ވަނީ އިތުރު ސުވާލެއް ވެސް ކުރިމަތި ކުރުވާފައެވެ. އިލްޔާސްގެ މި ފަހަރުގެ ސުވާލު އަމާޒު ކުރެއްވީ މުއްއިޒު އާބިޓްރޭޝަނަށް އޭނާ ފުރަތަމަ ދެއްވި ބަޔާނަށް ބަދަލު ގެންނަވާފައި ވާތީ އެކަމާ ގުޅޭގޮތުން ނެވެ.

އިލްޔާސް ވިދާޅުވީ ފުރަތަމަ ދެއްވި ބަޔާނަށް ބަދަލު ގެންނަވާފައިވާތީ، އެ ބާޔާން އަލުން މުއިއްޒާ ހަވާލު ކުރެއްވީ ކާކުތޯ އެވެ.
މިފަހަރު ވެސް މުއިއްޒު ވިދާޅުވީ "ނޭނގޭ" ކަމަށެވެ.

ކޮމެޓީގައި މުއިއްޒު ޖަވާބު ދެއްވަމުންގެންދަވާގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އިލްޔާސް ވަނީ ގާނޫނުއަސާސީއާ ހަވާލާ ދެއްވައި، ހަނދާންކޮށްދެއްވައިފަ އެވެ. ގާނޫނު އަސާސީއާ ހަވާލާ ދެއްވާ އިލްޔާސް ސުވާލު ކުރެއްވި ނަމަވެސް މުއިއްޒު ޖަވާބު ދެއްވުމުގައި މާ ބޮޑު ބަދަލެއް ގެންނެވި ތަނެއް ފެނިގެންނުދިޔަ އެވެ.

ނޫމަޑިއަށް ބޮޑު ބަދަލެއް ދިނުމަކީ އަމާޒެއް އޮވެގެން ކުރި ކަމެއް: މުއިއްޒު

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދިނީ މިސަރުކާރުން އެގޮތަށް ކުރިއަށް ދިއުމަށް އަމާޒެއް ކަނޑައަޅައިގެން ކުރިކަމެއް ކަމަށް ކޮމެޓީގެ ކުރީކޮޅު މުއިއްޒު ވިދާޅުވެ ސަރުކާރަށް ތުހުމަތުތައް ކުރެއްވި އެވެ.

މަޖިލިސް ކޮމެޓީގައި މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ނޫމަޑިއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމެއް ރައީސް ޔާމީންގެ ސަރުކާރުން ބާތިލްކުރުމާ ގުޅިގެން މިސަރުކާރުން ބޮޑު ބަދަލެއް ނޫމަޑިއަށް ދިން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މުއިއްޒު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މުއިއްޒު ވިދާޅުވީ ނޫމަޑިއަށް ދޭންޖެހޭ ބަދަލު ބޮޑުވެގެން ދިޔައީ ނިމިދިޔަ ސަރުކާރާއި މިސަރުކާރުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅަކު އެގޮތަށް ފެށުނީއްސުރެ ވަކާލާތުކުރެއްވުމުން ކަމަށެވެ. އަދި އެއީ ބަދަލެއް ދިނުމުގެ އަމާޒުގައި ކުރެއްވި ކަމެއް ކަމަށްވެސް މުއިއްޒު ވަނީ ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް މުއިއްޒު ތުހުމަތުކުރައްވާ ބޭފުޅެއްގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.

މުއިއްޒު ވިދާޅުވީ ނޫމަޑިއަށް ދިން ބަދަލު ބޮޑުވީ އެކުންފުންޏާ އެކު ސޮއި ކުރި ދެވަނަ އެއްބަސްވުމުގެ ދަށުން ރިސޯޓް ތަރައްގީކުރަން ދިން ދިއްފުށިމާދޫގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު ބަދަލު ބޮޑުވި އަސްލު ސަބަބަކީ ބަދަލު ދޭން އަމާޒު ހިފައިގެން މަސައްކަތް ކުރެއްވުމުން ކަމަށްވެސް ތަކުރާރުކޮށް މުއިއްޒު ވިދާޅުވި އެވެ. ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ސިންގަންޕޫރު އާމިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނުގައި ވަނީ ނޫމަޑި އެއްބަސްވުން ރައީސް ޔާމީނުގެ ސަރުކާރުން އުވާލީ، އެއްބަސްވުން އުވާލަން ޖެހޭ ސަބަބެއް އޮވެގެން ނޫން ކަމަށް ވިދާޅުވެފަ އެވެ.

ނޫމަޑިއަށް ބޮޑު ބަދަލެއް ދޭން ޖެހުނީ މިމައްސަލައިގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ޑރ. މުއިއްޒު ދެއްވި ބަޔާނެއްގެ ސަބަބުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ތުހުމަތުކުރެއްވި އެވެ. އެފަދަ ބަޔާނެއް ދެއްވިންތޯ މެންބަރަކު ސުވާލުކުރެއްވުމުން މުއިއްޒު ވަނީ އެ ސުވާލަށް ވަކި ޖަވާބެއް ދެއްވުމަށް އިންކާރުކުރައްވާފަ އެވެ.

ކޮމިޓީގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ހުއްޓުން އެރުމަަށްފަހު ބައެއް ސުވާލުތަކަށް މުއިއްޒު ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދިނީ މިސަރުކާރުން އެގޮތަށް ކުރިއަށް ދިއުމަށް އަމާޒެއް ކަނޑައަޅައިގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވިިއިރު މުއިއްޒުވަނީ ސިންގަންޕޫރު އާމިޓްރޭޝަނުގައި ދިވެހި ދައުލަތާ ދެކޮޅަށް ނޫމަޑިއާ އެއްކޮޅަށް ހެކި ބަސް ދީފަ އެވެ.

ސިންގަންޕޫރު އާމިޓްރޭޝަނަށް މުއިއްޒު ވިދާޅުވީ ނޫމަޑި އެއްބަސްވުން ރައީސް ޔާމީނުގެ ސަރުކާރުން އުވާލީ، އެއްބަސްވުން އުވާލަން ޖެހޭ ސަބަބެއް އޮވެގެން ނޫން ކަމަށެވެ.

ނޫމަޑިއަށް ބަދަލު ދިނުމުގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް އެމައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް މިސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދީފަ އެވެ. މިސަރުކާރުން ބުނާ ގޮތުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް ބަދަލު ދިނީ ކޯޓު މަރުހަލާ ނިންމުމަށްފަހު ބަދަލު ދޭނަމަ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު 200 މިލިއަން ޑޮލަރަށް ވުރެ އިތުރުވެދާނެތީ އެވެ.
ހިޔާލު