Budget 2020: Thauleemee Dhaairaa ah 4,412 million Rufiyaa
image
ދަރިވަރުންތަކެއްގެ ދަސްވެނިމުގެ ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ / މިހާރު
0 ކޮމެންޓް
 

ބަޖެޓު 2020: ތައުލީމީ ދާއިރާއަށް 4،412 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4،412 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ޚިދުމަތްތަކާއި ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް ބަޖެޓުގައި 4,411.6 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި ފަށާ، ޕްރައިމަރީ އަދި ސާނަވީ ތައުލީމަށް 3,270.8 މިލިއަން ރުފިޔާ ޚަރަދުކުރެވޭއިރު 1,140.8 މިލިއަން ރުފިޔާ މަތީ ތައުލީމަށް ހަރަދު ކުރެވޭނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގައި ލޯނު ސްކީމަށާއި ހިލޭ ފަސްޓްޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 750 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާނެ ކަމަށް ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. މިއީ މަތީ ތަޢުލީމަށް ކުރާ ހޭދަ އެންމެ ބޮޑު ބަޖެޓެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ކްލާސްރޫމުތަކާއި ވަސީލަތްތައް ގާއިމުކުރުމަށް، ރާއްޖޭގެ 104 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އަތޮޅުތަކުގައި ތަޢުލީމީ އިންފްރަސްޓްރަކްޗާ ގާއިމްކުރުމަށް 330 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލް އިމާރާތްކުރުމަށް 65 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ހުޅުމާލޭގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސްކޫލަށް 54 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ސީ.އެޗް.އެސް.އީ ގެ 8 ފަންގިފިލާގެ ޢިމާރާތް އެޅުމަށް 22 މިލިޔަން ރުފިޔާވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.

މާލެއާއި ފުވައްމުލައް ސިޓީގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް އިންސްޓިޓިއުޝަންތައް ގާއިމްކުރުމަށް 27 މިލައަން ރުފިޔާ ކަނޑައަޅާފައިވާއިރު 35 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާނީ މެޑިކަލް ސްކޫލް ގާއިމްކުރުމަށެވެ. މީގެ އިތުރަށް، ސްކޫލު ނާސްތާގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި، ޓެކްނޮލޮޖީގެ އެހީގައި ތައުލީމީ ދާއިރާގެ ވަސީލަތްތައް ކުރިއެރުވުމަށް ހޭދަކުރުން މި ބަޖެޓުގައި ވަނީ ހަމަނާފައެވެ.
ހިޔާލު