Masahkaiy kuran ekasheyne maahauleh neiynama muvahzafun stress vey!
image
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މަސައްކަތް ކުރަން އެކަށޭނެ މާހައުލެއް ނެތްނަމަ މުވައްޒަފުން ސްޓްރެސްވޭ!

ސްޓެރެސް ވުމަކީ އާންމުކޮށް ބިޒީ ދިރިއުޅުމެއްގައި އުޅޭނަމަ ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ނަފްސާނީ މައްސަލަ އެކެވެ. ކަންކަމާ މާބޮޑަށް ހާސްވެ، ކަންބޮޑުވުމަށް ސްޓެރެސްވުން ކިޔާއިރު މިކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި އަޅާ ނުލައި ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ހެޔޮވާވަރު ކަމެއް ނޫނެވެ. ސަބަބަކީ މީހާގެ ސިކުނޑިއާއި ހަށިގަނޑު ބަލިކޮށްލުމުގެ ނަތީޖާއަކީ އިތުރު އެހެން ބަލިތަކަށް ވެސް މަގުފަހިވުމެވެ.
މަސައްކަތުގެ މައިދާނުގައި ސްޓްރެސްވުމަކީ އާންމު ކަމެކެވެ. އެކަމަކު މީހާ މާބޮޑަށް ސްޓްރެސްވެ ހުރެ މަސައްކަތް ކުރާނަމަ އެކަމުގެ ނުރަނގަޅު ނަތީޖާ ތިމާކުރާ މަސައްކަތްތަކުން ވެސް ފެނިގެންދާނެ އެވެ. އެގޮތުން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވުމާއި އެމޯޝަނަލީ މީހާ ރަނގަޅުނުވުމުގެ އިތުރުން އާއިލީ ގުޅުމަށްވެސް އޭގެ ނުރަނގަޅު އަސަރު ކުރެ އެވެ.

މަސައްކަތުގެ މައިދާނުގައި ހިނގާ ކޮންމެ ކަމަކީ އަމިއްލަ ކޮންޓްރޯލުގެ ދަށަށް ގެނެވޭނެ ކަންކަމެއް ނޫނެވެ. އެކަމަކު އެއީ ތިމާއަކީ ބަލިކަށި މީހެއް ކަމަށްވެސް ވިސްނަންޖެހޭ ސަބަބެއް ނޫނެވެ. ކުރާ ކޮންމެ މަސައްކަތަކީ އެހެން މީހުން އެންމެ ހިތްހަމަޖެހޭ ގޮތަށް ކުރެވުނު މަސައްކަތްތަކަށް ނުވި ނަމަވެސް އަދާކުރާ ވަޒީފާއަކީ ތިމާގެ ލޯބި އޮތް ދާއިރާއެއްނަމަ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ސްޓްރެސް ފިލުވުމަށް އަމިއްލައަށް ވެސް މަސައްކަތް ކުރަން ޖެހެ އެވެ.

ސްޓްރެސް ވުމަކީ އަބަދު މައްސަލައެއް ވެސް ނޫނެވެ. ކަންކަމާ ކަންބޮޑުވުމަކީ ބައެއް ފަހަރު ތިމާ ކުރާ މަސައްކަތަށް އިތުރަށް ފޯކަސް ކުރުމަށް ލިބޭ ހިތްވަރެއް ވެސް މެއެވެ. އެގޮތުން ކަމެއް ގޯސްކޮށް ކުރެވިދާނެތީ އެކަމަށް ހުށިއާރުވެ ހުރުމަށް ހިތްވަރު ލިބޭ ކަމެކެވެ. އެކަމަކު މިއަދު މި ބިޒީ ދުނިޔޭގައި މަސައްކަތުގެ މާހައުލުގައި ސްޓްރެސްވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. އެތައް ގަޑިއިރަކު މަސައްކަތް ކުރުމާއި ކުރަންޖެހޭ މަސައްކަތުގެ އިތުރަށް ތާރީހުތަކަށް ނިންމަން ޖެހޭ މަސައްކަތް ވެސް އެހާ ގިނަ އެވެ. އެގޮތުން މިހުރިހާ ކަމަކަށް ކަންބޮޑުވެ ހާސްވުމާ ގުޅިގެން އެކަމުގެ ސަބަބުން ފައިދާއަށް ވުރެ އިންސާނާގެ ހަށިގަނޑާއި ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑުވެ އެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ސްޓްރެސްގެ ސަބަބުން ރަނގަޅަށް މަސައްކަތް ނުކުރެވުމާއި ސިއްހީ ނުވަތަ އަމިއްލަ ދިރިއުޅުމަށް ވެސް އެކަމުގެ ނުރަނގަޅު އަސަރު ކުރާކަމަށްވާނަމަ ތިވަނީ އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފަ އެވެ. ނޫންނަމަ ތިމާގެ ސިކުނޑިއަށް އެ ބުރަ ނޫފުލި ބޮޑު ބައްޔަކަށް ވެދާނެ އެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ސްޓްރެސް ފިލުވިދާނެ ބައެއް ގޮތްތައް:

ގާތް މީހަކާ ވާހަކަތައް ހިއްސާކުރުން:

ސްޓްރެސް ފިލުވުމަށް ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ މިއީ އެވެ. ކޮންމެ ދުވަހަކުވެސް ތިމާއަށް މަސައްކަތުގެ މާހައުލުގައި ވެސް އަދި އެހެން ގޮތަކަށްވެސް ސްޓްރެސް ކުރިމަތިވެއްޖެނަމަ ގާތް މީހަކާ އެ ވާހަކަތައް ހިއްސާކުރުން ވަރަށް މުހިއްމެވެ. އެ ވާހަކަތައް މީހަކާ ހިއްސާކުރުމުން ސިކުނޑިއަށް ވެސް ހައްޓަށް ވެސް ބޮޑު ލުޔެއް ލިބިގެންދެ އެވެ. ސަބަބަކީ ސްޓެރެސް ވުމުން ބޭނުންވަނީ އެމީހުންގެ ވާހަކަތައް އަޑު އަހާނެ މީހެކެވެ.

މި ވާހަކަތަކަކީ މަސައްކަތުގެ މާހައުލުގައި އެކުގައި އުޅޭ އެކުވެރިއަކަށް ވެސް ހިއްސާކުރެވިދާނެ ވާހަކަތަކެވެ. އެތަނުގައި ގާތް އެކުވެރިއެއް ނެތް ނަމަ، އެމީހުންނާއެކު ގާތް ގުޅުމެއް އުފައްދަން ވެސް މަސައްކަތް ކުރެވިދާނެ އެވެ. ނޫންނަމަ އެވާހަކަތައް އެހެން އެކުވެރިއެއް ނުވަތަ އާއިލާ މީހަކާ ވެސް ހިއްސާކުރެވިދާނެ އެވެ. މީގެއިތުރުން މަސައްކަތުން ބްރޭކެއް ނަގާލާއިރު ވެސް ފޯނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކައިރީގައި ތިބޭ މީހުންނާ ވާހަކަ ދައްކާލާ ހެދުމަކީ ވެސް ރަނގަޅު ކަމެކެވެ.

މީހުންނާއި ގާތް ގުޅުން އުފެއްދުމަށް މަސައްކަތް ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ނަމެއްގައި ތިބޭ އެކުވެރިންނަށް ކަންކަން ހިއްސާކުރުމުން ވެސް ލުޔެއް ނުލިބޭނަމަ އާ މީހުންނާ ބައްދަލުކޮށް އެކުވެރިވާށެވެ. ސަބަބަކީ ވާހަކަތައް ހިއްސާކުރުމުން އެމީހުންގެ ފަރާތުން އެލިބެން ޖެހޭ އެހީތެރިކަން ލިބުމަކީ ވެސް މުހިއްމު ކަމެކެވެ. ދައްކާ ވާހަކަތައް ކަނުލައި އަޑުއަހައި ތިމާގެ އެ އިހުސާސްތައް އެނގޭކަން އިހުސާސް ވިޔަދޭން ޖެހެ އެވެ.

މީގެއިތުރުން އެކަނި އުޅޭ ވަގުތުތަކުގައި ވެސް މާބޮޑަށް އެކަނިވެރި އިހުސާސްތައް ކުރެވޭނަމަ މީހުންގެ ތެރެއަށް ނިކުމެ އުޅެން ޖެހެއެވެ. މިސާލަކަށް ތަފާތު އެކި ކަހަލަ ކްލާސްތަކަށް ނުވަތަ ވޮލެންޓިއާ މަސައްކަތެއް ކުރުމުގައިވެސް ހަރަކާތްތެރިވެ އުޅެވިދާނެ އެވެ.

ކަސްރަތާ ގާތްވުން:

ސިއްހަތަށް އަޅާއި ނުލައި މާބޮޑަށް މަސައްކަތުގައި އަވަދިނެތި އުޅޭ މަންޒަރު ވަރަށް އާންމެވެ. މިގޮތަށް އުޅޭ އުޅުމުގައި ކެއިންބުއިމަށް ވެސް ސަމާލުކަން ނުދެވޭ މަންޒަރު ފެނެ އެވެ. އެކަމަކު ސިއްހަތަށް ހާއްސަ ސަމާލުކަމެއްދީ ރަނގަޅު ނިއުޓްރިޝަންތައް ބޭނުންކޮށް ކަސްރަތު ކުރުމަކީވެސް ސްޓްރެސް ފިލުވުމަށް ވަރަށް ބޮޑު އެހީ އެކެވެ.

ކުޑަކުޑަ ވަގުތުކޮޅެއް ހޯދައިގެން ނަމަވެސް ކެއިންބުއިމަށާއި ކަސްރަތަށް ހާއްސަ ސަމާލުކަމެއްދޭނަމަ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެވިދާނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް މަދުވެގެން 30 މިނެޓް ކަސްރަތު ކުރުމަށް ހާއްސަ ކުރެވިދާނެ އެވެ. މިކަމަކީ މީހާގެ ހަކަތަ ވަަރުގަދަކޮށް ސިކުނޑިއާއި ހަށިގަނޑު ވަރަށް ބޮޑަށް ހަމަޖެހިގެންދާ ކަމެކެވެ.

މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ސްޓްރެސް ވެއްޖެނަމަ ކުޑަ ވަގުތުކޮޅަކަށް މަސައްކަތާ ދުރަށް ޖެހިލާށެވެ. އަދި ހަރަކާތްތެރިވެލުމަށް ކޮންމެވެސް ކަމެއް ކޮށްލާށެވެ.

މީގެ އިތުރުން މަސައްކަތުގައި އުޅޭއިރުވެސް ލުއި ކާނާގެ ބާވަތްތައް ކެއުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި ކާނާތައް ކެއުމަށް ސަމާލުވާން ޖެހެ އެވެ. އެކަމަކީ ވެސް މޫޑަށް ބަދަލު އައުމުން ދުރުކޮށްދޭ ކަމެކެވެ. ސްޓްރެސް ވުމުގެ ސަބަބުން މީހާ ބޮޑަށް ހަކުރު ހިމެނޭ ބާވަތްތައް ކެއުމަށް ހިތްޖެހުން ނަމަވެސް ހަކުރު ހިމެނޭ ބާވަތްތައް ކެއުމަކީ ސިއްހަތަށް ވެސް އަދި ސްޓްރެސްވުން ވެސް ބޮޑުވާނެ ކަމެކެވެ.

ހަމައެއާއެކު މަސައްކަތުގައި އުޅޭއިރު އިރުއިރުކޮޅާ ސިނގިރޭޓް ބޯ މީހުން ވެސް މަދެއް ނޫނެވެ. އެކަމަކީ ވެސް ސްޓެރެސް ވުމުން މީހުން ކޮށް އުޅޭ ކަމެކެވެ. އެކަމަކު އެއީ ވެސް ސިއްހަތަށް ގެއްލުން ކުރަނިވި ކަމެވެ.

ކެއުންބުއިމާއި ސިއްހަތާއި އެއްވަރަށް ހަމަ ނިދި ލިބިގެން މަސައްކަތުގެ މާހައުލަށް ނިކުތުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަކޮށްގެން ނޫން ގޮތަކަށް ޖެހިގެން އަންނަ ދުވަހު މަސައްކަތަށް ނިކުތުމަކީ ތިމާގެ ގާބިލުކަން މަސައްކަތުގެ މާހައުލުގައި އެންމެ ރަނގަޅަށް ނުދެއްކިދާނެ ސަބަބަކެވެ. އެހެންކަމުން ރަނގަޅަށް ނިދި ހަމަކޮށް ހަމަޖެހިލައިގެން މަސައްކަތަށް ނިކުތުމަކީ ސްޓްރެސްވުމާ ދުރުކޮށްދޭނެ ކަމެކެވެ.

މިކަން ކުރުމަށް ކޮންމެ ރެއަކު ވެސް ނިދާނެ ގަޑިއަކާއި ހޭލާނެ ގަޑިއެއް ކަނޑައެޅިދާނެ އެވެ. އެއީ ބަންދު ދުވަހެއް ނަމަވެސް އެގޮތަށް އަމަލުކުރަން ޖެހެ އެވެ. އަދި ނިދުމުގެ ގަޑިއެއްހާއިރު ކުރިން ސްކްރީނުތަކާ ދުރަށް ޖެހިލުން ފަދަ ކަންކަން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ސްޓްރެސް ފިލުވުމަށް ކުރެވިދާނެ އެވެ.

މީގެއިތުރުންވެސް ސްޓްރެސްއަށް ލުއެއް ނުލިބޭނަމަ ކައުންސިލަރެއް ނުވަތަ އެފަދަ ކޮންމެވެސް ސިއްހީ މާހިރެއްގެ އެހީ ހޯދުމަކީ މުހިއްމު ކަމެކެވެ.

މަސައްކަތުގެ މާހައުލުގައި ނުވަތަ ދިރި އުޅުމުގައި ހާސިލުކުރަން ބޭނުންވާ ލަޑުދަނޑިތައް ހާސިލުނުވުމުން އަމިއްލަ ނަފްސު ކުށްވެރިކޮށް އެކަމާ ފިކުރުކޮށް ކަންބޮޑުވެ އެވެ. ހާއްސަކޮށް ކުރާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި ތިމާކުރާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނަ ކަމަށް ދޭހަވާ ގޮތަކަށް ވެރިން ވާހަކަ ދެއްކުމަކީ ވެސް އެކަން ބޮޑުވެދާނެ ކަމެކެވެ. ކިތަންމެ ބޭނުންވެގެން މަސައްކަތް ކުރި ނަމަވެސް އެގޮތަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން މުވައްޒަފުންގެ ހިތްވަރު އެލެ އެވެ. ވަޒީފާއިން ކެނޑުމުގެ ހިޔާލުތައް އާދެ އެވެ. އެކަމަކު ބައެއް ފަހަރު މަސައްކަތަށް ނުވަތަ ތަނަކަށް އޮންނަ ލޯތްބެއްގެ ސަބަބުން އެ ހުރިހާ ސްޓްރެސްތަކަކާ އެކު މަސައްކަތަށް ނުކުންނަ މުވައްޒަފުން ވެސް މަދެއް ނޫނެވެ.

މިހެންކަމުން ތިމާގެ ދަށުން މީހަކު ނުވަތަ ބަޔަކު މަސައްކަތެއް ކުރާނަމަ އެމީހަކަށް އެކަށީގެންވާ މަަސައްކަތްތައް ހަވާލުކުރާށެވެ. އަދި އެކަންކަން ނިންމުމަށް ވަގުތު ދޭށެވެ. ބައެއް މީހުންނަކީ މަސައްކަތުގެ އިތުރުން އާއިލާގެ ތެރޭގައި ވެސް ދިމާވާ ތަފާތު އެކި މައްސަލަތަކާ ހުރެ ކަންބޮޑުވުންތައް ތަހައްމަލު ކުރަމުން އަންނަ މީހުންނެވެ. އާއިލީ މައްސަލަތަކުން ނިކުމެލައި އޮފީހަށް ވަނުމާއެކު އެ ސްޓްރެސް އެތަނުން ވެސް ތަހައްމަލު ކުރަން ޖެހުމަކީ އެމީހުންނަށް ބޮޑު ވޭނަކަށް ވާނެކަމެއްކަން ޔަގީނެވެ. އަދި އެ ކަންކަމާ ހުރެ ވަޒީފާ ދޫކޮށްލުމުން އެމުވައްޒަފެއްގެ ރަނގަޅު ވާހަކަދެއްކުމުގެ ބަދަލުގައި އެތަނުގައި އެމީހަކު އުޅޭއިރު އެމީހުންގެ އަގުވަޒަން ކުރުން ވެސް މުހިއްމެވެ. ސިއްހީ މައްސަލަަތަކާ ގުޅިގެން ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ސިއްހަތު ރަނގަޅު އުފާވެރި މުވައްޒަފުންނަކީ އުފެއްދުންތެރި ބައެކެވެ. އެހެންކަމުން ތަނުގެ އުފެއްދުންތެރިކަން ރަނގަޅު ކުރުމަށް ވެސް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ ސްޓްރެސް ތަކުން ދުރުކުރަން ވެރިންވެސް މަސައްކަތް ކުރަން ޖެހެ އެވެ.
ހިޔާލު