Hailam JSC ah haaziru vaan angaifi
image
ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް -- ފޮޓޯ / ރާއްޖެއެމްވީ
0 ކޮމެންޓް
 

ނަސްރުގެ ދުވަހާއި ގުޅޭ ތަހުނިޔާ ފޮޓޯ މައްސަލާގައި ހައިލަމް ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހާއި ގުޅުވައިގެން އެ ކޯޓުގެ މުވައްޒަފުންތަކެއް ތިބޭ ވައިބާ ގްރޫޕަކަށް ފޮނުވި ތަހުނިޔާގެ މެސެޖުގެ މައްސަލާގައި ހައިލަމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވުމަށް އެ ކޮމިޝަނުން އަންގައިފިއެވެ.
އެނގިފައިވާ ގޮތުގައި ހައިލަމް ޖޭއެސްސީއަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާގެ ހެނދުނު 8:00ގައެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލައިގެ ހުކުމް އިއްވުމުގެ ފަސްގަޑިއިރު ކުރިއެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދަވާ ގާޒީއަކީ ހައިލަމްއެވެ.

ސްރުގެ ދުވަހާއި ގުޅުވައިގެން އެ ކޯޓުގެ މުވައްޒަފުންތަކެއް ތިބޭ ވައިބާ ގްރޫޕަކަށް ފޮނުވި ތަހުނިޔާގެ މެސެޖުގެ މައްސަލަ ހޫނުވެ ހައިލަމަށް ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް އެ މައްސަލާގައި އޭނާ މިރޭ ވަނީ މައާފަށްވެސް އެދިފައެވެ.

މިކަމާއި ގުޅިގެން ހައިލަމް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ކްރިިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ހިމެނޭ ފޮޓޯއެއް ޕޯސްޓުކުރީ އެ ފޮޓީގައި ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ކަމަށެވެ. އަދި އެ ފޮޓޯ ޕޯސްޓުކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކުރެހުމުގައި ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ހައިލަމްގެ ބަޔާނުގައި ވިދާޅުވިއެވެ.

"އެފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަކަށް އަޅުގަނޑަށް ވިސްނާލެވިފައެއްވެސް ނުވެއެވެ. އެކަމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދިވެހި އެންމެހާ ރައްޔިތުންގެ އަރިހުން ނިޔާހަތަށް މައާފަށް އެދެމެވެ،" ހައިލަމްގެ ބަޔާނުގައި އޭނާ ވިދާޅުވިއެވެ.

އެ ޕޯސްޓުގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.

މި މައްސަލާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަދި ސަރުކާރަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހައިލަމްގެ އެ އަމަލާއި ގުޅިގެން ފާޑުކިޔާފައެވެ.
ހިޔާލު