Beyruge market ah 300 million dollar ge bond eh vikkan thayyaaruvanee
image
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު -- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

ބޭރުގެ މާކެޓަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ތައްޔާރުވަނީ

ރާއްޖެއިން ބޭރުގެ މާކެޓަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކުމަށް ތައްޔާރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިކަން ހާމަކުރެއްވީ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެކްސްޕޭންޝަނަރީ ފިސްކަލް ސިޔާސަތެއްގެ ދަށުން ދަރަނި ބަޖެޓެއް ތަންފީޒުކުރާނަމަ އެފަދަ ބަޖެޓެއް ފައިނޭންސް ކުރަން ދަރަނި ނަގަންޖެހޭ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރާ ގޮތަށް ބަލާއިރު ފައިނޭންސްގެ ބޮޑު ބައި ހަމަޖައްސަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެކު އެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި ހިންގާ ހިންގާ މަޝްރޫއުތަކަށް ބޭރުގެ ފަރާތްތަކުން ތިން ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.

މީގެއިތުރުން ސަރުކާރުން މިހާރު ދަނީ ރާއްޖެއިން ބޭރުގެ މާކެޓަށް އަމާޒުކޮށްގެން އަންނަ އަހަރުގެ ތެރޭގައި 300 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުމަށް މަސައްކަތް ކުރަމުން ކަަމަށް ފިނޭންސް މިނިސްޓަރު އަމީން ވަނީ ހާމަކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ 300 މިލިއަން ޑޮލަރުގެ ބޮންޑް ވެގެންދާނީ މިހާރު ސަރުކާރުން ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ބޮންޑަށް ވުރެ ހަރަދުކުޑަ އެއަށްވުރެ ދިގު މުއްދަތަކުން އަނބުރާ ދައްކަންޖެހޭ ބޮންޑަކަށް ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ފަރާތްތަކަށް 564 މިލިއަން ރުފިޔާގެ ޓީބިލާއި، ޓީބޮންޑު 2020 ވަނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރުމުގެ ގޮތުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 37.54 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ޚަރަދު ވާނެ ކަމަށް ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން 2020 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 5.7 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 5.8 އިންސައްތަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓް ފައިނޭންސް ކުރަން 2020 ވަނަ އަހަރު އާ ދަރަނިތަކެއް ނެގި ނަމަވެސް ދަރަނި އިތުރުވާ މިންވަރަށް ވުރެ ނޮމިނަލް ޖީޑީޕީ އިތުރުވާ މިންވަރު މަތިވުމުން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނާނެ މިންގަނޑު ދާނީ ދަށަށް ކަމަށެވެ. މިގޮތުން 2019 ވަނަ އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 59.8 އިންސައްތައިގައި ހުރުމަށްފަހު 2020 ވަނަ އަހަރު 58.4 އިންސައްތައަށް ތިރިވާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންކަމުން ދަރަނި ދެމެހެެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުވާ ކަން ހާމަވޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ހިޔާލު

ނަޒީލް

އަނެއްކާވެސް ދަރަނި ބޮޑުކޮއްލަނީ ދޯ. ބޮންޑު ގަންނާނީ އިންޑިޔާއިން.