MPL ge Flat thakah alun kurimathilumah hulhuvaalaifi
image
ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުން އަންނަ ފްލެޓުތަކެއް -- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

އެމްޕީއެލްގެ ފްލެޓްތަކަށް އަލުން ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުން ގެންދާ ފްލެޓްތަކަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.
އެމްޕީއެލް އިން ހަދާ 14 ބުރީގެ ތިން ޓަވަރުގައި ހިމެނެނީ 534 ފްލެޓެވެ. އެކުންފުނީގެ މުވައްޒަފުންނަށް މިތަނުން 432 ފްލެޓް ހާއްސަ ކުރާއިރު ބާކީ ފްލެޓުތަކަކީ އާންމުންނަށް ދޫކުރަން ނިންމާ ފްލެޓްތަކެކެވެ.

އެމްޕީއެލްގެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އާންމުކުރި އެވެ. އެކަމަކު އަލުން އެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ޖަލްސާއެއްގައި ފްލެޓް ލިބޭ މުވައްޒަފުންގެ ވަގުތީ ލިސްޓު، މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ބާތިލުކޮށްފައިވާތީ އެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ ޕްލެޓްތަކަށް ޕޮއިންޓްދޭ އުސޫލު އިސްލާހު ކުރެވި ފްލެޓުތަކަށް އަލުން ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން 18:00ގެ ނިޔަލަށް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މީގެއިތުރުން އެމްޕީއެލުން ބުނީ ޕޮއިންޓް ދެވޭ އުސޫލާއި މައުލޫމާތު ޝީޓް މިހާރު ލިބެން ހުންނާނެ ކަމަށާއި އަދި އެ ފްލެޓްތަކަށް އެދި ކުރިން ފޯމު ހުށަހެޅި ފަރާތްތަކުން ވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަލުން ފްލެޓަށް އެދެން އެމްޕީއެލުން ހުޅުވާލާފައި މިވަނީ ވަގުތީ ލިސްޓު ފައިނަލު ކުރުމުގެ މަރުހަލާގައި ފާހަގަކުރެވުނު ބައެއް ކަންކަމާ ގުޅިގެން ޝަރުތުތައް އަލުން މުރާޖައާކުރަން ޖެހޭ ކަމަށް ފެނުމުންނެވެ.

ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސްއާ ހަވާލުކޮށްގެން އެމްޕީއެލް އިން ޓަވަރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ތިން ޓަވަރުގައި މެއިޑް ރޫމެއް ހިމެނޭ ގޮތަށް ދެ ކޮޓަރިއާއި އެއް ކޮޓަރީގެ ފްލެޓުތައް ހެދުމަށް ވަނީ ނިންމާފަ އެވެ. އެއީ 560 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޕީއެލުން ހިންގާ މަޝްރޫއެކެވެ.
އެމްޕީއެލް ފްލެޓް
ހިޔާލު