Masthuvathaketheege viyafaari: China ge factory thakun dhuniyege baazarah
image
އިސްމާއީލް ވިސާމް
0 ކޮމެންޓް
 

މަސްތުވާތަކެތީގެ ވިޔަފާރި: ޗައިނާގެ ފެކްޓްރީތަކުން ދުނިޔޭގެ ބާޒާރަށް

ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫނެވެ. އަދި ކޮންމެ ރައްޓެއްސަކީވެސް މިތުރެއް ނޫނެވެ. މަސްތުވާތަކެތީގެ މައްސަލަ ގައުމުތަކަށް ނުރައްކާ ވަމުންދާއިރު މި ވިޔަފާރީގައި އުޅޭ ފަރާތްތަކުން ދަނީ އާ އުފެއްދުންތައް އީޖާދު ކުރަމުންނެވެ. އައު ގޮތްތައް ހޯދަމުންނެވެ. ޒުވާނުންގެ މެދުގައި ބޭހެއްގެ ސިފައިގައި މަސްތުވާއެއްޗެއްގެ ގޮތުގައި ބޭނުންކުރާ ފެންޓައިލްއާއި އޭގެ މާއްދާތައް އެއްކޮށްގެން އެކި ނަންނަމުގައި އުފައްދާ ބޭސްތަކަކީ މިހާރު މަސްތުވާތަކެތީގެ ހަނގުރާމައިގައި ދިމާވެފައިވާ އައު ގޮންޖެހުމެކެވެ.
މަސްތުވާތަކެތީގެ އާ އީޖާދުތަކުންނާއި އާ ގޮތްގޮތަށް އެ ރޮނގުން ވިޔަފާރި ކުރުމުން އާ މިލިއަނަރުން ދަނީ އިތުރުވަމުންނެވެ. މި ފަހުން އެކަމުގައި ނަންވެފައިވާ އެކަކީ ޕާބްލޯ އެސްކޯބާ އެވެ. ނަމަވެސް ދުނިޔޭގެ މަސްތުވާތަކެތީގެ ބާޒާރުން އެތައް ހާސް އެސްކޯބާ އިން މިއަދު ދަނީ މިލިއަނަރުންނަށް ވަމުންނެވެ.

ފެންޓެނައިލްއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާފަރާތްތަކުން ހުއްދަ ވަސީލަތްތައް ބޭނުންކޮށްގެން ބާޒާރަށް ނެރެމުންދާ މަސްތުވާއެއްޗެކެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އާ އުފެއްދުންތައް އުފައްދަމުން ދަނީ ޗައިނާގަ އެވެ. ފެންޓެނައިލްއާއި އޭގެ ވައްތަރުތައް ޗައިނާގައި އުފެއްދުމަށްފަހު މެކްސިކޯއަށް އެތެރެކޮށް އެގައުމުގައި އަލުން ޕެކްކޮށް އެމެރިކާއަށް އެކްސްޕޯޓް ކުރެވެ އެވެ. އަދި ފެޑެކްސްއާއި ޑީއެޗްއެލްފަދަ ވަސީލަތްތައް ބޭނުންކޮށްގެން އީބޭއާއި އެހެން އީކޮމާސް ސައިޓްތައް މެދުވެރިކޮށް ސީދާ ކަސްޓަމަރުންނާ ހަމައަށްވެސް ފޮނުވާދެ އެވެ.

ޗައިނާ ސަރުކާރުން ދަނީ މިއުފެއްދުންތަކާ ދެކޮޅަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ފެންޓެނައިލް ޗައިނާގައި އުފައްދައި އެހެން ގައުމުތަކަށް އެތެރެކުރި ނަމަވެސް މިއީ ޗައިނާގައި މަސްތުވާން ބޭނުންކުރާ އާންމު ބާވަތެއް ނޫނެވެ. ޗައިނާގައި އާންމުކޮށް މަސްތުވުމަށް ބޭނުންކުރާ ބާވަތަކީ މެތްއާއި އަފިހުން އެވެ. ޗައިނާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވެއެވެ. އަދި މަރުގެ ނިޔާ އިއްވަ އެވެ.

"ފެންޓެނެއިލް އިންކް" ފޮތުގެ މުސައްނިފް ބެން ވެސްޓޯފްއަކީ ޗައިނާއަށް ދަތުރުކޮށް އެމެރިކާގައި ބޭނުންކުރާ ފެންޓެނެއިލް އެކްސްޕޯޓް އުފައްދާ ފެކްޓްރީތަކަށް ޒިޔާރަތްކޮށް މިކަން ދިރާސާކޮށްފައިވާ މީހެކެވެ.

އޭނާ ބުނާ ގޮތުން މައްސަލައަކީ އެމެރިކާގައި މަނާ ކިތަންމެ ބޭހަކީ ޗައިނާގައި ހުއްދަ ބޭހަކަށް ވުން ކަމަށެވެ. އެހެންވެ ހުއްދަ ގޮތުގައި އުފައްދާ އެފަދަ ބޭސްތައް ދުނިޔޭގެ ބާޒާރަށާއި އެމެރިކާއަށް އެކްސްޕޯޓް ކުރެވެ އެވެ. އަދި އެއީ އެކްސްޕޯޓަށް އަމާޒުކުރެވޭ އުފެއްދުންތައް ކަމުން އެއަށް ޓެކްސް މައާފްކޮށްދިނުން ފަދަ ބައެއް ހިތްވަރުދިނުމުގެ ކަންކަން ސަރުކާރުގެ ތެރެއިން ހަމަޖެހިފައިވެސް ވެއެވެ.

ފެންޓެނެއިލް ވަނީ ބޭހެއްގެ ގޮތުގައި ޗައިނާގައި މަނާކޮށްފަ އެވެ. ނަމަވެސް އޭގައި ހިމެނޭ މަސްތުވާ މާއްދާތައް ހިމަނައިގެން އެހެން ނަންނަމުގައި އުފައްދައި މާކެޓް ކުރެވެ އެވެ. އެފަދަ އެއް ފެކްޓްރީއަކަށް ވެސްޓޮފް ވަނީ ޒިޔާރަތްކޮށްފައި އެވާހަކަ އެ ފޮތުގައި ކިޔައިދީފަ އެވެ.

އޭނާ އެ ފޮތް ލިޔުމަށް ކުރި ދަތުރުގައި ބައްދަލުވި މަސްތުވާތަކެތި އުފައްދާ ޗައިނާ ފެކްޓްރީތަކުގައި މަސައްކަތް ކުރާ މީހުން ކިޔައިދިން ގޮތުގައި ދުނިޔޭގެ ގައުމުތަކާއި ޗައިނާ ކަސްޓަމްސްގައިވެސް އެމީހުންގެ މީހުން ވާނީ އިންދާފަ އެވެ. އެހެންވެ ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޕެކްކޮށް، ޕެކެޓްކޮށްފައި ޗައިނާއިން ފޮނުވާ މަސްތުވާތަކެތި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ޔަގީންކަމާއެކު ލިބެ އެވެ.

ފެންޓެނެއިލް އަކީ ވަގުތުން ތަދު ކެނޑުވުމަށް އީޖާދުކުރި ބާރުގަދަ ބޭހެކެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ވަނީ އެހެން މާއްދާތަކާއި މަސްހުނިކޮށްގެން އާ މަސްތުވާތަކެތި އުފައްދައި ބާޒާރަށް ނެރެފަ އެވެ. އެމައްސަލަތައް ދުނިޔޭގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވަނީ އެ ބޭނުންކުރުމުގެ ސަބަބުން މީހުން މަރުވުން އާންމުވުމާ ގުޅިގެންނެވެ. އަދި އާންމުން އެއަށް ހޭލުންތެރިވެގެން ދިޔައީ ފެންޓެނެއިލް ބޭނުންކޮށްގެން ލަވަކިޔުންތެރިޔާ ޕްރިންސް މަރުވުމާ ގުޅިގެންނެވެ.

ޔޫއެސް ޗައިނާ އިކޮނޮމިކް އެންޑް ސެކިއުރިޓީ ރިވިއު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ "ޗައިނާއަކީ، ފެންޓެނެއިލްއާއި ނަފްސާނީ ގޮތުން މީހާގެ މިޒާޖަށް ބަދަލުގެންނައިރު ގާނޫނީ މާއްދާތައް އުފައްދާ ދުނިޔޭގެ މަރުކަޒެކެވެ. އޭގެ ސަބަބަކީ ޗައިނާގެ ކެމިކަލްއާއި ފާމަސޫޓިކަލްގެ ދާއިރާއަކީ ރަނގަޅަށް ގަވާއިދުތައް ހެދިފައިވާ ދާއިރާއަކަށް ނުވެ، އެ ދާއިރާ ރަނގަޅަށް ރެގިއުލޭޓް ކުރެވިފައި ނުވުމެވެ.
ހިޔާލު