Minivan Viyafaareege mashvaraagai India in Noonekey bunefi
image
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ
0 ކޮމެންޓް
 

މިނިވަން ވިޔަފާރީގެ މަޝްވަރާގައި އިންޑިއާއިން ނޫނެކޭ ބުނެފި

މިނިވަން ވިޔަފާރީގެ މުހިއްމު މަޝްވަރާގައި އިންޑިއާއިން ވަނީ މި ހަފްތާގައި ދުނިޔެ ހައިރާންކޮށްލާ ފަދަ މިސާލެއް ދައްކާފަ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ތައިލެންޑަށް ވަޑައިގެންނެވިއިރު ހީވެފައި އޮތީ ދުނިޔޭގެ އެންމެ ބޮޑު މިނިވަން ވިޔަފާރި ގްރޫޕްގެ އެއްބަސްވުމަށް އިންޑިއާއިން އަންނާނީ އާބަސް ބުނަން ކަމަށެވެ.

ރީޖަނަލް ކޮމެޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް ނުވަތަ އާރްއީސީޕީއަކީ 16 ގައުމެއްގެ މެދުގައި އެއްބަސްވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެކެވެ.

އިންޑިއާއިން ބުނެފައިވަނީ އެގައުމުގެ މަތީ މަސްލަހަތު ހިމާޔަތް ނުކުރެވޭތީ މި މުއާހަދާއަށް އިންޑިއާ އަށް އެއްބަސްވެވެން ނެތް ކަމަށެވެ. އާރްއީސީޕީގައި ހިމެނެނީ އާސިއާންގެ 10 ގައުމާއި، އެ ގައުމުތަކުގެ އެންމެ މުހިއްމު ވިޔަފާރި ބައިވެރިން ކަމުގައިވާ ޗައިނާއާއި ޖަޕާނާއި އިންޑިއާ އާއީ ކޮރެއާ އާއީ ނިއުޒިލެންޑާއި އޮސްޓްރޭލިއާ އެވެ.

މި 16 ގައުމުން އެއްވުމުން އުފެދެނީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަ އެވެ. އަދި ދުނިޔޭގެ އުފެއްދުން ތެރިކަމުގެ 25 އިންސައްތަ އެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ 30 އިންސައްތަ އެވެ. މީގެއިތުރުން އެއީ ދުނިޔޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ 30 އިންސައްތަ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށިގެން ގޮސްފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މީގައި ޑިއުޓީ ކުޑަ ކުރުމާއި ގައުމުތަކުގެ ބާޒާރުތައް ހުޅުވާލުން ހިމެނެ އެވެ.

މިވާހަކަ ރާއްޖެއަށް މުހިއްމުވާ ސަބަބަކީ މިނިވަން ވިޔަފާރިއަށް ރާއްޖޭގެ ބާޒާރު ހުޅުވާލުމާއި ވިޔަފާރީގެ މަޝްވަރާގެ މައްސަލާގަ އެވެ.

ކުރީގެ ސަރުކާރުން ވަނީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އޭގައި އޮތް އެއްޗެއް އެނގި ހުރި ކަމު ވޮށިގެންވާ ދިވެހި އިންސާނަކު ހުރި ހެނެއް ހިއެއް ނުވެ އެވެ. ވުމާއެކު ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު އެފަދަ ހާލަތެއްގައި ރައްކާ ކުރެވޭނީ ކިހާ މިންވަރަކަށް ބާވަ އެވެ؟ އަދި ކުއްލިއަކަށް ޗައިނާއާއެކު އެއިރު ސަރުކާރުން އެއްބަސްވި މި މުއާހަދާއިން ރާއްޖެއަށް ރާއްޖޭގެ ވިޔަފާރިއަށް ކުރާނެ އަސަރާމެދު މާބޮޑު ދިރާސާތަކެއް ކޮށްފައެއް ނުވެ އެވެ. ހަމަ ފެނިގެން ދިޔައީ އިންތިހާބެއް ބޯމަތިވަމުން އައިއިރު ކުއްލިއަކަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވުޖޫދަށް އައި ތަނެވެ.

އިންޑިއާއިން ދެކޮޅު ހެދި އެއްބަސްވުމުގައި ކަނޑައެޅިފައި އޮތް ގޮތުން އިންޑިއާއަށް ޖެހެނީ، 15 އަހަރުގެ ތެރޭގައި އެގައުމަށް އެތެރެވާ 90 އިންސައްތަ މުދަލުގެ ޑިއުޓީ މައާފްކުރާށެވެ. މިކަމަށް ހައްލެއް ހޯދަން މަޝްވަރާ ކުރަމުން އިންޑިއާއިން ބުނެފައިވަނީ އެގޮތަށް ވެއްޖެނަމަ ޗައިނާއިން އަންނަ އަގުހެޔޮ މުދަލާއި ދަގަނޑުން އިންޑިއާގެ ބާޒާރުތައް ތޮއް ޖައްސާލާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާ އާއި ނިއުޒިލެންޑްގެ ދަނޑުވެރިކަމުގެ ބާވަތްތަކުން އިންޑިއާގެ ދަނޑުވެރިންނަށް ދަތިކޮށްލާނެ ކަމަށެވެ.

ޗައިނާއަކީ އިންޑިއާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިއާ އެވެ. އަދި އިންޑިއާއިން ޗައިނާގެ ވިޔަފާރީގައި 54 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަ އެވެ.

އާރްއީސީޕީއަކީ ޗައިނާއިން ގަދައަޅައި މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ މުއާހަދާ އެކެވެ. ޗައިނާއިން މަސައްކަތް ކުރަމުން ދަނީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށެވެ. މިހުރިހައި ކަމަކުންވެސް ޗައިނާގެ މައިގަނޑު އަމާޒަކީ ޗައިނާގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރު ހުޅުވުމުގެ ފުރުސަތު ހޯދުމެވެ. މިއަދު ޝެންހާއީގައި ފެއްޓި ޗައިނާ އެކްސްޕޯޓް އެގްޒިބިޝަންގައިވެސް ޗައިނާގެ ރައީސް ވިދާޅުވެފައި ވަނީ މިފަދައިންނެވެ.
އިންޑިއާ ވިޔަފާރި
ހިޔާލު