Iqthisoadhu kuriaruvan fahi furusathuthakeh kanda alhan jehey
image
0 ކޮމެންޓް
 

އިގްތިސާދު ކުރިއަރުވަން ފަހި ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ

ވާދަވެރި ދުނިޔެއެއްގައި އިގްތިސާދީ ބާރުވެރިކާމައި ތަރައްގީއަށާއި ކާމިޔާބީއަށް ގައުމުތަކުން ކުރަމުންދާ މަސައްކަތަށް ނިމުމެއް ނެތެވެ. ހުރިހައި ދާއިރާއަކުން ހުރިހައި ކަމެއްވެސް ގުޅިފައިވަނީ އައު އީޖާދުތަކާއެވެ. އައު ވިސްނުމާއެކު ގައުމެއް ދިރުން ގެނެދެނީ، ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންގއާއީ މެތެމެޓިކްސް (STEM) ގެ މާއްދާތަކުން ދޭ އިލްމުގެ ފެންވަރު މަތިވެގެންނެވެ. އިގްތިސާދީ ގޮތުން ބާރުވެރިވެފައިވާ ނުވަތަ ބާރުވެރި ވަމުން އަންނަ ކޮންމެ ގައުމަކުންވެސް މިދާއިރާތަކުން މަތީފެންވަރުގެ ތައުލީމީ ހުނަތުތައް އުފައްދައެވެ. މި ހުނަރުތަކާއެކު އުފެދޭ އިންސާނާއަކީ ޖުމުލަ ގޮތެއްގައި ގައުމުގެ އިގްތިސާދާއި އުފެއްދުންތެރިކަމުގެ އިންޖީނު ބަދަލުކޮށްލާ އިންސާނީ ރައުސްމާލެވެ.
އަވަށްޓެރި އިންޑިއާއަކީ އިނޮވޭޝަންގެ ދާއިރާއިން މިހާރު އެންމެ ބާރަށް ކުރިއަރަމުންނަ ގައުމެވެ. ޑިޖިޓަލް ހުނަރުވެރިކަމުގައި އިންސާނީ ރައުސްމާލް އުފެއްދުމަށް އިންޑިއާއިން އަހަރަކު 1.6 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ކުރެއެވެ. އަދި މިދާއިރާއަކީ 4 މިލިއަން މީހުނަށް ވަޒީފާ ފަހިކޮށްދޭ ދާއިރާއެވެ. އިންޑިއާގެ މި ކާމިޔާބީގެ ސިއްރަކީ، ތއުލީމީ ސިޔާސަތުގައި އިސްވެ ބުނެވުނު ސްޓެމް މާއްދާތަކަށް އިސްކަން ދިނުމުގެ ނަތީޖާއެވެ.

އިނޮވޭޝަން ނުވަތަ އައު ގޮތްތައް އުފެއްދުމަކީ، މިހާރު ހުރި އުފެއްދުންތަކާއި، ބޭނުންކުރާ ގޮތްތަކާއި ޚިދުމަތާއި ވިޔަފާރިއާއި ކަންކަން އިތިންތިޒާމު ކުރުމުގެ މޮޑެލް އައު ގޮތަކަށް ބަދަލުކޮށްލުމެވެ. ޖުމުލަކޮށް ބުނާނަމަ މިހާރަށް މުނާސިބުގޮތަކަށް ކަންކަން ބަދަލުކޮށްލުމަކީ، އިނޮވޭޝަންއެވެ. ތިރީހަކަށް އަހަރުގެ ތެރޭގައި ޗައިނާއާއި އިންޑިއާއިން ވަނީ ބޮޑެތި ބަދަލުތަކެއް ހުރިހައި ދާއިރާއަކުންވެސް ސާބިތުކޮށްދީފައެވެ. އީކޮމާސްގެ ދާއިރާއަކީ މިފަދަ އެއް މިސާލެވެ.

އެންމެންގެ އަތް ފޯރާ ފަށަށް ގެނަސްފައިވާ އިންޓަރނެޓްގެ އަގާއެކު އީކޮމާސްއަށް ވަނީ އައު ދިރުމެއްލިބިފައެވެ. އިންޑިއާގައި އައިޓީ ދާއިރާއިން ސަތާރަހާހެއްހާ ކުންފުނި ހަރަކާތްތެރި ވެއެވެ. އަދި މިއިން ބައެއް ކުންފުނިތަކަކީ، ތަފާތު ފަންސާސް ތަނެއްގައި ގާއިމްކޮށްފައިވާ 50 އޮފީހަކުން ޑިޖިޓަލް އުފެއްދުންތައް އުފައްދާ ފަރާތްތަކެވެ.

އައު ކަންކަމާއި އައު ގޮތްތައް އީޖާދުކުރުމަކީ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، އިގްތިސާދީ ގޮތުން ރައްޔިތު މީހާ ބާރުވެރިކޮށްދީ އަދި ގައުމީ އިގްތިސާދު ކުރިއަރުވައިދޭ އިންޖީނެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާގެ އިގްތިސާދު ތަރައްގީ ވުމުގެ ސިއްރަކީވެސް އިނޮވޭޝަންއެވެ. އައު ގޮތްތަކާއި އައު އުފެއްދުންތައް އާންމުކުރުމެވެ.

ގައުމުތަކުން އައު އުފެއްދުންތެރިކަމުގެ ދާއިރާއިން ކުރި ހޯދަމުން ދަނީ، ވިސްނުންތެރިކަމާއެކު، އެކަމަށް ކަނޑައަޅާ ސިޔާސަތުތަކާއި ސްޓްރަޓެޖީތަކުންނެވެ. މި ސިޔާސަތުތަކާއި ސްޓްރަޓެޖޖީތައް ތަރުޖަމާ ވެގެން ދަނީ ތައުލީމީ ދާއިރާއާއި އިންފޮމޭޝަން ޓެކްނޮލޮޖީއާއި އިންސާނީ ވަސީލަތްތައް ބިނާކޮށް ހުނަރުތައް އިތތުރުކުރުމާއި ވިޔަފާރިއާއި އެނޫނަސް އިގްތިސާދާއި ގުޅުން ހުރި ދާއިރާތަކަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކުންނެވެ. ތައުލީމީ ދާއިރާގައި އައު ގޮތްތައް ތއާރަފްކޮށްދިނުމުގައި އެންމެ ކުރީގައި އުޅޭ ފިންލެންޑުގެ ނޭޝަނަލް އިނޮވޭޝަން ސްޓްރަޓެޖީގައި ބަޔާންކޮށްފައިވާ ގޮތުން އެކި ދިހަމަތިން ކަނޑައަޅާ ސިޔާސަތުތަކަކުން އެހެން ގައުމުތަކާއި ފައިހަމަކޮށް ވާދަވެރި ގައުމެއްކަމުގައި ގައުމު ބިނައެއް ނުކުރެވޭނެއެވެ. ދުނިޔޭގެ ފަންސާހެއްހައި ގައުމަކުން ވަނީ ނޭޝަނަލް އިނޮވޭޝަން ސްޓްރަޓެޖީތައް އެކުލަވާފާއެވެ. އަދި އައު ޚިދުމަތާއި ވަސީލަތްތަކާއި ގޮތްތައް އުފެއްދުމުގެ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރާ ސަރުކާރުގެ އޮފީސްތަކާއި އިދާރާތައް އުފައްދާފައެވެ. މިފަދަ އިދާރާއަކާއި ސިޔާސަތުތައް ވިލަރެސްވެގެން ދިއުމުގެ ނަތީޖާ މުޅިގައުމުން ފެނިގެންދާނެއެވެ.

އިންޑިއާއިން ވަނީ އޮޕްޓިކް ފައިބަރ ނެޓްވަރކަކުން މުޅި ގައުމު ގުޅާލާފައެވެ. އަދި ރަށްފުށުގެ ހިސާބުތަކުގެ ހަތްދިހަ ހާއެއްހާ ސަރަހައްދެއް ވަނީ ގައުމީ އޮޕްޓިކް ފައިބަރ ވިއުގައާއި ގުޅުވާލާފައެވެ. އަދި މުޅި އިންޑިއާއަށް މޮބައިލް މުވާސަލާތީ ޚިދުމަތް އާންމުކުރުމަށް 20 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އަހަރަކު، 2 ބިލިއަނެއްހާ އެމެރިކާ ޑޮލަރު ހޭދަކުރެވެއެވެ. އަދި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސާއި، ސިއްޙީ ދާއިރާއާއި މެޝިން ލަރނިންގގެ ރޮނގުން ދަނީ އިންގިލާބީ ބަދަލުތައް ގެންނަމުންނެވެ.

މިފަދަ ސިޔާސަތުގެ ސަބަބުން މުޅި އިގްތިސާދަށް އޭގެ ހެޔޮ ބަދަލު ފެނިގެން ދެއެވެ. އެއް ޓްރީލިއަން ޑޮލަރުގެ ޑިޖިޓަލް އިގްތިސާދަކަށް 2022 ވަނަ އަހަރު އިންޑިއާ ބަދަލު ވެގެންދިއުމަށް މަގު ފަހިކޮށްދޭނެ މައިގަނޑު ސަބަބަކީ، ޗައިނާއަށް ފަހު ދުނިޔޭގައި ދެވަނައަށް އިންޓަރނެޓް ބޭނުން ކުރާ އެންމެ ބޮޑު އާބާދީއަކީ އިންޑިއާ ކަމުގައި ވެގެން ދިއުމެވެ. މިފަދަ މިސާލުތައް އެހެން ގައުމުތަކުންވެސް ދަނީ ތަޖުރިބާ ކުރަމުންނެވެ. އޭގެތެރޭގައި ޕޮލެންޑުން ވަނީ ކޮންމެ އައު އީޖާދީ ވިސްނުމެއް ވިޔަފާރި ފުރުސަތަކަށް ބަދަލުކުރުމަށް ލޯން ދިނުމުގެ ސްކީމެއް ފަށާފައެވެ. އާޖެންޓީނާއާއި ޗިލީގައި މިފަދަ ވިޔަފާރިތައް އެއްދުވަހުން ރަޖިސްޓްރީ ކޮށްދޭގޮތަށް ސިޔާސަތު ވަނީ އެކުލަވާލާފައެވެ. ކޮރެއާއިން ވަނީ އެއްވެސް ރެޖިސްޓްރީކުރުމަކާއި ނުލައި އައު އީޖާދުތަކާ ގުޅޭ ވިޔަފާރިތައް ތިން މަސްދުވަހަށް ކުރިއަށް ގެންދެވޭގޮތަށް ގަވާއިދުތައް ބަދަލުކށްފައެވެ. މެކްސިކޯ، ކޮލޮމްބިއާ އަދި ތައިވާނާއި ޔޫރަޕްގެ ޖަމާއަތުން ވަނީ އައު އީޖާދުތަކާއި ޚިދުމަތާއި އުފެއްދުންތެރިކަމުގައި އައު ގޮތްތަކަށް ފަހިކޮށްދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ލިބޭގޮތަށް ޑޭޓާ ހޯދުން ފަހިކޮށްދީފައެވެ. ތައިވާނުން ވަނީ އޮޕަން ޑޭޓާ ޕޮލިސީއެއްގެ ދަށުން ސަރުކާރުގެ ހުރިހައި މައުލޫމާތު އާންމުކޮށް ލިބެން ހުންނަ ގޮތަށް ހަމަޖައްސައި ދީފައެވެ.

މިއާއެކު މެދު ނުކެނޑި އަބަދުހެން ތައިވާނުން ދަނީ ޑޭޓާ ޖޭމްސްއާއި ހެކަތޮންސްއާއި ޑޭޓާޕަލޫޒާޒްތައް ބާއްވައި ޒުވާނުންނަށް ހިތްވަރު ދެމުންނެވެ. އިންޑިއާގެ ތަޖުރިބާއަށް ބެލިނަމަވެސް އެގައުމުވެސް ދަނީ ސަރުކާރުން ދޭ ޚިދުމަތްތަކާއި ހުއްދަތައް މީހާ ހުރިތަނުން ލިބޭގޮތަށް އީ ގަވާނަންސްގެ ނިޒާމް ބަދަލުކޮށްފައެވެ. އަދި މައުލޫމާތު ރައްކާކޮށް ޑޭޓާ މެނޭޖްކުރުމަށް ކްލައުޑް ކޮމްޕިއުޓިންއަށް ހިތްވަރުދީފައެވެ. އަދި މުޅި މުވާސަލާތީ ގުޅުން އަގުހެޔޮކޮށް ހަލުއި ކުރުމަށްޓަކައި 4ޖީ އިން 5ޖީއަށް ހިޖުރަކުރަން ފަށާފައެވެ.
ވިޔަފާރި
ހިޔާލު