"Hukum Shareeai" 30 dhuvahuge therey nubaavvaifi nama Yamin ah vaanee kihineh?
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގެ މަޖިލީހުގައި
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

30 ދުވަހުގެ ތެރޭ ހުކުމް ނުކުރެވިއްޖެނަމަ ރައީސް ޔާމީނުގެ މައްސަލައަށް ވާނީ ކިހިނެއް؟

މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރިއަތަށް ވާނޭ ގޮތަކާއި ގުޅޭގޮތުންނެވެ. ހާއްސަ ކޮށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާއި އެކު މައްސަލަ އަށް ވާނޭ ގޮތަކާއި މެދު ގިނަ ފަރާތްތަކަކުން އަންނަނީ ސުވާލު އުފައްދަމުން ނެވެ.
މިމައްސަލައިގައި ހުރިހާ ފަރާތްތަކުންވެސް މިހާރު އެންމެ ބޮޑަށް ނަގަމުން އަންނަ އެއް ޤާނޫނީ ނުކުތާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އެވެ. ހުލާސާ ބަޔާން އިއްވާ ނިމުމަށްފަހު 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ ޝަރީއަތް ބާއްވަންޖެހޭ ވާހަކަ އެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ)

"މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެ މައްސަލައިގެ ޙުކުމްކުރުމުގެ މަޖިލިސް، އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ."

ރައީސް ޔާމީންގެ ވަކީލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް އާސިފް ވެސް ވަނީ އެކަން ފާހަގަ ކުރައްވާ ޓްވީޓް ކުރައްވާފައެވެ. އާސިފްގެ ޓްވީޓްގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ރައީސް ޔާމީންގެ ޝަރީއަތް ނޮވެމްބަރު 08 ގެ ކުރިން ބާއްވަންޖެހޭކަމަށެވެ. އަދި އަލުން މައްސަލަ ފަށާ ހެކި ނަގާނެ ތަނެއް އެ ޤާނޫނުގެ ދަށުން ނެތްކަމަށް އާސިފްގެ ޓްވީޓްގައި ވެއެވެ.



ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި، މައްސަލައިގެ ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް ބާއްވަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮތް އިރު، މިހާރު އުފެދޭ ސުވާލަކީ ހުކުމް ކުރުމުގެ ޝަރީއަތް 30 ދުވަހުގެ ތެރޭގައި ނުބާއްވައިފި ނަމަ ދެންވާނީ ކިހިނެތް ތޯއެވެ.

މައްސަލަ ބާތިލުވަނީ ތޯއެވެ؟ ރައީސް ޔާމީން އެ މައްސަލައިން ސަލާމަތް ވެވަޑައިގަންނަވާނީ ތޯއެވެ؟

ޖަވާބަކީ، އެ 30 ދުވަހުގެ ތެރޭގައި ހުކުމް ޝަރީއަތް ނުބާއްވައިގެން މައްސަލައަށް ވާނޭ ހަމަ އެއްވެސް ގޮތެއް ނެތުމެވެ. އަދި 30 ދުވަހުގެ ފަހުން ހުކުމް ކުރުމުގެ ޝަރީއަތް ބޭއްވުމުން ދެން ހަދާނެ ގޮތެއްވެސް އެ ޤާނޫނުގައި ނެތުމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ 30 ދުވަހުގެ ފަހުންވެސް ހުކުމް ކުރުމުގެ ޝަރީއަތް ބޭއްވިދާނޭ ކަމަށް ބައެއް ޤާނޫނީ ވަކީލުން ފާހަގަކުރައްވައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މަޝްހޫރު ޤަނޫނީ ވަކީލް މަހުފޫޒް ސައީދެވެ.

މި މައްސަލައިގައި މަހުފޫޒް ވިދާޅުވީ، އިޖުރާއަތުގެ ޤަނޫނުގައި ބުނެފައިވާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ ޝަރީއަތް ނުބާއްވައިފި ނަމަ ވާނޭ ގޮތެއް ޤަނޫނުގައި ކަނޑައަޅާފައިނުވާކަމަށެވެ. އަދި މިމައްސަލައިގައި މަހުފޫޒް މިސާލު ނެންގެވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއިންނެވެ.

މަހުފޫޒް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި ބުނާގޮތުން ނަމަ، ޖިނާއީ ކުށެއްގެ ދައުވާ، ކޯޓަށް ބަލައިގެންފިނަމަ، އެ ތާރީޚުން ފެށިގެން ލަސްވެގެން 5 ދުވަހުގެ ތެރޭގައި އެ ދަޢުވާ އާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީއެއް ދަޢުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށެވެ. އެހެން ނަމަވެސް މި 5 ދުވަހުގެ މުއްދަތު ފަހަނަ އަޅާ ދާ ފަހުންވެސް ކޯޓުން ލިޔުން ހަވާލުކުރާކަމަށް މަހުފޫޒް ވިދާޅުވިއެވެ. އަދި އެ ލިޔުން ހަވާލުކުރުން ލަސްވުމުން މައްސަލައަށް އޭގެ ޒާތުގައި އެއްވެސް ބަދަލެއް އަދި ހުއްޓުމެއްވެސް ނާންނަކަން މަހުފޫޒް ފާހަގަކުރެއްވިއެވެ.

މަހުފޫޒް ވިދާޅުވީ ބައެއް ހާލަތްތަކުގައި މައްސަލައެއް ލަސްވުމަކީ ދައުވާ ލިބޭފަރާތަތަށް ވާ ރަނގަޅެއްކަމަށެވެ.

މަހުފޫޒް ވިދާޅުވީ، ދިމާވާ ހާލަތެއްގެ ސަބަބުން ޝަރީއަތް ފަސްވާނަމަ އަމަލުކުރާނޭ ގޮތް އިޖުރާއަތުގެ ޤާނޫނުގެ 152 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރަށް އެއްވެސް ހާލަތެއް ދިމާވެ ޝަރީއަތެއް ކުރިއަށް ނުގެންދެވޭނަމަ:
1) ކޯޓަކަށް ޚާއްޞަކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދިއުމަށް ކަނޑައެޅުން
2) އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުން.
މި ދެގޮތުން ކުރެ ގޮތަކަށް ކަނޑައަޅާ ސަބަބާއި އެކު މައްސަލައިގައި ހިމެނޭ ދެ ފަރާތަށް، އެ ކޯޓު ހިންގުމާ ޙަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ 152 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

މަހުފޫޒް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައިގައި ހެކިބަސް ނަގާ ނިމިފައި އޮތުމުން އަލުން ޝަރީއަތް ފެއްޓުމަކީ ނާދިރު ހާލަތެއް ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައަށް އަލަށް ކަނޑައެޅޭ ފަނޑިޔާރު ބޭނުންފުޅު ވާނަމަ ސާފު ކުރަން ބޭނުން ކަންކަން ސާފު ކުރުމަށް އަޑު އެހުމެއް ބޭއްވިދާނޭ ކަމަށެވެ. އަދި އެ އަޑު އެހުމުގައި މިހާތަނަށް ހާމަކޮށްފައި ނުވާ އާކަންކަން ޝަރީއަތުގައި ހާމަނުކުރެވޭނެ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

ހައިލަމް ސަސްޕެންޑްކުރުމާއެކު އުފެދިފައިވާ ސުވާލުތަކަށް ދެ ޖަވާބެއް އޮތް ނަމަވެސް މިހާރު ސުވާލަކަށްވާނީ ޔާމީނަށް ހުކުމް ކުރުމަށް އޮތް ޝަރީއަތް 30 ދުވަހުގެ ތެރޭގައި ބޭއްވިދާނެތޯ އާއި އެ މުއްދަތުގައި އަޑު އެހުން ނުބޭވިއްޖެނަމަ ދެން ކަންކަން ހިނގާނީ ކޮން މަގަކުންތޯ އެވެ. މިއީ ސާފު ޖަވާބެއް ފެންނަން ނެތް ކަމެއް ނަމަވެސް ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މައްސަލަ ބާތިލުވެގެންދާނެކަމަށް ނުބެލެވެ އެވެ. އެއީ ގާނޫނުގައި ވަކިގޮތަކަށް ސާފުކޮށް ބަޔާންކޮށްފައި ނެތުމުގެ ސަބަބުންނެވެ.
ހިޔާލު

ާަހުވަދޫ ޙުކުމް

ޢިއްޒަތްތެރި މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ފާސްކޮށްފައިވާ ވަރަށް ފުރިހަމަ އެހާމެ ދެވަނަޔެއްނެތް ޤާނުނުގެ ފުރިހަމަ ކަމާއެވެ!