Adheeb ge khiyaanaathuge massala PG in anburaa gengosfi
image
އަހްމަދު އަދީބް
1 ކޮމެންޓް
 

އަދީބުގެ ޚިޔާނާތުގެ މައްސަލަ ޕީޖީން އަނބުރާ ގެންގޮސްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ އިސްތިއުނާފް މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އަދީބްގެ މައްޗަށް އުފުލި ދައުވާ ދައުލަތުން ގެންދިއުމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ވަނީ ދައުވާ ފޯމް ބާތިލްކޮށްފަ އެވެ. ޕީޖީ އޮފީހުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުން ބުނީ ސަބަބު ބަޔާންކުރުމަށްފަހު މައްސަލަ އަލުން އިސްތިއުނާފް ކުރުމަށް އަދީބްގެ މައްސަލަ އަނބުރާ ގެންދަން ޕީޖީ އޮފީހުން އެދިފައިވާތީ މިމައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގެ އިޖުރާއީ ނުކުތާއާ މެދު ޕީޖީން ދެކޭ ގޮތް ސާފުކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮތް އަޑުއެހުމުގައިވެސް ޕީޖީން ވަނީ މިމައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެފަ އެވެެ.

ޕީޖީގެ ވަކީލް ވިދާޅުވީ މިމައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީ ބޭނުންވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު އަދީބް އެއްބަސްވުމަށް އައިސް، މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރައްވާފައިވާތީ ކަމަށެވެ. އަދީބާ އެކު އެއްބަސްވުމަކަށް އާދެވިފައިވާތީ މާބިންހުރާގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ޕީޖީ ބޭނުން ނުވަނީ ކަމަށްވެސް ވަކީލް ވިދާޅުވި އެވެ. ނަމަވެސް ދަށު ކޯޓުގައި ހިނގަމުންދާ ހިޔާނާތުގެ ދައުވާތަކުގައި އަދީބް ކުށަށް އިންކާރު ކުރައްވައިފިނަމަ މާބިންހުރާގެ މައްސަލަ ސުޕްރީމް ކޯޓުގައި އަލުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށްވެސް ޕީޖީގެ ވަކީލް ވިދާޅުވެފައިވެ އެވެ.

އަދީބްގެ މިމައްސަލައިގެ އަޑުއެހުމުގައި ޕީޖީގެ ވަކީލް އެހެން ވިދާޅުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ކޯފާ އިސްކުރައްވާ ވިދާޅުވީ ޕީޖީ ބޭނުންވާ ގޮތަށް މައްސަލަ ޕާކްކޮށްފައި ބާއްވަން ސުޕްރީމް ކޯޓަކީ ޕީޖީ އޮފީހުގެ ސެކްޝަނެއް ނޫން ކަމަަށެވެ. ޕީޖީގެ ޒިންމާ އަކީ މައްސަލަތަކުގައި ދައުވާކުރުމާ މެދު ގޮތެއް ނިންމުން ކަމަށާއި އެހެންކަމުން ރަސްމީ ދެ ދުވަހުގެ ތެރޭގައި އަދީބްގެ މައްސަލާގައި ޕީޖީ އަމަލުކުރަން ބޭނުންވާ ގޮތެއް އެންގެވުމަށްވެސް އެދުވަހު އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

މާބިންހުރާގެ މައްސަލައިގައި ދައުލަތުން އަދީބްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރުމުން ކްރިމިނަލް ކޯޓުން ވަނީ އަދީބް 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް އަލުން ދަށު ކޯޓުގައި ޝަރީއަތް ހިންގުމަށް އަމުރުކޮށްފަ އެވެ.
ހިޔާލު

ގުމްރާހު

މަށަށް ފެންނަނީ މައްސަލަ އަނބުރާ ގެނައުމުގެ ބަދަލުގައި ކުރިމިނަލް ކޯޓު އުވާލަން.