India kandu ge sarahahdhu gai huri massalla thah hallu kuran beynun
image
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގައި މިނިސްޓަރު ޝާހިދު -- ފޮޓޯ / ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހުރި މައްސަލަތައް ހައްލުކުރަން ބޭނުންވަނީ އެންމެން އެކީގައި: ޝާހިދު

އިންޑިޔާ ކަނޑުގު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓާސްގެ 19 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަގުރީރު ކުރައްވައިފިއެވެ.
ޔުނއަޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓާސްގެ 19 ވަނަ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވާހަަކަފުޅު ދައްކަވާފައިވާއިރު މިއީ ނޮވެމްބަރ 2018 ގައި އަޔޯރާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވީފަހުން ދިވެހިރާއްޖެއިން އަޔޯރާ ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ޝާހިދު މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ސަރަހައްދުގެ އެއްބައިވަންތަކަން އޮތުމުން ރާއްޖޭގެ ސަރަހައްދު މެދުވެރިކޮށް ކުރަމުން އަންނަ ވިޔަފާރިތައް ފުޅާވެގެން ދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އަޔޯރާއިން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ ހިމާޔަތާއި ރައްކާތެރިކަން، ވިޔަފާރިއާއި އިންވެސްޓްމަންޓާއި ނޫ އިގުތިސާދު، މަސްވެރިކަމާއި އިގްތިސާދު ކުރިއެރުމުގައި އަންހެނުން ބާރުވެރިކުރުން ފަދަ ކަންކަމަކީ ދިވެހިރާއްޖެއިން އަހަންމިއްޔަތުކަންދޭ ކަންކަން ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އިންޑިޔާ ކަނޑުގު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު ގަވާއިދާއި ހިލާފަށް މިސަރަހައްދުން ކުރާ މަސްވެރިކަމާއި، ޓެރެރިޒަމާއި އިންސާނީ ވަގުވިޔަފާރީގެ އިތުރުން ހަތިޔާރު ވިއްކުމަކީ ދިވެހި ސަރުކާރުން ކަންބޮޑުވާ ކަންތައްތައް ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ. ދިވެހިރާއްޖެއިން ބޭނުންވަނީ ސަރަހައްދުގެ ގައުމުތަކާއި އެކީގައި އެކަންކަން ގާތުން ބަލައި، އެކަމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ދެނެގަނެ، އެކުއެކީގައި މަސައްކަތް ކުރުމަށްކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އަޔޯރާގެ މެންބަރު ގައުމަކަށްވުމަށްޓަކައި ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުން އަޔޯރާގެ މެންބަރު ގައުމުތަކުން ގަބޫލުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖެއިން އަޔޯރާގެ ހިންގުމުގެ ގަވާއިދުތަކާއި މަގުސަދުތަށް ކުރިއެރުވުމަށް މަސައްކަތް ކުރަށްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުވިއެވެ.

މިބައްދަލުވުން ފެށުމުގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ އަޔޯރާގެ 22 ވަނަ މެންބަރު ގައުމެއްގެ ގޮތުގައި ގުޅުނު ކަމުގެ ރަސްމީ ލިޔުމުގައި ސޮއި ކުރައްވާފައެވެ.
ހިޔާލު