Badhaluvee hama ekani verin, fehnnanee eh manzaru!?
image
ރައީސް ސޯލިހާއި ރައީސް ނަޝީދު --
3 ކޮމެންޓް
 

ބަދަލުވީ ހަމައެކަނި ވެރިން، ފެންނަނީ އެއް މަންޒަރު!؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހައްޔަރުކޮށް ޝަރީއަތްތައް ހިންގާ ނުހައްގުން އަނިޔާތައް ދެމުން ގެންދިޔަ ވާހަކައަކީ މާ ދުރު ނޫން މާޒީއެއްގައި ހިނގައިގެން ދިޔަ ކަންކަމެވެ. އަތް ދަމާލުމުން އަތް ޖެހޭހާ ހިސާބުގައި ހިނގާދިޔަ މިކަން ކަމަށް މިހާރު ސަރުކާރުގައި ތިބި އިސް ފަރާތްތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވިއެވެ.
ހާއްސަކޮށް ރާއްޖޭގެ ފަނޑިޔާރުގެ މިނިވަން ކުރުމަށް ވަކާލާތުކޮށް ވާހަކަތައް ދެއްކެވި އަޑާއި މަންޒަރު ދާދިގާތުން ދިވެހި ރައްޔިތުން ވަނީ ދެކިފައެވެ. އޭރުގެ ވެރިޔަކަށް ހުންނެވި ބޭފުޅާގެ އަމަލުތަކާއި ސަރުކާރުގެ އަމަލުތައް ކަމު ނުގޮސްގެން ރައްޔިތުން ކުރި ބުރަ މަސައްކަތުން ވެރިކަން ނިމިގެން ދިޔައެވެ. ރައްޔިތުން އުއްމީދު ކުރި ކަހަލަ އިންސާފުވެރި ފަނޑިޔާރު ގެއަކާއި ހެޔޮވެރިކަމެއް ލިބޭނެ ކަމުގެ އުއްމީދުގައި ހުއްޓާ އާ ދުވަހަކަށް އިރުއަރާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ފުރަތަމަ އަހަރު ނިމުމަކާއި ގާތަށް މިވަނީ އައިސްފައެވެ. ބާކީ އޮތީ ހަފްތާއެއްހާ ދުވަހެވެ. އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އިންސާފު ގާއިމް ކޮށްދެއްވާ އިންސާފުވެރި ފަނޑިޔާރެއް އަދި ނުފޫޒުން އެއްކިބާވެފައިވާ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ފޯރު ކޮށްދެއްވާނެ ކަމުގެ ވާހަކައެވެ.

ކަން މިހެއް ހުރެމެ، ރައްޔިތުން އެންމެ ގަދައަށް އަދި އަދުގެ ސަރުކާރުގައި ތިއްބެވި މިހާރުގެ އިސްވެރިން އެންމެ ގަދައަށް ދެއްކެވި ވާހަކައަކީ ވޭތުވެދިޔަ ފަސް އަހަރު "ގައުމު ދަވާލި" މީހުންނަށް ހައްގު އަދަބު ލިބިގެންދާނެ ވާހަކައެވެ. އެ އަދަބު އެފަރާތްތަކަށް ދޭނެ ކަމުގެ ވާހަކައެވެ. ނަމަވެސް ރައްޔިތުން އޭރުވެސް މިހާރުވެސް ބުނަމުން ދަނީ ނުހައްގު އަނިޔާ ދޭން ބޭނުން ނުވާ ކަމަށެވެ. އިންސާފާއި ހަމަހަމަ އުސޫލުން ކަން ކުރުމަށް ރައްޔިތުން ބޭނުންވެއެވެ.

"ގައުމު ދަވާލި" މީހުންނަށް ހައްގު އަދަބު ދިނުމުގެ ފުރަތަމަ މަރުހަލާއަކަށް ވެގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ މައްސަލާގައި އުފުލާފައިވާ ދައުވާއެވެ. މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ މި ޝަރީއަތުގެ ހުކުމް ކުރުން މި މަހުގެ ފަސްވަނަ ދުވަހު އިއްވަން ވެފައި އޮއްވާ މުޅި ގައުމު ސިއްސުވާލާ ހައިރާންކަން ގެނުވި ހަބަރަކީ ނަސްރުގެ ދުވަހުގެ ތަހުނިޔާއެއްގެ ވާހަކައެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރައްވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެލެއްވިއިރު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވަނީ ޗޭނު އަޅުވާފައެވެ.

މިހާ ހިސާބުން ހައިލަމްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ގާޒީ ހައިލަމްގެ މައްސަލައެއް ބަލަން ނިންމިއެވެ. އަދި ހަމަ އެރޭ ހައިލަމް ވަނީ އެކަމަށް މައާފަށް އެދި ބަޔާނެއްވެސް ނެރެފައެވެ. ހައިލަމްގެ ބަޔާން މީޑިއާތަކަށް ތިލަވި ތަނާ ޖޭއެސްސީން ހައިލަމް އެ ކޮމިޝަނަށް ހާޒިރުވާން އެންގިއެވެ. ހެނދުނުވެ ރައްޔިތުން އެމީހުންގެ މަސައްކަތްތަކާއި މަސްއޫލުވިއިރު ހައިލަމްގެ ވަނީ ސަސްޕެންޑު ކޮށްފައެވެ. މިވަރުން ނިމުނީއެއް ނޫނެވެ. ހައިލަމްގެ އެކައުންޓަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ދެލައްކަ ރުފިޔާ ޖަމާކުރެއްވި މައްސަލަ އެއްވެސް ޖޭއެސްސީން ބަލަން ނިންމިއެވެ.

މި މައްސަލާގައި ނުބައެއް އުޅޭ ކަމާއި ހައިލަމްގެ މައްސަލަތައް ކުއްލި ކުއްލިއަށް ބަލަން ޖޭއެސްސީން ނިންމި ހިސާބުން އިދިކޮޅު ފަރާތްތައް ފާޑު ކިޔަން ފެށިއެވެ. އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހައިލަމްއާ ދޭތެރޭ ކަންތައް ކުރައްވަމުން ސަރުކާރުން ދިޔަ ގޮތުން ފަނޑިޔާރުގެއަށް ސީދާ ސަރުކާރުން އަތްބާނަން އުޅޭކަން ހާމަވެގެންދާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ފެށުނު ދުވަހުން ފެށިގެން ހައިލަމްގެ ކަރަށް މަޅިއެއް ޖޭއެސްސީން އެއްލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ފަނޑިޔާރު ހައިލަމްގެ ކަރަށް އެ މަޅިގަނޑު އެއްލައިގެން ދަމާލަ ދަމާލަ ތިބީ މިއަދާ ހަމައަށް އަންނަންދެން. އެބޭފުޅުން މަސައްކަތްކުރެއްވީ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެބޭފުޅުން ބޭނުންވާ ގޮތަކަށް ރައީސް ޔާމީނުގެ ޝަރީއަތް ނިންމަން. އެގޮތަށް މަސައްކަތްކޮށް މިއަދާއި ހަމައަށް އައިއިރު އެބޭފުޅުން ބޭނުންވާ ނަތީޖާ ނިކުމެދާނެކަމުގެ ޔަގީންކަން އެބޭފުޅުންނަށް ލިބިވަޑައިނުގެންވީމަކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މިއަދު ކުއްލިއަކަށް ފަނޑިޔާރު ހައިލަމް ސަސްޕެންޑްކުރީ،" އަދުރޭ ވިދާޅުވިއެވެ.

ހައިލަމްގެ އިތުރު މައްސަލައެއް ބަލަން ޖޭއެސްސީން ނިންމުމާއި ގުޅިގެން އޭނާވަނީ އިތުރު ބަޔާނެއް އަނެއްކާވެސް ރޭ ނެރެފައެވެ. އެ ބަޔާނުގައި އޭނާ ވަނީ ސީރިއަސް މައްސަލައެއް ފެންމަތިކޮށްފައެވެ. ބައެއް ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ހައިލަމް ވިދާޅުވެފައިވާ ވާހަކަތަކަކީ ތެދު ހަގީގަތެއްތޯ ބެލުމަށް ރަނގަޅު ތަހުގީގެއް ހިންގަން ޖެހެއެވެ.

ހައިލަމް ނެރުއްވި ބަޔާނުގައި ޔާމީނަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފެށުމާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ. އެކަމަކު ބަޔާނުގައި އެއްވެސް ބޭފުޅެއްގެ ނަން ހިމަނައިފައެއް ނުވެ އެވެ.

"މި [ނުފޫޒު ފޯރުވުމުގެ] މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހެވެ،" ހައިލަމް ވިދާޅުވި އެވެ.
"ސަރުކާރުގެ ވަރަށް އިސް މަގާމްތަކުގައި ތިބި ފަރާތްތަކަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށްގެން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ހުކުމްކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެ އެވެ." ހައިލަމް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ޝަރުއީ ނިޒާމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ މިހާތަނަށް ފެނިގެން ގޮސްފައިވަނީ ކޯޓަށް މައްސަލައެއް ހުށަހަޅަާފައިވާ ނަމަ އަހަރު ދެއަހަރު ނުވަތަ ފަސް އަހަރު އެ މައްސަލައަކަށް ވެގެން ރައްޔިތުން ކޯޓަށް ގޮސް އާދޭސް ކުރަން ޖެހޭތަން އަންނަ ކަމަށެވެ. އަދުލު އިންސާފު ލަސްވުމަކީ އަދުލު އިންސާފު ނުލިބުން ކަމަށާއި އިންސާފަށް ވާސިލުވާން އެންމެ މުހިއްމު ކަމަކީ ރަނގަޅަށް މަސައްކަތް ކުރާ ފަނޑިޔާރުން ހޯދުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ އިތުރު މެންބަރަކު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މައްސަލާގައި ސަރުކާރާއި ޖޭއެސްސީގެ މައްސަލަ އުޅޭ ކަމަށެވެ. ސަރުކާރުން ވައުދުވީ ފަނޑިޔާރުގެއަށް އަތް ނުބޭނުމަށް ކަމަށާއި އެހެން ނަމަވެސް މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނިގެންދާ މަންޒަރު ތަކުރާރުވުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަކީ "ވަގެއް" ކަމަށް ސިފަވާ ކަމަށްވާނަމަ އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންގޮސް އެމަނިކުފާނަށް ހައްގު އަދަބު ދިނުމަކީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ އަޅުގަނޑުމެން އައީ ރައްޔިތުން ގާތުގައި ވައުދުވެގެންނޭ. ކުރިން ކުރި ކަންތައް މުޅިން ގޯސްވެގެންނޭ އަޅުގަނޑުމެން އެވެރިކަން ބަދަލުކުރީ. ދެން އަނެއްކާވެސް ހަމަ އެއް ޑްރާމާއެއް ނުކުޅެ މީތި ރީތި ގޮތުގައި ގެންދިޔައީމަ ނިމުނީ. މައްސަލައެއް ނެތް ޔާމީނަށް ކްރިމިނަލް ކޯޓުން ސަލާމަތް ވެވުނީ އޭނާއަށް ހުކުމެއް ނައީ. އެއޮތީ ހައިކޯޓު އަދި ސުޕްރީމް ކޯޓުވެސް އޮތީ ދެއްތޯ. ކަމެއް ކޮށްފައި އޮތްނަމަ އެމީހަކު ކިތަންމެ ވަރަކަށް ރެކެން އުޅުނަސް ބެދޭނެ އިންސާފުވެރިކޮށް ގެންދިޔަަސް،" މެންބަރު ވިދާޅުވިއެވެ.

ކޮންމެއަކަސް ފަނޑިޔާރުގެއަށް އަތް ނުބާނާނެ ކަމަށް ވައުދުވި ސަރުކާރުގެ ވެރިންގެ އިސްތަށިފުޅުގައި ފަނޑިޔާރަކު މިވަނީ އަނެއްކާވެސް ތުހުމަތެއް އަޅުވާފައެވެ. މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމް ކޮށްދޭވޭނީ އޭރުވެސް މިހާރުވެސް ފަނޑިޔާރުގެއަށް ދިއް ކުރަމުންދާ އަތް ދޫކޮށްލައިގެންނެވެ. ކުރިން ކަންކުރި ގޮތް ގޯސް ކަމަށް ގަބޫލުކޮށް ރައްޔިތުން ގާތު ވައުދުވެ މިއަދު އެއް ޑްރާމާ އެއް ކުޅެން ފެށުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.

ރައްޔިތުންނަށް އިތުބާރުކުރެވޭގޮތަކަށް ކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަަމަ އެ މަގުން ފަނޑިޔާރެއްގެ ނަޒާހަތްތެރިކަން ގެއްލިއްޖެކަމަށް ފެނުމާއެކު ވަގުތުން ފިޔަވަޅު އަޅަން ޖެހެ އެވެ. ހައިލަމް ތަހުނިޔާކިޔާފައި އާންމު ކުރި ފޮޓޯގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލަ އެކެވެ. މައާފަށް އެދި ބަޔާނެއް ނެރުމަކުން ހައިލަމަށް މައާފެއް ނުކުރެވޭނެ އެވެ.

އެ ނާތަހުޒީބު އަމަލު، ހިންގާ އެކަމަކީ ނަހުޒީބު މުޖުތަމައުގައި ނުކުރެވޭނެކަމެއް ކަމަށް ބުނެ ހައިލަމަށް ފާޑު ކިޔަން ފެށުމާއެކު އޭނާގެ ނަޒާހަތްތެރިކަމެއް ހުރި ނަމަ ހައިލަމް އޮތް ގޮތަކީ އިސްތިއުފާ ދިނުމެވެ. އެއީ ނަޒާހަތްތެރިން ކަންކުރަންޖެހޭނެ ގޮތެވެ. ނަމަވެސް ގާޒީ ހައިލަމް އުޅުއްވީ ޑްރާމާއެއް ކުޅުއްވައިގެން ކަންތައްގަނޑެއް ހިންގަން ކަމަށް ފެނެ އެވެ.

އެހެންކަމުން މިނިވަން ފަނޑިޔާރުގެ އެއްގެ ވާހަކަ ދައްކަން ބޭނުން ނަމަ ހަމަ ވަގުތުން ހުރިހާ ފަނޑިޔާރުން ވަކިކޮށް ތަހުޒީބު އުސޫލުން ފަނޑިޔާރުން ލައްވާށެވެ. އެހެން ނޫން ނަމަ ދުވަހަކު ވެސް ތިޔަ ފަނޑިޔާރުގެ އެއް ހަމައަކަށް ނޭޅުވޭނެ އެވެ. ވެރިކަމަށް އަންނަ މީހުން އުޅޭނީ އަބަދުވެސް އެ ބައެއްގެ ކޮޅު މޮޅުވާނެގޮތަކަށް ކަންކަން ކުރާށެވެ. އެހެން ކަމުން އޮތް ގޮތަކީ ހުރިހާ ފަނޑިޔާރުން ވަކިކޮށް ނަޒާހަތްތެރި ފަނޑިޔާރުންނާއެކު ކޯޓްތައް ހިންގަން ދޫކޮށްލުމެވެ.
ހިޔާލު

ޢިބްރާހީމް

މައްސަލަ މިވަގުތައް ވަރަށް ސާފެވެ. ފަހަރެއްގަައިވެސް ގާޒީ ހައިލަމް ރަގަޅެކޭ ދެންނެވޭކަށް ނެތެވެ. ހަމަ އެހެންމެ ޖޭއެސްސީ މިހާރު ވަކަރުގެއެކޭ އެއްވަރުވުންވެސް ގޯހެކެވެ. ރައްޔިތުންގެމަޖިލީހާއި ޖޭއެސްސީ ރަގަޅުވުމުގެ ބަދަލުގައި ބެލީ އެމްޑީއެންގެ ރިޕޯޓް ދިފާއުކުރެވޭ ވަރަށް ޤަވްމުގެ މުއައްސަސާތަައް ލާދީނީ ފުކުރުގެ އަތްމައްޗަށް ބަދަލުކޮށްލެވޭތޯއެވެ. ﷲ ގެ ނިއުމަތުން ހުރިހާ ރޭވުމެއް ފެއިލްވެއްޖެއެވެ.

އަބުދުﷲ

މޮޅު ސުރުހީއެއް އަޅުއްވައި އެއިގެ ދަށުން ލިޔާ ލިޔުމާއި ސުރުހީގައި ވާ އެއްޗަކޢަި ދިމާނުވާ ނަމަ ރަނގަޅެއް ނުވާނެ. ގަނޑު ފުރާލަން އެއްޗެއް ލިޔުމަކުން ނުފުދޭ.

ސީރިއަސް

ކުރިންވެސް މިހާރުވެސް ފަހުންވެސް އޮތީ ވައްކަން. އެކިމީހުން އެކިގޮތައް އެކިނަން ކިޔާފަ ކުރަނީ ވައްކަން. މީގެން އެގޭއެއްޗަކީ މަޖިލިސް އުވާލާ ގާނޫންއަސާސީ ވީދާލަން ވެއްޖެކަން.