Hong Kong muzaaharaathah: Chinage hudhumuhuthaaru siyaasathuge ajuma belumeh
image
0 ކޮމެންޓް
 

ހޮން ކޮންގެ މުޒާހަރާތައް: ޗައިނާގެ ހުދުމުހުތާރު ސިޔާސަތުގެ އަޖުމަ ބެލުމެއް

ޗައިނާ ހޮން ކޮންގެ އަރައިރުމަކީ، ބުޅަލާއި މީދަލުގެ އަރައިރުމެއްފަދަ ކަމެކެވެ. މިއީ ޑިމޮކްރެސީއަށް ލޯބި ކުރާ ބަޔަކާއި ހުދުމުހުތާރު ވެރިކަމާ ދެމެދުގެ ކުރިމަތި ލުމެކެވެ. ޗައިނާގެ ނޫސްތަކުގެ އެޑިޓޯރިއަލްތަކުން ޗައިނާ ސިފަކޮށް ދައްކަން ބޭނުންވަނީ ސުޕަޕަވައެއްގެ ގޮތުގައެވެ. ސުވާލަކީ، ޗައިނާއަކީ ކެތްތެރިކަން ކުޑަ، އެހެން ހިޔާލުތަކަށް ޖާގަ ނުދޭ، ރުންކުރު ސުޕަޕަވައެއް ހެއްޔެވެ؟ ނޫނީ ހޮން ކޮން ގައި ފެންނަމުންދާ އާ ޖީލުގެ މިނިވަންކަމުގެ އުންމީދަކީ ދިގު ޒަމާނަކަށް ޗައިނާ ފަސްގަނޑުން ފެންނާނެ އެންމެ ފަހުގެ އެފަދަ ހާދިސާ ހެއްޔެވެ؟
ޗައިނާގެ ހާލަތާ ބަލާއިރު ހޮން ކޮންއަކީ ތަފާތު މައްސަލައެކެވެ. ދެ ތަން ވެސް އެއްގޮތްވާ ކަމަކީ ދެ ތަނުގެ އިސްވެރިން ވެސް ދުވަހަކުވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާފައި ނެތް ކަމެވެ. އިނގިރޭސިން އައްޔަން ކުރި ވެރިއަކު ހޮން ކޮން ހިންގި ނަމަވެސް ހޮން ކޮންގައި އޮތީ މިނިވަން މާހައުލެކެވެ. އަދި އިނގިރޭސި ގާނުން ދީފައިވާ މަދަނީ ހައްގުތައް ހޮން ކޮން ގައި އޮތީ ޔަގީންކޮށްދީފައެވެ. އިގްތިސާދީ ގޮތުން ހޮން ކޮން ގައި ބޮލަކަށް ޖެހޭ ނިސްބަތަކީ، ޗައިނާގައި ބޮލަކަށް ޖެހޭ ނިސްބަތުގެ ހަތަރު ގުނައެވެ.

މައްސަލަ އުފެދޭ ހިސާބަކީ މިއީއެވެ. ޗައިނާއިން މަސައްކަތް ކުރަމުން ދަނީ ހަރުކަށި، މަރުކަޒީ ސީދާ ވެރިކަމެއްގެ ދަށަށް ހޮން ކޮން ގެނަސް މިނިވަންކަމުގެ ދާއިރާ ހަނިކުރުމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރަށް އެކަން ޒާތީކަމަކަށް ބަދަލުވެ، ހޮން ކޮން މީހުން ޗައިނާގެ ނިޒާމު ސިފަ ކޮށްފައިވަނީ ހުދުމުހުތާރު ވެރިކަމެއްގެ ގޮތުގައެވެ. އަދި ހޮން ކޮންއަކީ ކޮށްޓެއްގައި ބަންދުކޮށްފައިވާ ދޫނިތަކެއްގެ ގޮތުގައެވެ.

ހޮން ކޮން މީހުން ބޭނުންވަނީ ޗައިނާއިން ހޮން ކޮން ޗައިނާއާ އަނބުރާ ހަވާލުކުރިއިރު އެއްބަސްވެފައިވާ ގޮތަށް ޗައިނާ ވެރިކަމުގެ ދެ ނިޒާމުގެ އުސޫލަށް ޗައިނާއިން އިހުތިރާމް ކުރާށެވެ. އެއީ ހޮން ކޮން މީހުންގެ މަދަނީ ސިޔާސީ ހައްގުތަކާއި، ހިޔާލު ފާޅުކުރުމާއި އެއްވުމުގެ މިނިވަންކަން ދެމެހެއްޓުމެވެ.

ހޮން ކޮންގެ މައްސަލައިން ޗައިނާގެ އަވަށްޓެރިންނަށްވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އަސަރުތަކެއް ކުރެއެވެ. އެންމެންގެ މެދުގައި ނުތަނަވަސްކަމެއް އެބަ އޮތެވެ. ތައިވާނުން އޮތީ ހޮން ކޮންގެ ހަތަރު މަހެއްހާ ދުވަސްވީ މުޒާހަރާތަކުގެ ނަތީޖާ ބަލާށެވެ.

ތައިވާން މީހުންގެ މެދުގައި ޒާތީ މިނިވަންކަމުގެ ރޫހު ދަނީ އިތުރުވަމުންނެވެ. ޗައިނާއިން ބުނެފައިވަނީ، 2049ގެ ކުރިން ޗައިނާއިން ތައިވާން މައި ފަސްގަނޑާ އެއްކޮށްލާނެ ކަމުގައެވެ.

ފިލިޕީންސްގައިވެސް ރައްޔިތުން ތިބީ ޗައިނާއާ މެދު ނުރުހިފައެވެ. އަދި ޗައިނާއަށް ތާއީދުކުރާ ހުދުމުހުތާރު ރައީސް ރޮޑްރިގޯ ޑުޓޭޓްގެ ޗައިނާ ރުއްސާ ސިޔާސަތަށްވެސް މީހުން ދަނީ ނުރުހެމުންނެވެ. ރައްޔިތުން ބޭނުންވަނީ ޗައިނާއިން ނަގައިގެން އުޅޭ ފިލިޕީންސްގެ ޖަޒީރާތައް އަނބުރައި ހޯދާށެވެ. އަދި ޗައިނާއާ ދެކޮޅު ގައުމުތަކާއި ޖަމުއިއްޔާތަކާ ގުޅިގެން ޗައިނާއާ ދެކޮޅަށް މަސައްކަތް ކޮށް ފިލިޕީންގެ ހައްގުތައް ލިބިގަތުމާއި ޗައިނާއިން ސަރުކާރަށް ދީފައިވާ ގިނަ އަދެއްގެ ދަރަނީގެ ފައިސާއިން ވެސް މީހުން ދެކެނީ ޗައިނާއިން ޗަނީ ފިލިޕީންސް ގަނެލައި ދަރުވާފައި ކަމަށެވެ.

އަވަށްތެރި މެލެޝިއާގައި ވެސް ސަރުކާރު ބަދަލުވެފައި ވަނީ އެފަދަ ގަނެލައި ދަރުވާލުމުގެ އަމަލުތަކަކާއެކު ނަޖީބް ރައްޒާގްގެ ސަރުކާރުގެ ކޮރަޕްޝަންއާއެކު މަގްބޫލުކަން ގެއްލިގެން ދިއުމުންނެވެ. މަހާތީރު ވިދާޅުވާ ގޮތުން ކުދި ގައުމުތަކުން ނެތް ފެންވަރުގައި ދަރަނި ބޮލު އެޅުވުމުން ދަރަނި ދޭފަރާތަށް ޖެހޭނީ ކުރުނީސްކުރާސެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ގައުމު، އިންޑޮނޭޝިއާގައިވެސް ޗައިނާއާ މެދު ދެކެނީ ހަމަ އެފަދަ ގޮތަކަށެވެ. ރައީސް ޖޯކޯ ވިދޯދޯއަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާއަށް ދީލާލުމެވެ. ޗައިނާއިން ވަނީ އިންޑޮނެޝިއާގެ ކަނޑުގެ ސަރަހައްދަށްވެސް ތަކުރާރުކޮށްވަދެފައެވެ.

އެންމެފަހުން ޖަކާޓާއިން ވަނީ އުތުރު ނަޓޫނާ ކަނޑުގައި ގަވާއިދާ ހިލާފަށް ވަންނަ ކޮންމެ އުޅަނދެއްވެސް ސުއާލު ކުރުމަކާއި ނުލައި ފައްތާލާނެ ކަމުގެ އިންޒާރުދީ އެސިޔާސަތު ދަމަހައްޓާފައެވެ. އިންޑޮނޭޝިއާގެ އިސްތިގްލާލަށް އަރައިގަންނަ ކަމަށް ބަލައި ރައްޔިތުންގެ މެދުގައި ޗައިނާގެ މަގްބޫލުކަން ވަނީ ދަށްވެފައެވެ.

ވިއެޓްނާމަކީ، ޗައިނާގެ ނުފޫޒަށް އެންމެ ބޮޑަށް ދީލާ ނުލާން މަސައްކަތް ކުރާ ގައުމެވެ. ޗައިނާ އިންވެސްޓްމެންޓާ ދެކޮޅަށް ވިއެޓްނާމްގައި ބައެއްފަހަރަށް ވަރަށް ހަރުކަށި މުޒާހަރާތައްވެސް ހިންގާފައި ވެއެވެ. ވިއެޓްނާމްގައި 99 އަހަރަށް ޗައިނާއިން އިކޮނޮމިކް ޒޯނެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ހަރުކަށިކަމާއެކު ރައްޔިތުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ހެނޯއީގެ އައްސޭރިފަށާ ކައިރިން ވިއެޓްނާމްގެ އިގްތިސާދީ ސަރަހައްދާ ގާތުން ޗައިނާ އިން ތެޔޮ ނެގުމަށް ކުރަމުންދާ މަސައްކަތަށްވެސް ވިއެޓްނާމުން ވަނީ ދެކޮޅު ހަދާފައެވެ.

ޖަޕާންއާއި ދެކުނު ކޮރެއާގައިވެސް ޗައިނާގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. ޖަޕާނުން އެކުލަވާލާފައިވާ އަހަރުގެ ޑިފެންސް ރިވިއުގައި ބުނެފައިވަނީ ޗައިނާއަށް އޮތް އެންމެ ބޮޑު ސަލާމަތީ ގޮން ޖެހުމަކީ ޗައިނާ ކަމުގައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޗައިނާގެ ބެލްޓް ރޯޑް އިނިޝިއޭޓިވްއަކީ، އަސްކަރީ ގޮތުން އިންޑިއާ ކަނޑުގައާއި ޕެސިފިކްގައި ނުފޫޒު ގަދަކުރުމަށް ހިންގާ ރޭވުމެކެވެ. އަދި ޗައިނާއިން މީޑިއާ ބޭނުންކޮށްގެން އެތެރެއާއި ބޭރުގައި ޗައިނާއަށް މީހުގެ ލޯބި ޖެއްސުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ތުހުމަތު ކޮށްފައެވެ.

ބެއިޖިންގެ އަސްކަރީ ހަރަކާތްތަކާއި ގުޅިގެން ޓޯކިޔޯއިން ވަނީ ދިފާއީ ހޭދަ ދިހަ އިންސައްތައަށް އިތުރުކޮށްފައެވެ. އަދި ޖަޕާނުން ވަނީ އެމެރިކާގެ ކުރިއަރާފައިވާ އެންމެ ފަހުގެ އަސްކަރީ އުޅަނދުތައް ގަތުމަވެސް ނިންމާފައެވެ.

ދެކުނު އިރުމަތީ އޭޝިއާގައި ހަމަޖެހުން ގާއިމް ކުރުމަށް މިއަދާހަމައަށް މަސައްކަތް ކުރި އެމެރިކާއިން ވެސް އޮތީ ޝައްކުގެ ނަޒަރަކުން ޗައިނާގެ ހަރަކާތްތަކަށް ބަލާށެވެ. ޗައިނާއިން ޝިންޖިއާންއާއި ހޮން ކޮންއާއި ޓިބެޓްގައި ގެންގުޅޭ ސިޔާސަތުތައް އެމެރިކާއިން އޮތީ ވަރަށްގާތުން ބަލަން ކަމަށް އަސްކަރީ މަސްއޫލުވެރިން ވިދާޅުވެއެވެ.

އޭގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާއިން ހުޅަނގަށް ވަނުމަށް ކުރަމުންދާ މަސައްކަތަށް ފާޅުގައި އެމެރިކާއިން އޮތީ ދެކޮޅު ހަދާށެވެ. ޗައިނާއިން އަވަށްޓެރިންނާއި ސަރަހައްދަށް ދައްކާ ބިރާއި ނުފޫޒު ޗައިނާއިން ސިއްރެއް ނުކުރެއެވެ.

ޗައިނާއަށް ސަރަހައްދުގެ ގައުމުތަކުގައި ވެރިކަން ކުރާ އިސްފަރާތްތަކާ އެކު ގާތް ގުޅުމެއް ބާއްވައިގެން ކުރު މުއްދަތަކަށް ފައިދާ ތަކެއް ނެގިދާނެއެވެ. ނަމަވެސް ހޭލުންތެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ގައުމުތަކުގެ މުޅި އާބާދީ އިގްތިސާދީ ދަލައިގައި ހައްލާލެވުމަކީވެސް ދުރުކަމެއްކަން އޮތީ ފެންނާށެވެ.
ހޮންކޮން
ހިޔާލު