Nufoozu foaruvaakan engi hure ekan sirru kohgen nuvaane: Faiz
image
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން -- ފޮޓޯ: މީސް މީޑިއާ
ފާތިމަތު ރިފާޢަތު
0 ކޮމެންޓް
 

ނުފޫޒު ފޯރުވާކަން އެނގި ހުރެ އެކަން ސިއްރުކޮށްގެން ނުވާނެ: ފާއިޒް

ނުފޫޒު ފޯރުވާކަން އެނގިހުރެ އެކަން ވަންހަނާކޮށް ހުރެ އެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ފާއިޒު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާކުރުމުގެ ދައުވާއާއި ގުޅިގެން މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަހްމަދު ހައިލަމް ބަޔާނެއް ނެރުއްވާފައިވާ ވަގުތެއްގަ އެވެ.

ޖޭއެސްސީން ސަސްޕެންޑް ކުރި ފަހުން ގާޒީ ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ހޯދުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް އޭނާ އަށް މެސެޖުކުރައްވާ، ގުޅުއްވާ ހެއްދެވި ކަމަށެވެ. ސަރުކާރުގެ އިސްވެރިން އެންމެ ބޮޑަށް ގުޅުއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ކަމަށްވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ހައިލަމްގެ ބަޔާނުގައި ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖޭއެސްސީން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއްކޮށް، އަބުރު ކަތިލަމުން ދަނީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދެއްވުމުންނެވެ.

ހައިލަމް މިބަޔާނާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒެއް އޮތް ނަމަ ދެ މަގެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމާއި، އެ މައްސަލައަކުން ތަނާޒުލް ވުމުގެ ފުރުސަތު ވެސް ގާޒީއަށް ލިބިގެންވާ ކަމަށެވެ.

"މަދުން ނަމަވެސް މި ދެގޮތަށް އަމަލުކޮށްފައި އެބަހުއްޓެއެވެ. ނޫފުޒު ފޯރުވަނީ ބާރުގަދަ ފަރާތަކުން ކަމުގައިވާނަމަ، ތަނާޒުލުވުން ނޫންގޮތެއް ނޯންނާނެ އެވެ.،" ގާޒީ ހައިލަމަށް ނުފޫޒު ފޯރުވި ކަމަށް އޭނާ ބުނާ ޚަބަރެއް ފޭސްބުކްގައި ހިއްސާކުރައްވަމުން ފާއިޒު ވިދާޅުވެފައިވެ އެވެ.

ފާއިޒު ވިދާޅުވީ ނުފޫޒު ފޯރުވާކަން އެނގިހުރެ، އެކަން ވަންނާކޮށް ހުރެ އެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށެވެ. އެކަމާ ގުޅިގެން އެ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ފާއިޒު އިތުރަށް ވިދާޅުވީ ފަނޑިޔާރަކު ތުހުމަތެއްގެ ތުންފަތް މަތީގައި ހުރެ ދިފާއެއްގެ ގޮތުގައި ކުރާ ތުހުމަތު ވެސް ވެގެން ދާނީ ހުސް ތުހުމަތުތަކަކަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާތީ ޖޭއެސްސީން އޭނާ ސަސްޕެންޑްކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ގުޅިގެން ހުކުމް އިއްވަން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ނިމިގެންދިޔަ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ހަދާފައިވާ މުވައްޒަފުންގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ހިމަނުއްވާފައިވާ ކުރެހުމެއްގެ މައްސަލައެއްގަ އެވެ.

ކުރެހުމުގައި ވަނީ ނޮވެމްބަރު 3 ގެ އިސް ދެ މޭސްތިރިން ކަމަށްވާ އަބްދުﷲ ލުތުފީ އާއި ސަގަރު އަހްމަދު ނާސިރުގެ ފަހަތުން ޗޭނެއް އަޅުވާފައި ތިބި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމަނާފަ އެވެ. މިކަމާ ގުޅިގެން ހައިލަމް ފަހުން ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
ހިޔާލު