BML inn bodu hiyaanaathaai gulhey forensic audit eh hadhanee
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ބީއެމްއެލްއިން ބޮޑު ހިޔާނާތާއި ގުޅޭ ފޮރެންސިކް އޮޑިޓެއް ހަދަނީ

ބޭންކް އޮފް މޯލްޑިވްސްއިން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅޭ ފޮރެންސިކް އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑު ހިޔާނާތާއި ގުޅޭގޮތުން ފޮރެންސިކް އޮޑިޓެއް ހެދުމަށް ސިންގަޕޫރުގެ ފާރމަކާއި އެކު ބީއެމްއެލްއިން މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިހާތަނަށް ކޮށްފައިވާ އޮޑިޓްތަކުން އެބޭންކްގެ އިހުމާލެއް އޮތްކަން ފާހަގަނުވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ރާއްޖެއިން ބޭރުގެ ކޮންސަލްޓަންސީ ފަރމެއް ކަމަށްވާ ޑެލޮއިޓް ސިންގަޕޯރ އާ ގުޅިގެން ބޭންކުގެ ފޮޮރެންސިކް އޮޑިޓް އެއް ކުރުމަށްނިންމާފައިވާއިރު ޑެލޮއިޓް ސިންގަޕޯރ އަކީ އޮޓިޑް އަދި މާލީ ދާއިރާއިން 150 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ ކުންފުންޏެކެވެ.

މި އޮޑިޓްގައި އެމްއެމްޕީއާރްސީއާއި އެސްއޯއެފްއާއި ދެމެދު ހިނގާފައިވާ މުއާމަލާތްތަކާއި ޓްރާންސެކްޝަންސް އަދި އެންޑޯސް ކޮށްފައި ހުރި ޗެކްތަކާއި އިތުރު މުއާމަލާތްތައް ބެލޭނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.

އޭގެ އިތުރުން ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާ، ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަމުން އަންނަނީ ބައިނަލް އަގުވާމީ މިންގަޑުތަކާއި އެއްގޮަތަށްތޯ ބަަލޭނެކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

އަދި މިއީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޑިޓެއްކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަްބދުﷲ ޒިޔަތުގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އަދި އޭގެ އިތުރުން އެ ހިޔާނާތުގައި ބީއެމްއެލްގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން ހިމެނޭކަމަށް އެކިފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެންނަމަވެސް ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ހިޔާލު