Nan ivvee majilis gavaidhun libey haggeh ge beynun kureema: Rozaina
image
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ނަން އިއްވީ މަޖިލީހުގެ ގަވައިދުން ލިބޭ ހައްގުގެ ބޭނުންކުރީމަ: ރޮޒައިނާ

ނަން އިއްވާ މަޖިލީހުން ބޭރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބޭ ހައްގެއްގެ ބޭނުންކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެމްބަރު ރޮޒައިނާގެ ނަން އިއްވާ މަޖިލީހުން ބޭރު ކޮށްފަ އެވެ. ރޮޒައިނާގެ ނަން އިއްވާފައިވަނީ ކޮޅަށް ހުންނަވާ އަޑުގަދަ ކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައިސްގެ މަގާމުގައި ކޮންމެ ބޭފުޅަކު އިންނެވި ނަމަވެސް މަޖިލިސް ކުރިއަށް ގެންދަވަން ވާނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

"61 (ނ) ގައި [މަޖިލީހުގެ ގަވާއިދުގެ] ވަރަށް ސާފު ނިޒާމީ މައްސަލައެއް ނަގައިފިއްޔާ ދޭންޖެހޭ ކަން. އަދި 61 (ރ) އިން ވަރަށް ސާފު ނުދެންޏާ ސަބަބު ބަޔާން ކުރަންޖެހޭ ކަން. އަޅުގަނޑަށް ފުރުސަތު ނުދެއްވީ ގަވާއިދާއި ހިލާފަށް" ރޮޒައިނާގެ ޓްވީޓްގައި ވެއެވެ.



ރޮޒައިނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އޭނާ މިއަދު މަޖިލީހުން ބޭރުކޮށްލުމުން އެބިލަކަށް ވޯޓު ލުމަށް ނުހަނު ބޭނުންވި ބިލަކަށް ވޯޓު ލެއްވޭ ގޮތް ވެސް ނުވި ކަމަށެވެ. އަދި އެގޮތަށް ދިމާވީ މަޖިލީހުގެ ގަވާއިދުގެ ދަށުން އޭނާ އަށް ލިބިދޭ ހައްގެއްގެ ބޭނުންކުރުމުން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މަޖިލީހުގެ ގަވާއިދުން ލިބޭ ހައްގެއްގެ ބޭނުން ކުރީމަ. އަދި އެ ހައްގު ހޯދަން މަސައްކަތް ކުރީމަ. މިވެސް އިންސާފުގެ ވައްތަރެއް،" ރޮޒައިނާގެ ޓްވީޓްގައި ވެއެވެ.



ނަން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުމުން ރޮޒައިނާ ނެރެފައިވާއިރު، މިއީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ނަން އިއްވާ މަޖިލީހުން ބޭރު ކުރި ފުރަތަމަ ފަހަރެވެ.
ހިޔާލު