Israelun gaza ah dhin hamalaathah dhivehi raajje in kuhverikohfi
image
ފޮރިންގ މިނިސްޓާރ އަބްދުﷲ ޝާހިދު---ފޮޓޯ: ސޯޝަލް މީޑިއާ
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ދިވެހި ރާއްޖެ އިން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ދިވެހި ރާއްޖެ އިން ކުށްވެރިކޮށްފި އެވެ.
ދިވެހި ހާރިޖިއްޔާއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅެމުންދާ އަންހެނުންނާ ކުޑަކުދިންވެސް ހިމެނޭ ގޮތަށް ވަކި މީހަކަށް ބެލުމެއް ނެތި އިސްރާއީލުން އާދަޔާ ހިލާފަށް ބާރުގެ ބޭނުން ކުރަމުންދާތީ ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެއްވެސް ހަތިޔާރެއް ނެތި ހަރަކާތްތެރިވަމުންދާ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އެކަށީގެން ނުވާ ނުރައްކާތެރި ދަރަޖައަކަށް ބާރުގެ ބޭނުން ކުރާކަން ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.

އަދި ހަމަލާ ލިބެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ގައުމުތަކުން ކުރަމުން ދާ ކަންކަމަށް ޝުކުރުވެރި ވާހަކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އެގޮތުން ހާއްސަކޮށް މިސްރުން އެފަރާތްތަކަށް ދެމުން އަންނަ އެހީތެރިކަން ދިވެހި ދައުލަތުން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހަމަލާތަކުގައި ޝަހީދުވެގެން ދިޔަ އާއިލާތަކުގެ ހިތާމައިގައި ދިވެހި ދައުލަތުންވެސް ބައިވެރިވާ ކަންވެސް ވަނީ ފާގަހަކުރައްވާފައެވެ.

އަދި މީގެ އިތުރުން ދިވެހި ސަރުކާރާ ރައްޔިތުން އަދިވެސް އޮތީ ފަލަސްތީނުގެ ރައްޔިތުންނާ ސަރުކާރާ އެކުގައި ކަމަށާ، މިނިވަން ދައުލަތަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި މި އެއްބާރުލުން ހަމަ މިގޮތުގައި ލިބެމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށާއި އެހަމަލާތަކުގައި މިހާތަނަށް އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ހިޔާލު