MIFCO ge export ah 21 insahthaige kurierumeh
image
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ތިންވަނަ ކްއާޓަރުގައި މިފްކޯގެ އެކްސްޕޯޓް މައްޗަށް

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި މިފްކޯއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު 21 އިންސައްތައަށް އިތުވެއްޖެ އެވެ.
ސަރުކާރުގެ މަސް ކުންފުންޏަށް 26 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ފަރުކޮޅު ފުށީގައި ބޭއްވި ހަފުލާގައި އެކަން ހާމަކުރެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ.

ފައުޒީ ވިދާޅުވީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުނިން އެކްސްޕޯޓް ކުރި މަހުގެ އަދަދު މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި 21 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެކުންފުނިން ގަތް މަހުގެ އަދަދުވެސް 70 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

ފައުޒީ އިތުރަށް ވިދާޅުވީ، އެ ކަމިޔާބުތަކާއެކު ކުންފުނީގެ ވިޔަފާރި އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިފްކޯގެ ޖުމްލަ ކެޕޭސިޓީ މަތިކުރުމުގެ މަސައްކަޔް ވެސް ކުރަމުންދާކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ މަސް ޕްރޮސެސް ކުރާ ސެންޓަރުތަކުގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން އައްޑޫ ޕިޝަރީޒް ކޮމްޕްލެކްސް ފުރިހަމަ ކުރުމާއެކު ފެލިވަރު ފެކްޓްރީގައި ވެސް ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަން ފައުޒީ ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ މަސް ކުންފުނި ބަނގުރޫޓު ވެދާނެ ކަމުގެ ބިރުހީވެ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވަނީ އެކުންފުނީގެ ހިންގުން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ މިފްކޯ އަކީ މިއަހަރު ނިމެން ވާއިރަށް ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް ބަދަލުކުރުން ކަމުގަ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ބަޖެޓުން މިފްކޯއަށް ފައިސާ ނުދޭން ނިންމާ، އެގޮތަށް ސިޔާސަތު ބައްޓަން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މިނިސްޓަރު ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮންނަ މިފްކޯއަށް އެކުންފުނިން ވެސް ދެން ލާރި ޕަމްޕު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފްކޯ ހަރުދަނާ ކުރުމަށް އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން އާއެކު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ސަރުކާރާއި މިފްކޯ އާއި އެސްޓީއޯއިން މަސައްކަތް ކުރަމުންދަނީ އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަންއާއެކު 20 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ގާއިމުކުރުމަށްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެގޮތަށް އެކަން ކުރުމުގެ ސަބަބުން ކޭޝް ފްލޯއަށް ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ މިއަހަރު މިފްކޯއަށް 90 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓު ކޮށްފައިވީ ނަމަވެސް 2020 ވަނަ އަހަރުގެ ބަޖެޓުން މިފްކޯއަށް އެއްވެސް ފައިސާއެއް ދިނުމަށް ބަޖެޓްކޮށްފައި ނުވާނެ ކަމަށެވެ.
ހިޔާލު