Thauleemee dhaairaagai enme kaamiyaabee hendhunuge naasthaa program
image
އެޑިޔުކޭޝަން މިނިސްޓަރު ހެނދުނު ނާސްތާ ނަންގަވަނީ -- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ތައުލީމީ ދާއިރާގައި އެންމެ ކާމިޔާބީ ހެނދުނުގެ ނާސްތާ ޕްރޮގްރާމް

ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން ތައުލީމީ ދާއިރާއަށް ޒަމާނީ ބަދަލުތަކެއް ގެނައުމަކީ މިސަރުކާރުގެ ވައުދެކެވެ. ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުދައްރިސުންނަށް ރަނގަޅު އުޖޫރައެއް ދިނުމަކީ މިސަރުކާރުގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ސަރުކާރަށް މިއަދު އެއް އަހަރުވީއިރު ތައުލީމީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް ކުރެވުނު މަސައްކަތްތަކަކީ ކޮބައިތޯ ބަލާލުން ރަނގަޅު ކަމަށް ދެކެމެވެ.
ތައުލީމީ ދާއިރާއަށް މިސަރުކާރުން ހުށަހަޅާ އިސްލާހީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމެވެ. މިއަހަރުގެ ދިރާސީ އާ އަހަރާ އެކު ހެނދުނުގެ ނާސްތާ ދޭނެ ސްކޫލްތައް އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅައި، މެނޫތަކެއް ބައެއް ސުކޫލުތަކަށް ތައާރަފްކުރީ ބެލެނިވެރިންނާއި އާންމުންގެ ޚިޔާލުވެސް ހޯދުމަށްފަހު އެވެ. އަދި މިއަހަރުގެ ދެވަނަ ޓާމާ އެކު ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި ކިޔަވާ ދަރިވަރުންނަށް ހެދުނުގެ ނާސްތާ މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.

މި ޕްރޮގްރާމްގެ ހަމައެކަނި ބޭނުމަކީ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ ބަދަލުގައި މިޕްރޮގްރާމުގެ ތެރެއިން އިޖްތިމާއީ ގޮތުން ކުދިންނަށް ދަސްވާންޖެހޭ ކަންކަން ދަސްކޮށް ދިނުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. ދަރިވަރުންނަށް ދެވޭ ހެނދުނުގެ ނާސްތާއަކީ ސާފު ތާހިރު އަދި ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭ ނާސްތާ އަކަށް ހެދުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނާސްތާ ޕްރޮގްރާމު ފެށިއިރު ބައެއް ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި މި ޕްރޮގްރާމަކީ ރަނގަޅު މަގުސަދެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްކަން ގިނަ ބެލެނިވެރިން ގަބޫލުކޮށްފި އެވެ. އެހެންކަމުން މިއީ ސަރުކާރުން އަލަށް ފަށައި އަދި ސަރުކާރަށް ރަނގަޅު ނަތީޖާއެއް ލިބުނު ޕްރޮގްރާމެކެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން އިންކްލޫސިވް އެޑިޔޫކޭޝަން ތަރައްގީކޮށް، އެއްވެސް ކުއްޖަކު ބާކީ ނުކުރުން އެއީ ސަރުކާރުގެ ވައުދެކެވެ. މިވައުދުގެ ތެރެއިން ސަރުކާރުން ވަނީ ތަފާތު އެކި ބާވަތުގެ ނުކުޅެދުންތެރިކަމަށް އެޑްރެސް ކުރެވޭނެހެން ނިޒާމު ހަރުދަނާކުރުމަށް ނިންމާފަ އެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން އަޑު އިވުމުގައާއި ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަ ކުދިންނަށް ހާއްސަ ކޮށްގެން ސެން މުދައްރިސެއްގެ އެހީގައި ކިޔަވައިދޭނެ ކަމަށްވެސް ސަރުކާރުން ވައުދުވި އެވެ. މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން ހާއްސައެހީއަށް ބޭނުންވާ ކުދިން، އެ ކުދިންގެ ރަށުގައި ތިބެގެން ވެސް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދަނީ ލިބެމުންނެވެ. ސަރުކާރުން އަންނަނީ ސެން ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމުތަކެއް ވެސް ހިންގަމުން ކަމަށްވާތީ މި ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ގަބޫލުކުރެވެ އެވެ. އެކަމަކު ސަރުކާރުގެ މި ވައުދު އަދި އޮތީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުފުއްދި އެވެ.

ދެން އޮތީ ޑިގްރީ ފެންވަރަށް ސަރުކާރުން ހިލޭ ކިޔަވައި ދިނުމުގެ ވައުދާއި މީގެއިތުރުން، ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯޑިން ސްކޫލްތަކާއި ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖްތަކެއް ގާއިމް ކުރައްވާނެ ކަމަށްވީ ވައުދެވެ. މިކަންކަން ފުރިހަމަކުރުމުގެ ގޮތުން ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ޚަރަދުގައި އެކަން ކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. އަދި ކިޔަވާ ދަރިވަރުންގެ އަތަށް ކޯސް ފީ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވޭ އުސޫލު އާއްމުކޮށްފައިވާއިރު، އެ ކޯހެއްގެ ފީ ސަރުކާރުން އެއްކޮށް ދައްކައިދޭނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ކިޔަވާ ދަރިވަރުންނަށެވެ. އަމިއްލަ ކޮލެޖުތަކުގެ ކޯސްތަކަށް ދަރިވަރުން ދައްކާ ފީ ގެ 60 ޕަސެންޓް ހިއްސާ ކުރާނީ ސަރުކާރުންނެވެ. ހިލޭ ޑިގްރީގެ ތެރެއިން ބޮޑު ޚަރަދެއް ކުރަން ހަމަޖައްސާފައިވަނީ އަމިއްލަ ކޮލެޖުތަކުގެ ކޯސްތަކަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ގޮތަށް ހިލޭ ޑިގްރީއަށް ކިޔެވުމާ ގުޅޭ ވައުދުގެ ތެރޭގައި ހިމެނޭ ކަންކަން ވަނީ ހާސިލްކުރައްވާފަ އެވެ. ނަމަވެސް ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖްތަކެއް ގާއިމް ކޮށްދެއްވާނެ ކަމަށްވީ ވައުދާ ގުޅޭ އެއްވެސް ކަމެއްގެ އެއްވެސް މައުލޫމާތެއް އަދި ތިލަވާ ވަރެއް ނުވެ އެވެ. އެކަމަކު އަވަސް މުސްތަގުބަލެއްގައި މިކަމާ ގުޅޭގޮތުން ހަދަން ޖެހޭ ދިރާސާތައް ހަދާ ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ރާއްޖޭގައި ކިޔަވާ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދިނުމަކީ ވެސް ރައީސް ސޯލިހް ވައުދެވެ. ރާއްޖޭގައި ހިންގާ 213 ސްކޫލުގެ ތެރެއިން އެއްދަންފަޅި އަށް މިހާރު ކިޔަވައިދެނީ 134 ސްކޫލެއްގަ އެވެ. މި އަހަރު އެއްދަންފަޅިއަށް ބަދަލުކުރި ސްކޫލުތަކުގެ ތެރޭގައި އާބާދީ ބޮޑެތި ސްކޫލުތައް ވެސް ހިމެނެ އެވެ. މީގެތެރޭގައި ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒާއި، ހދ. ކުޅުދުއްފުށީގެ ދެ ސްކޫލަކާއިި، ބ. އޭދަފުށީގައި ހުންނަ ތައުލީމީ މަރުކަޒު ހިމެނެ އެވެ. އިތުރު 79 ސްކޫލެއް އެއްދަންފަޅި އަށް ބަދަލުކުރަން ހާލަތު ދެނެގަތުމުގެ މަސައްކަތް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ. އަންނަ އަހަރުގެ ދިރާސީ އަހަރު ފެށިގެންދާނީ ރާއްޖޭގެ ގިނަ ސުކޫލުތަކެއް އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކެއްގެ ގޮތުގައި ހަމަޖެހިގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް އެ ލޯނު އަނބުރާ ދައްކަން އޮންނަ މުއްދަތު އިތުރުކުރުމަކީ ވެސް ތައުލީމީ ދާއިރާއިން މިސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ކުރެވުނު މުހިއްމު މަސައްކަތެކެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ކުރިން ހަމަޖައްސާފައި އޮންނަ މުއްދަތަށް ވުރެ 25 ޕަސެންޓް އިތުރުކުރަން ވެސް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވާ އެ ބަދަލުތައް މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނާއި ލޯނުގައި އަލަށް ކިޔަވާ ދަރިވަރުންނަށް އަންނާނީ ލިބެމުންނެވެ.

ރާއްޖޭން ބޭރުގައި ކިޔަވަން އިންޓަރެސްޓް ކުޑަ ލޯނު ތައާރަފުކޮށް މިހާރު ލޯނު ދައްކާ ދަރިވަރުންނަށް ތަކުލީފަކަށް ނުވާނެ ގޮތަށް ލޯނު ދެއްކުމުގެ އިންތިޒާމު ރިވިއުކޮށް ރީސްޓްރަކްޗާ ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މިއާއެކު މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުން މިހާރު ވަނީ އިއުލާނުވެސްކޮށްފަ އެވެ. އެގޮތުން 600ގެ ޖާގައިގެ ތެރެއިން ރާއްޖޭގައި ކިޔެވުމަށް ހުޅުވާލީ 300 ފުރުސަތެވެ. ރާއްޖޭން ބޭރުގައި ކިޔެވުމަށް 200 އަދި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަކުރީ 100 ފުރުސަތެވެ. ނަމަވެސް ޖާގަ ދީފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 113 ފުރުސަތު، ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 169 ފުރުސަތު އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުން އަންނަ 33 ދަރިވަރަކަށެވެ.

މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް ލޯނު ދައްކާ މުއްދަތުވެސް ވަނީ އިތުރުކޮށްފަ އެވެ. މިފަހަރު ލޯނަށް ހޮވުނު ދަރިވަރުންނަށް ވެސް ލޯނު ދޭން ނިންމާފައިވަނީ އާ އުސޫލުގެ ތެރެއިން ކަމަށް ސަރުކާރުން ބުނެ އެވެ.

އެހެންކަމުން ޖުމްލަ ގޮތެއްގައި ސަރުކާރުން ތައުލީމީ ނިޒާމަށްވީ ވައުދުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ވަނީ ހާސިލްކޮށްފަ އެވެ. ނަމަވެސް ހާސިލް ނުވެ ހުރި މަދު މަސައްކަތްތައް ސަރުކާރުން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށް ކުރެވޭ އުއްމީދު ބޮޑެވެ.
ހިޔާލު