Gaige ehbai Vaagi neiy namaves kaamiyaabah vaasiluvumah Latheef eh nuhuntuvun!
image
ލަތީފް މުހައްމަދު
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ގައިގެ އެއްބައި ވާގިނެތް ނަމަވެސް ކާމިޔާބަށް ވާސިލުވުމަށް ލަތީފެއް ނުހުއްޓުވުން

ފ. ނިލަންދޫއަށް ނިސްބަތްވާ އެރަށު ވައިލެޓްމާގޭ، އުމުރުން 39 އަހަރުގެ އަބްދުލް ލަތީފް މުހައްމަދަކީ އޭނާގެ މައިންބަފައިންނަށް ލިބުނު 13 ދަރިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބި ހަތް ކުދިންގެ ތެރެއިން އެންމެ ހަަގު ފިރިހެން ދަރިފުޅެވެ. ވިހޭއިރުވެސް ހަށިގަނޑުގެ ކަނާއަތު ފަރާތް އެއްކޮށް ވާގިނެތިފައިވާ ލަތީފް އެކަމުން ރަނގަޅު ކުރުމަށް އޭނާގެ މައިންބަފައިން ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ. 1980 ވަނަ އަހަރު ލަތީފް އުފަންވިއިރު އޭރު ސިއްހީ ގޮތުން ރާއްޖެ އޮތީ ކުރިއަރާފައެއް ނޫނެވެ. އެހެންވިޔަސް އޭނާގެ މައިންބަފައިން ގޮތެއް ދުލެއް ނުކުރެ އެވެ. އެގޮތުން އޭނާ މައިންބަފައިން ވަނީ ގައިގާ ތެޔޮ ދަމައިގެންނާއި އޭރުއްސުރެ އޭނާއަށް ދިވެހި ބޭސް ކުރަން ފަށާފަ އެވެ. ނަތީޖާއަކަށްވީ އުމުރުން ފަސް އަހަރުގައި އެހެން ކުދިންނެކޭ އެއްގޮތަށް ހިނގާބިނގާވެ އުޅުމުގެ ނަސީބު ލަތީފުއަށް ވެސް ލިބުމެވެ.
މިއަދުވެސް އޭނާއަކީ ހަށިގަނޑުގެ އެއްބައި ވާގިނެތިފައިވާ މީހެއް ނަމަވެސް އޭނާ އުޅެމުން އަންނަނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ލަތީފަކީ އެ ސްކޫލުގެ ހިސާބު ޑިޕާޓްމަންޓުގެ ހެޑްވެސް މެއެވެ. ރަށު ސްކޫލުން ގްރޭޑް 10 ނިންމާލުމަށް ފަހު އިތުރަށް ތައުލީމު ހާސިލުކުރުމަށް އޭނާ މާލެ ދަތުރުކުރީ 2001 ވަނަ އަހަރެވެ. އެގޮތުން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގައި އޭ ލެވެލް ކިޔެވުމަށް ފަހު، ޓީޗަރަކަށް ވުމުގެ ހުވަފުގައި ހަގީގީ ކުލަ ޖެއްސުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން 2003 ވަނަ އަހަރުގެ ތެރޭގައި ސޯޝަލް ސްޓަޑީސް އާއި ހިސާބު މާއްދާއިން ޓީޗަރަކަށްވުމުގެ ދަތުރު ފެށިއިރު މިދިޔަ 2017 ވަނަ އަހަރުގެ ތެރޭގައި ލަތީފް ވަނީ ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލުކޮށްފަ އެވެ.

- ލަތީފްގެ މައިންބަފައިން

ކޮންމެއަކަސް، ލަތީފަކީ ހަމައެކަނި ތައުލީމީ ދާއިރާގައި ފާހަގަ ކުރެވޭ ފަރާތެއް ނޫނެވެ. އޭނާގެ ނަން ކުޅިވަރުގެ ތާރީހުގައި ވެސް މިވަނީ ލިޔެވިފަ އެވެ. މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް، ތައިލެންޑުގައި ކުރިއަށް ގެންދިޔަ ސްޕެޝަލް އޮލިމްޕިކްގައި ބެޑްމިންޓަނުން އޭނާ މިވަނީ ބްރޯންޒް މެޑަލް ހޯދައި ބައިނަލްއަގްވާމީ ފެންވަރެއްގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދީފަ އެވެ.

ސްޕެޝަލް އޮލިމްޕިކްއަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަމާޒުކޮށް ބާއްވާ މުބާރާތެވެ.

- ރާއްޖެއިން އެ ޓީމަށް މަރުހަބާ ކިޔާފައި

ލަތީފް ސީއެންއެމްއަށް ބުނި ގޮތުގައި އޭނާ ބެޑްމިންޓަނަށް ޝައުގުވެރިކަން އުފެދުނީ ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީކޮޅު ރަށު ސްކޫލުގައި އެޅި އައުޓްޑޯ ބެޑްމިންޓަން ކޯޓެއްގެ ސަބަބުންނެވެ. އެގޮތުން އެކުވެރިންނާއެކު އެތަނަށް ކުޅެން ރެކެޓް ހިފައިގެން ގޮސް އުޅުމުގެ ތެރެއިން އެކަމަށް ހިތްޖެހުނީ އެވެ.

ލަތީފް ބުނީ، ބެޑްމިންޓަން ކޯޗަކު އެރަށަށް ގޮސް ކުރިއަށް ގެންދިޔަ ކޯޗިން ޕްރޮގްރާމެއްގައި ބައިވެރިވި ކަމަށައި އެހެންނަމަވެސް އެދާއިރާއިން މާބޮޑު ކޯޗިންގެ އެހީއެއް އޭނާއަށް އޭރު ނުލިބޭ ކަމަށެވެ.

ލަތީފް އިތުރަށް ބުނީ ތައިލެންޑުގައި ކުރިއަށް ގެންދިޔަ ސްޕެޝަލް އޮލިޕްމިކްސްގައި ބައިވެރިވުމަށް އޭނާއަށް ހިތްވަރުދިނީ އޭނާގެ ކޯޗެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ، އޭނާއާއެކު ސީއެޗްއެސްސީގައި ކިޔެވި އަހުމަދު އިޔާދު ކަމަށެވެ. އަދި އޭނާއަށް އެކަން ކާމިޔާބުވާނެ ކަމަށް ކޯޗު ހިތްވަރުދިނީ އޭނާގެ ކުޅުން ފެނި ކަމަށް ވެސް ލަތީފް ފާހަގަ ކުރި އެވެ.

"އަޅުގަނޑު ރަށުގަ ހުއްޓާ އަޅުގަނޑުގެ ވައިފްގެ ދައްތައެއް ގުޅާފަ ބުނީ އާދެބަލާށޭ ދަރަނބޫދޫއަށް. އެރަށަކީ ނިލަންދޫ ކައިރީގަ އޮންނަ ރަށެއް. އަޅުގަނޑު ދިޔައިރު އެތަނުގަ ހުރީ އަޅުގަނޑާއެކު ސީއެޗްއެސްސީގަ އުޅުން ފްރެންޑެއް. އަހުމަދު އިޔާދު. ބެޑްމިންޓަން ކޯޗިން ކޭމްޕަކަށް އައިސް. އިޔާދު ބުނީ ލަތީފްގެ ކުޅުން ބަލާލަން ބޭނުމޭ. ދެން ކުޅުން ބަލާފަ ވީޑިއޯ ކޮށްފަ ބުނީ މި ފުރުސަތު އޮތް ވާހަކަ. ކޯޗުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން އަޅުގަނޑަށް މި ފުރުސަތު ލިބުނީ،" ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރަން ލިބުނު ގޮތް ކިޔައިދެމުން ލަތީފް ބުންޏެވެ.

- ލަތީފްގެ އާއިލާ

ލަތީފަކީ ވައަތްތެރިއެއް ކަމުން އޭނާ މުބާރާތުގައި ކުޅެފައިވަނީ ވެސް ވައަތުންނެވެ. އޭނާ ބުނީ ކުޑައިރުއްސުރެ އެގޮތަށް އާދަވެފައި ހުރުމުން އެކަމުގައި ދައްޗަށް ކުރިމަތި ނުވާ ކަމަށެވެ. އަދި ހަށިގަނޑުގެ ކަނާއަތް ފަޅި ވާގިނެތިފައިވީނަމަވެސް ދިރިއުޅުމުގައި ވެސް އޭނާއަށް ދަތިތައް ކުރިމަތި ނުވާ ކަމަށެވެ. ހިނގާބިނގާވެ އުޅުމަށް ވެސް ދައްޗެއް ނެތް ކަމަށެވެ.

އޭޝިއާގެ އެތައް ގައުމަކުން ބައިވެރިވި އެ މުބާރާތުގައި ލަތީފް ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިންއިރު އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ޕެރަލިމްޕިކްސްގައި ރާއްޖެއަށް ފަހުރުވެރި ނަތީޖާއެއް ހޯދައިދިނުމަށެވެ. މިފަހަރުގެ މުބާރާތުގައި ލަތީފް ކުޅެފައި ވަނީ ސްޕެޝަލް އެތުލީޓް އިބްރާހިމް ރަބީތުގެ ޔުނިފައިޑް ޕާޓްނަރެއްގެ ގޮތުގަ އެވެ.

ފުރަތަމަ ފަހަރަށް ބެޑްމިންޓަން މުބާރާތެއްގައި ބައިވެރިވެ ފަހުރުވެރި ނަތީޖާއެއް ލަތީފް ހޯދާފައިވާއިރު އޭނާ މިވަނީ ގަދަ އަޅައި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހަކަށް ވެސް ލަނޑުދަނޑިއަށް ވާސިލުވެވޭނެކަން ސާބިތުކޮށްދީފަ އެވެ.

ލަތީފްގެ އަންހެނުންނާއި ދަރިން

މީގެ 12 އަހަރު ކުރިން ކައިވެންޏެއްކޮށް ލަތީފް އާއި އޭނާގެ އަންހެނުންނަށް ވަނީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ވެސް ލިބިފަ އެވެ. ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް ހިތްވަރު ދިނުމަށް އޭނާގެ މުޅި އާއިލާ، އޭނާގެ ފަހަތުގައި އެބަ އޮތެވެ.
މީހުން ފ. ނިލަންދޫ
ހިޔާލު

ޭެރމ

ماشاءالله تبارك الله

ާއައިޝަތު

ލައްޗޭ ސަރ ތީ ހަމަ އެއްވަަނަ. ވޮލީ ކުޅެންވެސް އެހާމެ މޮޅުވާނެ. ކުރަހަން ވެސް ނުކުރެވޭ ނޯންނާނެ އެއްކަމެއްވެސް..