Nuhahgun vazeefa gellunu meehunnah 6.8 million Rufiyaa ge badhalu dheefi
image
އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ނުހައްގުން ވަޒީފާ ގެއްލުނު މީހުންނަށް 6.8 މިލިއަން ރުފިޔާގެ ބަދަލު ދީފި

ސިޔާސީ އެކި ސަބަބުތަކާ ހުރެ ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ގެއްލުމުގެ ބަދަލު ދިނުމަށް މި އަހަރުގެ ތެރޭގައި 6.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބަންޑާރަ ނައިބް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަ ނައިބް ވިދާޅުވީ ސިޔާސީ ސަބަބުތަކަށްޓަކައި އެތައް ބައެއްގެ ވަޒީފާ ނިގުޅައިގެންފައިވާ ކަމަށާއި އެގޮތުން ދެ ފަރާތުގައި ދެމެދުގައި ކޮންޓްރެކްޓެއް ހެދިފައި އޮންނައިރު ކޮންޓްރެކްޓުން ސަރުކާރުގެ އިދާރާއަކަށް ނުވަތަ ސަރުކާރަށް ލާޒިމް ކުރާ އިލްތިޒާމްތަކާ ހިލާފަށް ވެސް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އެފަދަ ސަބަބުތައް ޝަރީއަތުގެ މަރުހަލާގައި ފާހަގަކުރެވި ވަޒީފާ އަދާ ކުރާ މީހުންގެ ރައްކާތެރިކަމާއި މާލީ އިނާޔަތްތައް ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް ބަންޑާރަ ނައިބް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން މިހާތަނަށް ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް 6.8 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފަދަ 74 މައްސަލައެއް ހުށަހެޅި، ގިނަ މައްސަލަތަކެއް ކޯޓުން ބޭރުން ނިންމުމަށް ވެސް މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް ބަންޑާރަ ނައިބް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ވަނީ ވަޒީފާ ގެއްލުނު 119 މީހަކަށް އިންސާފު ހޯދައިދީފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހު އަހަރު، ގިނަ ބަޔަކު ސިޔާސީ ބޭނުމަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ އެވެ. އަދި ވަޒީފާ އަދާ ކުރަމުން ދިޔަ ތަން ދުރު އަތޮޅުތަކަށް ބަދަލު ކުރި ކަމުގެ އަޑުތައް ވެސް ގަދަވި އެވެ. އެ ޝަކުވާތަކާ ހުރެ ވަޒީފާތަކުން ވަކި ކުރި މީހުންނާއި އެހެން ވަޒީފާއަކަށް ބަދަލު ކުރި މީހުންނަށް އިންސާފު ހޯދައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޕްރެޒިޑެންޝަލް އެކްޝަން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަވައިފަ އެވެ.

އެފަދަ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި ޝަކުވާ ހުށަހެޅި މީހުންގެ މައްސަލަތައް ބަލައި ބައެއް މީހުންނަށް ވަޒީފާއިން ވަކި ކުރުމުގެ ބަދަލު ދިންއިރު އަނެއް ބައި މީހުންނަށް އަލުން ވަނީ ވަޒީފާ ދީފަ އެވެ.
އޭޖީ އޮފީސް
ހިޔާލު