Import aai export ithuruve, aamdhanee mahchah jehilaifi
image
މާލޭ ކޮމާޝަލް ހާބާ ސަރަހައްދު-- ފޮޓޯ: ސަން
0 ކޮމެންޓް
 

އިމްޕޯޓާއި އެކްސްޕޯޓު އިތުރުވެ، އާމްދަނީ މައްޗަށް ޖެހިލައިފި

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓު އިތުރުވެ، ލިބުނު އާމްދަނީ ވެސް މައްޗަށް ޖެހިލައިފި އެވެ.
ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު 0.37 އިންސައްތައިން އިތުރުވެފަ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރުގައި 287 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، މިއަހަރު އޮކްޓޯބަރުގައި ލިބިފައި ވަނީ 288 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން މި އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓު އިތުރުވުމުން ސީއައިއެފް (ކޮސްޓް، އިންޝުރެންސް އަދި ފްރެއިޓް) އަގު ވަނީ 10 އިންސައްތަ އިތުރުވެފަ އެވެ.

މިއަހަރުގެ އޮކްޓޯބަރުގައި 4.2 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި އެތެރެކޮށްފައި ވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.

އޮކްޓޯބަރު މަހު މުދާ އެކްސްޕޯޓު ކުރި މިންވަރު ވެސް ވަނީ 16 އިންސައްތައިން އިތުރުވެފަ އެވެ. އެއީ 257 މިލިއަން ރުފިޔާ އިން 298 މިލިއަން ރުފިޔާ އަށެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓު ކުރީ ތައިލޭންޑް، ފްރާންސް، އިނގިރޭސިވިލާތް، އެމެރިކާ އަދި ޖަރުމަނަށެވެ.

ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައިން މުދާ އިމްޕޯޓު ކުރި ގައުމަކީ 744 މިލިއަން ރުފިޔާގެ މުދަލާއެކު ޗައިނާ އެވެ. ދެވަނަ އަށް އެންމެ ގިނައިން މުދާ އެތެރެ ކުރީ ޔޫއޭއީންނެވެ. އެއީ 743 މިލިއަން ރުފިޔާގެ މުދަލެވެ.

ސިންގަޕޫރުން 557 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައި ވާއިރު، ދެން އެންމެ ގިނައިން މުދާ ގެނައި ގައުމުތަކަކީ އިންޑިއާ އަދި މެލޭޝިއާ އެވެ.
ހިޔާލު