Dhandah vanna meehun madhuvumun Raees Nasheed kanboduve vadaigenfi
image
ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެންބަރުން ގަލޮޅު ދަނޑަށް ވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް
2 ކޮމެންޓް
 

ދަނޑަށް ވަންނަ މީހުން މަދުވުމުން ރައީސް ނަޝީދު ކަންބޮޑުވެވަޑައިގެންފި

ގަލޮޅު ދަނޑުގައި ކުޅޭ މެޗްތައް ބެލުމަށް ވަންނަ މީހުންގެ އަދަދު ވަރަށް މަދުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ނަޝީދުގެ މިކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މުހިއްމު ދުވަހަކަށްވާއިރު ގަލޮޅު ދަނޑުގައި ކުޅޭ ބޯޅަ މެޗްތައް ބެލުމަށް ދުވަހުން ދުވަހަށް މީހުންގެ ޝައުގުވެރިކަން ކުޑަވަމުންދާ ކަމަށެވެ. އެކަމަކު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ މެޗުތައް ބެލުމަށް އެވަގުތުކޮޅު ހުސްކޮށްދެއްވުމަށްވެސް ރައީސް ނަޝީދު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"[ގަލޮޅު ދަނޑަށް މެޗު ބަލަންދާ މީހުން މަދުވުން] އެއީ ދެން ވަރަށް ހިތާމަވެރި މަންޒަރެެއް،" ކަންބޮޑުވުމާ އެކު ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއި ގުއާމުގެ ފުޓްބޯޅަ ޓީމު ގަލޮޅު ދަނޑުގައި ބައްދަލުކުރާ މެޗަކީ ރާއްޖެއަށް ކާމިޔާބު ލިބޭނެ މެޗެއް ކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށެވެ.

މިމެޗް ބައްލަވާލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގަތުމަށް ހުރިހާ މަޖިލިސް މެންބަރުންނަށް ވެސް ދައުވަތު ލިބިފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ ހުރިހާ މެންބަރުން ވެސް މިއަދުގެ މެޗް ބައްލަވާލެއްވުމަށް ވަގުތު ހުސްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އޭޝިއަން ކަޕާއި ވޯލްޑް ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި މީގެކުރިން ގުއާމުގައި ކުޅުނު މެޗް ރާއްޖެއިން ވަނީ އެކެއް ސުމަކުން ކާމިޔާބުކޮށްފަ އެެވެ.

ޕެސިފިކް ކަނޑުގައިވާ ގުއާމަކީ އެމެރިކާގެ ބާރުގެ ދަށުގައިވާ ރާއްޖެ ފަދަ ޖަޒީރާ އެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ "ނޯ މޭން އިޒް އައިލެންޑް"ގެ ނަން ދީފައިވާ ވަރަށް ރީތި ފިލްމެއް ގުއާމުގައި ކުޅެފައިވާ ކަންވެސް ފާހަގަކުރައްވާފަ އެވެ. މި ފިލްމު 1962 ވަނަ އަހަރު ޕްރިމިއާ ކުރި ނަމަވެސް އެމަނިކުފާނަށް މި ފިލްމު ބައްލަވާލެއްވުމަށް ފުރުސަތު ލިބިވަޑައިގަތީ 1980ގެ އަހަރުތަކުގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގައި ކުޅޭ މެޗްތައް ބެލުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ދިއުމަށް ހިތްވަރު ދެއްވާ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއިރު ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއި ފިލިޕީންސްގެ ގައުމީ ފުޓްބޯޅަ ޓީމު އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅުނު މެޗް ބައްލަވާލެއްވުމަށް ރައީސް ނަޝީދާއި މަޖިލީހުގެ ގިނަ މެންބަރުން ވަނީ ދަނޑަށް ވަޑައިގެން ޓީމަށް ސަޕޯޓްކުރައްވާފަ އެވެ.
ހިޔާލު

ހިތާމަ ވެރި ތާއްޖެތެރޭ މީހާ

މަޖިލިސް މެމްބަރުންނަށް ބޮޑު މުސާރަ އާއި އެކު ދައުވަތު ލިބުނަސް ރައްޔިތު މީހާ އުޅެނީ ކުލި ދައްކާނެ ލާރި ހަމަ ނުވެގެން. ދެން ކިހިނެއް 150 ދީފަ އަދި ލާރި ހޯދަން ލިބޭ ވަގުތު ތިކަމަށް ހުސް ކުރާނީ. ދަހިތްވޭ، ކާމިޔާބު ކުރާތަން ބަލަން ވެސް ބޭނުން. އެކަމު ދައުލަތައް ޓެކްސް ދައްކަން ފައިސާ ހޯދާފަ މާލެ މީހުންނަށް ކުލި ދައްކަން ލާރި ހޯދުން ނޫން ކަމެއް ރައްޔިތު މީހާ ދުނިޔެ އުމުރުގަ ނެތް.

ވަހީދު

ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކޮޓަަރި ކުލިދައްކާފައި ދަރިންނަށް ބޭނުންވާ އަސާސީ ކަންކަން ކޮށްނުދެވޭ އަހަރުމެންނަށް.