Influenza beys husvefa vaa kamah dhekevey vaahaka thah HPA inn dhogu koffi
image
ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިންފްލުއެންޒާ ބޭސް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެޗްޕީއޭއިން ދޮގުކޮށްފި

ރާއްޖޭގެ އިންފްލުއެންޒާ ފެތުރެން ފަށާފައި ވާއިރު، އެއަށް ބޭނުންވާ ބޭސް ހުސްވެފައިވާ ކަމަށް ފެތުރޭ ހަބަރުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފި އެވެ.
އިންފުލުއެންޒާ ރާއްޖޭގައި އިތުރުވަމުން ދާއިރު އެކަމަށް ބޭނުން ކުރާ ބޭސް ހުސްވެފައިވާ ކަމަށް އަޑުތައް ވަނީ އަރާފަ އެވެ. އެކަމާ ގުޅިގެން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނިޝާން ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ އުންފުލުއެންޒާއަށް ބޭނުން ކުރަން ޖެހޭ ބޭހެއް ނަމަ ހޮސްޕިޓަލުތަކުން ލިބެން ހުންނާނެ ކަމަށެވެ.

އެގޮތުން އިންފުލުއެންޒާގައި ބޭނުން ކުރާނެ އެންޓި ވައިރަލްއެއް މާލެ ހޮސްޕިޓަލުތަކުގެ އިތުރުން އަތޮޅު ތެރޭ ހޮސްޕިޓަލު ތަކުގައި ވެސް ހުންނާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.

ނިޝާން ވިދާޅުވި ގޮތުގައި އެ ބޭސް ދެނީ ހައި ރިސްކު މީހުންނަށް ކަމަށެވެ. އެގޮތުން ހައި ރިސްކު މީހުންނަކީ މާބަނޑު މީހުންނާއި ތަފާތު ބަލިތަކަށް ބޭސް ކާ މީހުންނާއި އަދި ހާލު ސީރިއަސް ވެގެން އަންނަ މީހުން ކަމަށެވެ.

ނިޝާން ވިދާޅުވި ގޮތުގައި އިންފުލުއެންޒާ މިހާރު ވެސް އަންނަނީ އިތުރު ވަމުން ކަމަށެވެ. އަދި އެކަމަށް ރައްކާތެރިވުމަށް ނިޝާން ވަނީ ގޮވާލާފަ އެވެ.

އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އޭގެ ތިން ވައްތަރެއް ވެއެވެ. އެއީ އިންފްލުއެންޒާ އޭ، ބީ އަދި ސީ އެވެ.

އިންފްލުއެންޒާ އޭ އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެވެ. އަދި އިންފްލުއެންޒާ ބީ އަކީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެކެވެ. އެގޮތުން މިއީ މޫސުމީ ގޮތުން ފެތުރޭ ވައިރަހެކެވެ. އަދި މިއީ އެންމެ ނުރައްކާތެރި ވައްތަރެވެ. އިންފްލުއެންޒާ ސީ އަކީ އާދައިގެ ރޯގާއެއް ގޮތަށް ޖެހޭ އަދި މި ބާވަތުގެ އެންމެ ނުރައްކާ ކުޑަ ވައްތަރެވެ.

އިންފްލުއެންޒާގެ ސަބަބުން ރާއްޖޭގައި ވެސް ބައެއް މީހުން މަރުވެފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރު ހަ މީހުން މަރުވި އެވެ.

އިންފުލުއެންޒާއެކޭ އެއްގޮތަށް މިދުވަސްވަރު ރާއްޖޭގައި ދަނީ އަރިދަފުސް ރޯގާ ވެސް އިތުރުވަމުންނެވެ. އެގޮތުން އެ ބައްޔަށް ރައްކާތެރިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށް ގޭގައި ދެވޭ ފަރުވާތައް ދޭން ޖެހެ އެވެ. އެގޮތުން އަރާމުކޮށް ގަދަޔަށް ހުން އަންނަ ނަމަ ގައިގައި ފެންފޮތިލައި ދިޔާ ތަކެތި ބޭނުން ކުރުން އިތުރުކުރަން ޖެހެ އެވެ. އަދި ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ވެސް ހޯދަން ޖެހެ އެވެ.

އޭގެ އިތުރުން ޑޮކްޓަރުންގެ އިރުޝާދާ ނުލައި ޕެރަސެޓެމޯލް ފިޔަވައި އިތުރު ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރާއިރު ބަލިފެތުރުން މަދުކުރުމަށްޓަކައި ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް ހޮސްޕިޓަލަށް ނުދިއުމަށް ވެސް އެޗްޕީއޭއިން އެދެ އެވެ.
އެޗްޕީއޭ
ހިޔާލު