Kudakudhinnah aniyaakohgen husha alha massalathakuge thahugeegu las: HRCM
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

"ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގެ ތަހުގީގު ލަސް"

ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގެ ތަހުގީގު ލަސްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމް އިން އެހެން ބުނެފައި މިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގަ އެވެ.

އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ބުނީ އެކޮމިޝަނަށް ހުށައެޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އާއިލާގެ ފަރާތުންވާ އިހުމާލާއި، ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އާއިލާގެ ފަރާތުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށެވެ.

މީގެއިތުރުން ދައުލަތުގެ މުއައްސަސާތަކުންވާ އިހުމާލާއި، ކުޑަކުދިންނަށް ގަނާކުރާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައްވެސް ހިމެނޭ ކަމަށް ކޮމިޝަނުން ބުނެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެކިއެކި ކުށްތަކުގައި ހައްޔަރުކުރެވޭ ކުޑަކުދިން ބަންދުގައި ތިބޭ ބޮޑެތި މީހުންނާ ވަކިން ބައިތިއްބާނެ އިންތިޒާމެއްވެސް ހަމަޖައްސަންޖެހޭ ކަމަށެވެ.

ހަމައެހެންމެ، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށުގެ ވެއްޓާ ދުރުހެލިކޮށް، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އަނިޔާ ލިބޭ ކުދިންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ތަހުގީގު މަރުހަލާ ލަސްވެ، މައްސަލައިގެ ހެކިގެއްލި، އިންސާފު ހޯދައިދިނުމަށް ހުރަސްއެޅޭކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖައާކޮށް، މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ގާއިމުކޮށް، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ." އެޗްއާރްސީއެމް އިން ނެރނު ބަޔާނުގައި ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭކަން ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގްބަލް ކަމަށްވީ ހިނދު އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ދިނުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ދެކި، އެކުދިންނަށް ރައްކާތެރިކަން ދިނުމަށް މައިންބަފައިން އަދި މުޖުތަމައުން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލު ފާސްވެގެން ދިއުމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ." އެޗްއާރްސީއެމް އިން ބުންޏެވެ.

މިކަމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު ހެޔޮ ބިންގަލެއްކަމުގައި އެ ކޮމިޝަނުން ދެކޭ ކަމަށް ވެސް ބަޔާން ނިންމާލަމުން ވަނީ ބުނެފަ އެވެ.
ހިޔާލު