Governor aa Deputy Governor ge Sharuthu thah badhalu kuranee
image
މަރުކަޒީ ބޭންކް އެމްއެމްއޭ --
0 ކޮމެންޓް
 

ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރުގެ ޝަރުތުތައް ބަދަލުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަނަރުގެ ޝަރުތުތައް ބަދަލުކުރުމަށް އެމްއެމްއޭގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމު ހުށަހެޅުއްވި މި ބިލުގައި އެމްއެމްއޭގެ ގާނޫނުގެ 40 މާއްދާއަކަށް އިސްލާހު ހުށަހަޅާފައިވެއެވެ.

އެގޮތުން އެމްއެމްއޭގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެވޭ މީހަކީ އިގްތިސޯދީ ދާއިރާއިން ނުވަތަ ބޭންކިން ދާއިރާއިން ޔުނިވާސިޓީ ޑިގްރީއެއް ހާސިލް ކޮށްފައިވުމާއިއެކު އެއިން ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވާންޖެހޭނެ ކަމަށް އެމްއެމްއޭގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

އެމްއެމްއޭގެ ގަވަރުނަރެއް ނުވަތަ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކުރާ ފަރާތަކީ ވަޒީރުން މަޖިލީހުގެ މެންބަރަކަށް ވެގެން ނުވާނެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ބުނެފައިވަނީ އިގްތިސޯދީ ދާއިރާގައި ނުވަތަ ބޭންކިން ދާއިރާގައި ނުވަތަ މާލީ އިދާރާއެއްގައި ނުވަތަ ވިޔަފާރީގެ ދާއިރާގައި ނުވަތަ މިފަދަ ދާއިރާތަކުގައި ވަކިން ނުވަތަ ޖުމްލަގޮތެއްގައި މަދުވެގެން ދިހަ އަހަރު މަސައްކަތްކޮށް، މާލީ ކަންތައްތަކާބެހޭ ތަޖުރިބާ ލިބިފައިވާ، ނުވަތަ މާލީކަންތައްތަކާބެހޭ ދާއިރާއަކުން ތަޢްލީމް ހާސިލްކޮށް، މަދުވެގެން ފަސް އަހަރު މަސައްކަތްކޮށްފައިވާ މީހަކު އެމަގާމަށް އައްޔަން ކުރެވިދާނެ ކަމަށެވެ.

މި ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގައި ބުނެފައިވަނީ އެ އޮތޯރިޓީން މިހާރުވެސް މުވައްޒަފުންނަށް ލޯނު ދޫކުރަކުން އަންނަ ކަންކަން ފިޔަވާ އިތުރު އެހެން ކަމަކަށް މުވައްޒަފުންނަށް ލޯނު ދޫކުރުމަކީ ވަގުތާއި ހާލަތަށް ބަލާއިރު އެދެވިގެންވާ ކަމެއް ކަމަށް ގަވަރުނަރަށް ފެނިއްޖެ ހިނދެއްގައި އެކަމަކަށްޓަކައި މުވައްޒަފުންނަށް ލޯނު ދޫކުރެވިދާނެ ކަމަށެވެ. ނަމަވެސް ލޯނު ދޫކުރެވޭ އަދަދު އެ މުވައްޒަފުންގެ ތިންމަހުގެ މުސާރައަށް ޖެހޭ އަދަދަށްވުރެ އިތުރުވެގެން ނުވާނެ ކަމަށްވެސް އެމްއެމްއޭގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ. އަދި އެފަދަ ކަމަކަށް ލޯނު ދޫކުރަން ވާނީ އެމްއެމްއޭގެ ބޯޑުން ކަނޑައަޅާ އުސޫލާއި އެއްގޮތަށް ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އެމްއެމްއޭގެ މުވައްޒަފުންނަށް ލޯނު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ 2015ވަނަ އަހަރުއެވެ. އޭރު ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ލޯނު ދޫކުރެވޭނީ މައިގަނޑު ތިން ބަޔަކަށް ކަމަށެވެ. އެ ތިން ބަޔަކީ ފްލެޓު ގަތުމާއި އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީގެ މުވައްޒަފެއްގެ ދަރިއަކު މަތީތައުލީމު ހާސިލު ކުރުން ނުވަތަ ގޯތި އިމާރާތް ކުރުމަށް ލޯނު ދިނުމަށެވެ.

އެމްއެމްއޭގެ ގާނޫނަކީ 1981ވަނަ އަހަރު ފާސްކުރި ގާނޫނެކެވެ. މި ގާނޫނަށް އެންމެ ފުރަތަމަ އިސްލާހެއް ހުށަހަޅާފައި ވަނީ 2007ވަނަ އަހަރުއެވެ. އޭގެފަހުން މި ގާނޫނަށް އިސްލާހު ގެނެސްފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ.

މި ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވާފައެވެ.
އެމްއެމްއޭ
ހިޔާލު